Roadha Mihaaru
ހަމަލާދިން މީހުންނަށް ދައުވާކުރުމާ ގުޅޭ ތަފުސީލް މާދަމާ

ނަޝީދަށް ހަމަލާދިން މީހުންނަށް ދައުވާކުރުމާ މެދު ގޮތްތަކެއް ނިންމައިފި، ތަފުސީލު މާދަމާ ހާމަކުރަނީ

02 އޯގަސްޓް 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހުންނަށް ދައުވާ ކުރުމާ މެދު ގޮތްތަކެއް ނިންމާފައިވާ ކަމަށާއި އޭގެ ތަފުސީލުތައް މާދަމާ ހާމަކުރައްވަން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހުންނަށް ދައުވާ ކުރުމާ މެދު ގޮތްތަކެއް ނިންމާފައިވާ ކަމަށާއި އޭގެ ތަފުސީލުތައް މާދަމާ ހާމަކުރައްވަން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ނިންމައިފި އެވެ.

އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މެއި ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ ކުރުމާ ގުޅޭގޮތުން ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ. އެކަމުގެ ފުރިހަމަ ތަފްސީލު ހިއްސާކުރުމަށް މާދަމާ މެންދުރު 2:00 ގައި ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާއިލީ ގެކޮޅު ގ. ކެނެރީގެ އިން ނުކުމެވަޑައިގެން، ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ފަސް މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފުލުހުން ފޮނުވާފައި ވެ އެވެ. އެއީ؛ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހު އަދި މަނަދޫ، ނޫރީގޭ އަލީ ހައިޝަމެވެ. ނަމަވެސް، މިހާތަނަށް އެއްވެސް މީހަކަށް ދައުވާ ކުރަން ކޯޓަށް ފޮނުވި ކަމަކަށް ޕީޖީ އޮފީހަކުން ނުބުނެ އެވެ.

ނަޝީދަށް ދިން ހަމަލައާ ސީދާ ގުޅުން ހުރި 10 މީހަކު ހައްޔަރުކޮށް، މިހާރު ވެސް ފަސް މީހެއްގެ ތަހުގީގު ކުރިއަށް ގެންދެ އެވެ. އެއީ؛ މ. އުދެހިގޭ އިސްހާގާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީ އާއި އއ. މާޅޮހު އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި ހަމަލާ ދިނުމަށް އިރުޝާދު ދިން ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމެވެ.