މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ސަރުކާރު ނުވަތަ އެމްޑީޕީ އަށް ގެއްލުނީ ކޮށްދޭންޖެހޭ ކަންތައްތައް ނުކޮށްދެވިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
12 އެޕްރީލް 2021
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ސަރުކާރު ނުވަތަ އެމްޑީޕީ އަށް ގެއްލުނީ ކޮށްދޭންޖެހޭ ކަންތައްތައް ނުކޮށްދެވިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންގައި ރައީސް އެހެން ވިދާޅުވިއިރު، މިހާތަނަށް މާލޭ ސިޓީ ކައުންސިލްގެ ފުރިހަމަ ކޮންޓްރޯލް ދަމަހައްޓަމުން އައި އެމްޑީޕީ އަށް މި ފަހަރު އެ ކޮންޓްރޯލް ގެއްލި، އެ ކައުންސިލްގެ އަޣުލަބިއްޔަތު އިދިކޮޅު ޕީޕީއެމަށް އަނބުރާލައިފަ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅޭ ގޮތުން ބޭއްވި ބްރީފިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެ ނަތީޖާއާ މެދު ވިސްނާލަަންޖެހޭ ކަމަށެވެ. ހާއްސަކޮށް އެހެން ދިމާވީ މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރެގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެހެންވެ، އެ ކަންކަން ބަލައި ރަނގަޅު ކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
"އަޅުގަނޑު މިއަދު ވެސް ޔަގީންކަން މި އަރުވަނީ މާލޭ ސިޓީ އާއި އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އިހުސާސްތައް ދެނެގަނެ އެ ކަންތައް ހާސިލް ކޮށްދިނުމުގައި މި ސަރުކާރު އިރާދަކުރެއްވިއްޔާ ދެމިއޮންނާނެ ވާހަކަ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނުގެ ރިޔާސީ ދައުރުގެ މެދުތެރެއިން ބޭއްވި މި އިންތިހާބުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ރައީސް ވިދާޅުވިގޮތުގައި، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް ކައުންސިލްތަކުގެ 43 ޕަސެންޓު ލިބުމެވެ. އަދި ލީ ވޯޓުގެ 49 ޕަސެންޓު ހިއްސާކުރަނީ އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ހިތުން މިޑްޓާމް އިލެކްޝަނެއްގައި މިވަރުގެ ކާމިޔާބެއް އަދި މިހާތަނަށް އެއްވެސް ސަރުކާރަކަށް ހާސިލް ވެފައެއް ނެތް. އެހެންވީމާ މިޑްޓާމް އިލެކްޝަނެއްގައި މި ލިބުނު ކާމިޔާބު ފާހަގަކުރުމާއެކު، އަޅުގަނޑު މި ދެންނެވި ކަންބޮޑުވުންތަކާއެކު، ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ކުރަންޖެހޭ ކަންތައް ކުރަމުން ގެންދާނެ ވާހަކަ މި ފުރުސަތުގައި ދަންނަވަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
- މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަތައް.
- ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކާ ގުޅިގެން ކެފޭ/ރެސްޓޯރަންޓް/ޓެކްސީ ޑްރައިވަރުންގެ ދިރިއުޅުމަށް ކުރި އަސަރު.
- އެމްއެމްޕީއާރުސީގެ ތަހުގީގު ނުނިމި ދިގުލައިގެން ދިއުން.
- މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ މަސައްކަތް ލަސްވުން.
ރައީސް ވިދާޅުވިގޮތުގައި، އެކަންކަން މިހާތަނަށް ފާހަގަވެފައިވީ ނަމަވެސް މި އިންތިހާބުގައި ކުރިމަތިވި މައްސަލަތައް އިތުރަށް ބަލަންޖެހެ އެވެ.
އެ މަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ މެމްބަރުން ބޮޑަށް ބަލަނީ މައްސަލަތަކަށް ކަމަށެވެ. އޭގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަނާ ދެކޮޅު އަދި ހިޔާލުފާޅުކުރުން ފަދަ ކަންކަމާ އެ ޕާޓީގެ މެމްބަރުން އެއްކޮޅު ކަމަށް ވިދާޅުވި އެވެ.
"އެމްޑީޕީ އިސްވެ ސަރުކާރު ވަނީ ލިބިފައި. އަދި ރައްޔިތުންގެ މަޖިލީހުގެ 75 ޕަސެންޓު ގޮނޑި ވެސް ރައްޔިތުން ވަނީ ދީފައި. އެހެންވެ، މި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން އެންމެންނަށް މި ކުރެވުނު ކަންތައްތަކުގެ ތެރޭގައި އެބަޖެހޭ ބަލައިލަން. ސަރުކާރުގެ ތެރޭގައި ހުރީ ކޮން މައްސަލަތަކެއްތޯ؟ ކޮންކޮން ކަންތައްތަކެއްތޯ ބަދަލުކުރަން ޖެހެނީ. މަޖިލިސް ތެރޭގައި މައްސަލަތަކެއް ހުރިތޯ. ހުރިއްޔާ އަޅުގަނޑުމެން އެ އަށް އެޑްރެސް ކުރާނެ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، މާލޭގެ އިތުރުން ކުރިން އެމްޑީޕީން ކައުންސިލްތައް ކޮންޓްރޯލް ކުރަމުން އައި ހއ. އިހަވަންދު އާއި ގއ. އާއި ގދ. އަތޮޅު ފަދަ ތަންތަނުން ވެސް އެމްޑީޕީ އަށް ވޯޓުތައް ގެއްލުނު ކަމަށާއި އެ ސަރަހައްދުގެ މީހުންގެ ކަންބޮޑުވުންތަކަށް ވެސް ހައްލު ކޮށްދެއްވާނެ ކަަމަށެވެ.
ރައީސް މިއަދު ވިދާޅުވީ، ވެރިކަމުގައި ތިބި ބައެއްގެ ރިޔާސީ ދައުރުގައި ބާއްވާ އިންތިހާބެއްގެ ނަތީޖާ ކޮންމެ ގޮތަކަށް އެނބުރުނަސް އޭގެ ޒިންމާ އެ ސަރުކާރަކުން ނަގަން ވާނެ ކަމަށެވެ. އެ ސަރުކާރަކަށް އިންތިހާބުން ކާމިޔާބު ވިޔަސް ނުވިޔަސް އެކަން އޮންނަން ވާނީ އެގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމާ މި ފަހަރު މާލޭ ސިޓީ ކައުންސިލުންނާއި އަދި އެހެން ދިމަދިމާލުން ވެސް އެ ލިބުނު ނަތީޖާގައި ސަރުކާރުގެ ދައުރެއް އޮންނާނެ. އެހެންވީމާ އެއީ ކޮން ކަންތައްތަކެއްތޯ ދެނެގަނެ އެކަން ހައްލު ކުރާނެ ވާހަކަ އަޅުގަނޑު މި ދެންނެވީ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރުން ގެންގުޅޭ މަސްވެރިކަމުގެ ސިޔާސަތައް ބަދަލުތައް ގެނެސްފައިވާއިރު، މީގެ ކުރިން އެމްޑީޕީގެ ފުރިހަމަ ކޮންޓްރޯލް އޮތް އިހަވަންދޫ ކައުންސިލްގެ ބާރު އިދިކޮޅަށް ގޮސްފައިވާ ކަމަށެވެ.
އިހަވަންދު އަކީ މަސްވެރިކަމަށް ރާއްޖޭގައި މަޝްހޫރު އެއް ރަށެވެ. އެކަމަކު، އެ ރަށުގެ ކައުންސިލްގެ ހަތް ގޮނޑި ވެސް މި ފަހަރު ނެގީ ޕީޕީއެމެވެ.
ރައީސް ވިދާޅުވީ، މަސްވެރިންގެ އަތުން ސަރުކާރުގެ މަސް ކުންފުނި މިފްކޯ އަށް ކުޑަ އަގެއްގައި މަސް ގަންނަން ފެށީ ދެކޮޅު ނުޖެހި އެ ކުންފުންޏަށް ގެއްލުންވާތީ އެވެ. އެ ބަދަލު ގެނައީ އެ މަނިކުފާނު ވިދާޅުވިގޮތުގައި ބައިނަލްއަގްވާމީ މާކެޓަށް ރިއާޔަތް ކޮށެވެ.
ނަމަވެސް މަސްވެރިންގެ ކަންބޮޑުވުންތަކެއް އެކަމުގައި ހުރި ކަން މި އިންތިހާބުގެ ތެރެއިން ގަބޫލުކުރެެއްވުނު ރައީސް ވިދާޅުވި އެވެ. ނަމަވެސް މަސްވެރިކަމުގެ ސިނާއަތު ތަރައްގީ ކުރަން ސަރުކާރުން ކުރާ ކަންކަމާއެކު އެ ކަންބޮޑުވުންތަކަށް ހައްލު އަންނާނެ ކަމަށް ވިދާޅުވި އެވެ.
ރައްޔިތުން ނިންމާނީ ރަނގަޅަށް: ޑރ. މުއިއްޒު
ކަރަންޓު އުފެއްދުމުގައި މި ސަރުކާރަށް ރެކޯޑެއް!
ތިބެވެނީ މާ މަޑުން، އެމްޑީޕީ ހިންދެމިލަންޖެހޭ: ނަޝީދު
"އަންހެނުންނަށް ގޮނޑި ހާއްސަކުރުމުގެ ފައިދާ ފެންނާނެ"
ކޮރަޕްޝަން ކޮމިޝަންގެ ފުރަތަމަ ޑްރާފްޓް ރައީސަށް
ހައްގުތައް ފޯރުކޮށްދިނުމުގައި ބޭއިންސާފު ނުވާނަން:އަނަސް
މާލެ މިގޮތަށް ދޫކޮށްލާފައި ނުބާއްވާނަން: ނަޝީދު
މީހުން މަދުވީ އުއްމީދުތަކުގައި ކުލަ ނުޖެހުމުން: ނަޝީދު
އަނަސް، މޭޔަރު ކަމަށް ވާދަކުރަން ފޯމު ހުށަހަޅުއްވައިފި
"މެޖޯރިޓީ ނުލިބޭ ނަމަ ވައުދު ފުއްދަން ހުރަސްއެޅިދާނެ"