Roadha Mihaaru
ސިޓީ ކައުންސިލްގެ ހުވާކުރުން އޮންލައިންކޮށް ބާއްވަން ނިންމައިފި

މާލެ ސިޓީ ކައުންސިލްގެ ހުވާކުރުން އޮންލައިންކޮށް ބާއްވަން ނިންމައިފި

16 މެއި 2021

މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް އިންތިހާބުވެފައިވާ މޭޔަރައި ކައުންސިލަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތު މާދަމާ ސަލްޓަން ޕާކުގައި ބާއްވަން ނިންމި ނިންމުން ބަދަލު ގެނެސް، އެ ރަސްމިއްޔާތު އޮންލައިންކޮށް ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭ ސީޓީ ކައުންސިލްގެ ހުވާކުރުން މާދަމާ ހެނދުނު 9:00 ގައި އޮންނާނީ އޮންލައިންކޮށް ކަމަށެވެ.

ހުވާކުރުން އޮންލައިންކޮށް ބާއްވަން މި ނިންމީ، ސަލްޓަން ޕާކުގައި މި ރަސްމިއްޔާތު ބާއްވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވެފައި ވަނިކޮށެވެ. އާންމުންގެ ކަންބޮޑުވުމަކަށްވީ ކޮވިޑްގެ ނުރައްކާ މިހާ ބޮޑުވެފައިވާ ދުވަސްވަރެއްގައި ސިޓީ ކައުންސިލުން އާންމު ތަނެއްގައި ރަސްމިއްޔާތު ބާއްވަން އުޅުމެވެ.

އެނގިފައިވާ ގޮތުގައި މި ރަސްމިއްޔާތު އޮންލައިންކޮށް ބާއްވާ މިއަދު އެޗްޕީއޭ އިން ވެސް ވަނީ ސިޓީ ކައުންސިލަށް އަންގައިފަ އެވެ.

މި ރަސްމިއްޔާތު ޓީވީއެމް އާއި ސިޓީ ކައުންސިލުގެ ފޭސްބުކް ޕޭޖުން ވެސް ވަގުތުން ދައްކާ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން އަލަށް އިންތިހާބުވި މެމްބަރުންނާ ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލްގެ ފަރާތުން އަލަށް އިންތިހާބުވި މެމްބަރުންނާ ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓު، އަނަސް އަބްދުއްސައްތާރާ ވާދަކުރައްވައި ޕީޕީއެމްގެ ކެންޑިޑޭޓް، ޑރ. މުއިއްޒު މޭޔަރު ކަމަށް އިންތިހާބުވެވަޑައިގަތީ ވޯޓުލީ މީހުންގެ 61 ޕަސެންޓުގެ ތާއީދާ އެކުގަ އެވެ.

މިއީ މާލޭގެ މޭޔަރު ކަމަށް އެމްޑީޕީ ފިޔަވައި އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ. އަދި މާލެ ސިޓީ ކައުންސިލުގެ މެޖޯރިޓީ ވެސް މިފަހަރު ލިބުނީ ޕީޕީއެމަށެވެ. އެ ޕާޓީން ޖުމްލަ 11 ގޮނޑިއެއް ކާމިޔާބުކޮށްފައިވެ އެވެ.

މިހާރު މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތް އެމްޑީޕީއަށް މި އިންތިހާބުގައި ކާމިޔާބުކުރެވުނީ އެންމެ ފަސް ގޮނޑި އެވެ. އަދި ޖޫމްހޫރީ ޕާޓީން ވެސް ވަނީ އެއް ގޮނޑި ހޯދައިފަ އެވެ.

މާލޭ ސިޓީ ކައުންސިލުގެ އިތުރުން އެހެން ސިޓީ ކައުންސިލްތަކާއި އަދި ރަށު ކައުންސިލުތަކަށް އަލަށް އިންތިހާބުވި މެމްބަރުންގެ ހުވާކުރުން ވެސް މާދަމާ އޮންނާނެ އެވެ. މި ރަސްމިއްޔާތުތައް ވެސް ކުރިއަށް ގެންދިއުމަށް ނިންމައިފައި ވަނީ އޮންލައިކޮށެވެ.