Roadha Mihaaru
ކްރިކެޓް ކާނިވަލުން މޮޅުވީ އަންހެން އަމްޕަޔަރުން

ކްރިކެޓް ކާނިވަލުން މޮޅުވީ އަންހެން އަމްޕަޔަރުން

14 މެއި 2021

މި ނިމުނު ރޯދަ މަހު ކްރިކެޓް ބޯޑުން ބޭއްވި ރަމަޟާން ކްރިކެޓް ކާނިވަލުން ފާހަގަ ކުރެވުނު ތަރިންނާއި ޗެމްޕިއަންކަން ހޯދި ޓީމުތަކުގެ ވާހަކަ އަށް ވުރެ، މި ވާހަކަ ބޮޑެވެ. ރާއްޖޭގެ ތިން ސަރަހައްދެއްގައި ބޭއްވި މި އަހަރުގެ ކްރިކެޓް ކާނިވާ އެންމެ ހާއްސަވަނީ ފުޓްބޯޅައެކޭ އެއްގޮތަށް، ކްރިކެޓަކީ ވެސް ފިރިހެނުންގެ އެކަނި ކުޅިވަރެއް ކަމަށް ބެލެވިފައި އޮތް ޒަމާން ނިމި، އަންހެނުންގެ ބައިވެރިވުމާ އެކު ރާއްޖޭގެ ތާރީހުން ޖާގަ ހޯދީތީ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މާލޭގެ އިތުރުން ލ. ކުނަހަންދު އާއި ފުވައްމުލަކުގައި ބޭއްވި ކްރިކެޓް ކާނިވަލުން ފާހަގަވި އެންމެ ބޮޑު ކަމަކީ ފުވައްމުލަކުގެ މުބާރާތުގެ ހުރިހާ މެޗެއްގައި އަންހެނުން މެޗުތަކަށް އިންސާފުކޮށްފައި ވުމެވެ.

ފުވައްމުލަކު މުބާރާތުގައި އޯން ފީލްޑް ޑެސިޝަން ނަގަން މައި ރެފްރީއެއްގެ ގޮތުގައި ހުރީ ޝާރާ އަހްމަދު ހަލީމު އިބްރާހިމެވެ. އިތުރު އަމްޕެޔަރުންގެ ގޮތުގައި އޮފިޝަލްކަން ކުރީ އައިޝަތު އައިމާ އާއި މީސާގެ އިތުރުން އާނާ އެވެ.

އައިމާ އަކީ، 2019 ގައި ހޮވި ރާއްޖޭގެ އެންމެ މޮޅު އަންހެން ކްރިކެޓް ކުޅުންތެރިޔާ އެވެ.

ރަމަޟާން ކްރިކެޓް ކާނިވަލުގައި ފުވައްމުލަކު މުބާރާތުގެ މެޗު އޮފިޝަލް

ރަމަޟާން ކްރިކެޓް ކާނިވަލުގައި ފުވައްމުލަކު މުބާރާތުގެ މެޗު އޮފިޝަލް

ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެން ކްރިކެޓް މުބާރާތެއް 2018 ގައި ބޭއްވި އިރު އަމްޕެޔަރުންގެ ގޮތުގައި ތިބީ ފިރިހެން އޮފިޝަލުންނެވެ. ރަމަޟާން ކްރިކެޓް ކާނިވަލުގެ 2019 ވަނަ އަހަރުގެ އެޑިޝަންގެ އިންޓަ އޮފީސް ޓޭޕް ބޯލް މުބާރާތުގެ ފައިނަލު މެޗުގައި ތިން އަންހެން އަންޕަޔަރުން ވަނީ މެޗަށް އިންސާފު ކޮށްފަ އެވެ. އެ ތިން އަންޕެޔަރުންނަކީ ފާތިމަތު ކިނާނަތު އިސްމާއީލް، ޝަމްމާ އަލީ އަދި މަރްޔަމް ކިނާނާ އިސްމާއީލް އެވެ.

މިފަހަރުގެ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުވައްމުލަކުގެ މުބާރާތް ފެށި ނިމެންދެން ހުރިހާ މެޗެއްގައި އަމްޕެޔަރުކަން ކޮށް މުޅި މުބާރާތް ނިންމާލީ ފިރިހެނަކާ އެކަން ހަވާލު ނުކޮށެވެ. މިއީ ރާއްޖޭގެ ކްރިކެޓް ތާރީހްގައި މުޅި މުބާރާތުގައި އޯލް ވިމެން ޓީމެއް އޮފިޝަލްކަން ކުރި ފުރަތަމަ ފަހަރެވެ.

އަންހެން އަންޕެޔަރުން އިތުރު ކުރުމަށް ކްރިކެޓް ބޯޑުން ވަނީ ޕްލޭނެއް އެކުލަވާލާފަ އެވެ. އެ ބޯޑުގެ އަމާޒަކީ އިންޓަނޭޝަނަލް މެޗުތަކާ ހަމައަށް ދިވެހި އަންޕެޔަރުން ގެންދިއުމެވެ.