Roadha Mihaaru
އެތުލެޓިކޯ ބާސާ އެއްވަރުވެ ރެއާލްއަށް ހިތްހަމަޖެހުން

އެތުލެޓިކޯ އާއި ބާސާ އެއްވަރުވެ ރެއާލްއަށް ހިތްހަމަޖެހުން

09 މެއި 2021

ބާސެލޯނާ (9 މެއި) - އެފްސީ ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު އެއްވަރުވުމުން، ރެއާލް މެޑްރިޑަށް ހިތްހަމަޖެހުން ލިބިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބާސެލޯނާ (9 މެއި) - އެފްސީ ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު އެއްވަރުވުމުން، ރެއާލް މެޑްރިޑަށް ހިތްހަމަޖެހުން ލިބިއްޖެ އެވެ.

ބާސެލޯނާގެ ކޭމްޕްނޯ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު އެއްވަރުވީ ލަނޑެއް ނުޖެހި އެވެ. އެ ނަތީޖާ އާއެކު، މިހާރު ތިން ވަނައިގައި އޮތް ރެއާލަށް މާދަމާ ރޭ ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ އެއްވަނަ އަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

އެއް ވަނައިގައި އެތުލެޓިކޯ އޮތީ 77 ޕޮއިންޓްގަ އެވެ. މެޗުން އެއްވަރުވެ ލިބުނު ޕޮއިންޓާއެކު ޖުމްލަ 75 ޕޮއިންޓް ހޯދައިގެން ބާސާ ވަނީ ދެ ވަނައަށް ޖެހިލާފަ އެވެ. މާދަމާ ރޭ ކުޅޭ މެޗުން މޮޅުވެ ރެއާލަށް ޕޮއިންޓްގެ ގޮތުން އެތުލެޓިކޯ އާ ހަމަހަމަކޮށް، "ހެޑް ޑު ހެޑް"ގެ ނަތީޖާތަކުން ތާވަލުގެ އެއް ވަނަ ރެއާލްއަށް ލިބޭނެ އެވެ.

މެޗަށް ސަސްޕެންޑްވެފައި ހުރި، ބާސާގެ ކޯޗް ރޮނަލްޑް ކޫމަން، މިދިޔަ ހަފުތާގައި ވެލެންސިއާ ދެކޮޅަށް ކުޅުނު ޓީމުގެ ފުރަތަމަ 11 އަށް ގެނެސްފައި ވަނީ އެންމެ ބަދަލެކެވެ. ރޮނަލްޑް އަރައުހޯގެ ބަދަލުގައި ކޫމަން ވަނީ އޮސްކާ މިންގްއޭޒާ އަށް ފުރުސަތު ދިފަ އެވެ.

އެތުލެޓިކޯގެ ކޯޗް ޑިއޭގޯ ސިމިއޯނީ ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ މެޗުގެ ކުރީކޮޅު ތޯމަސް ލެމާ އަށް އަނިޔާވެގެން ބަދަލު ކުރަން ޖެހުމެވެ. މެޗުގެ 15 ވަނަ މިނެޓާ ހަމައަށް ނުދަނީސް ލެމާ ބަދަލުކޮށް ސައުލް ކުޅެން ނެރުނެވެ.

މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާނެ ފުރުސަތު ތަނަވަސް ކުރީ އެތުލެޓިކޯއިންނެވެ. އެ ޓީމުގެ މާކޯސް ޔޮރެންޓޭ ފޮނުވާލި ބޯޅަ ދިފާއު ކުރަން ބާސާގެ ކީޕަރު މާކް އެންޑްރޭ ޓާ ސްޓެގަން އަށް ޖެހުނެވެ. ކުރީގެ ޓީމު މޭޓް ލުއިސް ސުއަރޭޒް އޭގެ މިނެޓެއް ފަހުން ފޮނުވާލި ބޯޅަވެސް ޓާ ސްޓެގަން ވަނީ ދިފާއު ކޮށްފަ އެވެ. އޭގެ ފަހުން ޔަނިކް ކަރެސްކޯ ފޮނުވާލި ބޯޅަ ދިފާއު ކުރުމުން ރީބައުންސްވި ބޯޅަ ސުއަރޭޒަށް ލިބުނެވެ. ނަމަވެސް ސުއަރޭޒަށް އެ ފުރުސަތު ގޯލަކަށް ހަދާލެވޭ ގޮތެއް ނުވި އެވެ.

ފުރަތަމަ ހާފުގައި، ބާސާގެ ޓީމަށް ލިބުނު ތަނަވަސް ފުރުސަތު ލިބުނީ ކެޕްޓަން ލިއޮނެލް މެސީއަށެވެ. އެ ބޯޅަ އެތުލެޓިކޯގެ ކީޕަރު ޔޭން އޮބްލެކް ދިފާއުކޮށް ކޯނަރަކަށް ބޭރުކޯށްލީ އެވެ. މެޗުގެ ފަހު 10 މިނެޓު ތެރޭގައި އުސްމާން ޑެމެބެލޭ ލަނޑެއް ޖެހުމާ ވަރަށް ގާތަށް ޖެހިލި އެވެ. އޭނާ ބޮޅުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.