Roadha Mihaaru
މަސްއޫލިއްޔަތު އަދާކުރުންމަތީ ދެމިހުންނާނަން: ނަޝީދު

ނަޝީދުގެ މެސެޖެއް: މަސްއޫލިއްޔަތު އަދާކުރުންމަތީ ހިތްވަރާ އެކު ދެމިހުންނާނަން

17 މެއި 2021

އެ މަނިކުފާނުގެ ފުރާނަދުއްވައިލަން ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު ވެސް ރައްޔިތުން އެދޭ ގޮތަށް މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެ މަނިކުފާނުގެ ފުރާނަދުއްވައިލަން ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު ވެސް ރައްޔިތުން އެދޭ ގޮތަށް މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ފަށައި، މިހާރު ކުރިއަށް ގެންދާ ޖަލްސާ އަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ، އިރާދަކުރެއްވިއްޔާ މަޖިލީހުގައި އިސާހިތަކު ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި ރާއްޖޭގެ ރައްޔިތުންނާ ބައްދަލު ވެސް ކުރައްވާނެ ކަަމަށެވެ.

"މާތް ﷲގެ ހެޔޮ ރަހުމަތްފުޅާ އެކު ތިޔަ ބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ގޮތަށް އަޅުގަނޑުގެ މަސްއޫލިއްޔަތު އަދާކުރުންމަތީ ހިތްވަރާ އެކު ދެމިހުންނާންނަން،" މެސެޖްގައި ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އަވަހާރަ ކޮށްލަން މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލައިގައި އޭޑީކޭ ހޮސްޕިޓަލްގައި ބޮޑެތި އޮޕަރޭޝަންތަކެއް ކުރުމަށް ފަހު، އިތުރު ފަރުވާ އަށް އެ މަނިކުފާނު މިހާރު ހުންނެވީ ޖަރުމަނުގަ އެވެ.

ނަޝީދުގެ މެސެޖުގައި ވިދާޅުވީ، އެ މަނިކުފާނުގެ ފުރާނަ ދުއްވައިލަން ދިން ހަމަލަ އަށް ފަހު، މި ނުރައްކާތެރި، ބިރުވެރި ހާލަތުގައި ވެސް ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރެއްވުން މަތީގައި މެމްބަރުން ތިއްބަވާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

"ގައުމުގެ މަސްލަހަތު އިސްކުރައްވައި، ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާއި ލާބަ އާއި މަންފާ އަށް މަސައްކަތް ކޮށްދެއްވާނެކަން އަޅުގަނޑަށް ޔަގީން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދަށް ދިން ޓެރަރިސްޓް ހަމަލައިގެ ތުހުމަތަށް މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް، ތަހުގީގު ކުރިއަށް ގެންދާއިރު އެ މައްސަލައިގެ މާ ބޮޑު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ ޖަރީމާ ހިންގީ ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ފިކުރަށް ތަބާވާ ބައެއް ކަމަށެވެ.