Roadha Mihaaru
ސިފައިންގެ ވެރިންނާ އިންކުއަރީގައި އަނެއްކާ ސުވާލުކޮށްފި

ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީގައި ސިފައިންގެ ޗީފާ އަނެއްކާވެސް ސުވާލުކޮށްފި

20 ޖޫން 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ބްރީޗްވެ، އެ މަނިކުފާނު އަވަހާރަކޮށްލަން މިދިޔަ މަހު ހަމަލާދިން މައްސަލާގައި ރައްޔިތުންގެ މަަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާ އަނެއްކާވެސް ސުވާލުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ބްރީޗްވެ، އެ މަނިކުފާނު އަވަހާރަކޮށްލަން މިދިޔަ މަހު ހަމަލާދިން މައްސަލާގައި ރައްޔިތުންގެ މަަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާ އަނެއްކާވެސް ސުވާލުކޮށްފި އެވެ.

މި މަހުގެ ހަ ވަނަ ދުވަހު ވެސް ޝަމާލް 241 ކޮމިޓީގެ އިންކުއަރީ އަށް ވަނީ ހާޒިރުކޮށްފަ އެވެ.

މި ޕާލަމެންޓްރީ އިންކުއަރީ ކުރިއަށް ގެންދަނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިންނެވެ. އެ އިންކުއަރީގައި އެކި ބޭފުޅުންނާ ސުވާލުކުރުމަށާއި މަޝްވަރާކުރުމަށް ކޮމިޓީން މިހާތަނަށް ގިނަ ބައްދަލުވުންތަކެއް ވަނީ ބާއްވައިފަ އެވެ. އެހުރިހާ ބައްދަލުވުމެއް ވެސް ކުރިއަށް ގެންދިޔައީ ސިއްރުންނެވެ.

ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމެއްގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާ ވެސް ސުވާލުކުރި އެވެ. އޭނާއާ ވެސް ކުރިން ސުވާލުކުރި އެވެ.

މަޖިލީހުގެ އިންކުއަރީ އަށް ސިފައިންނާއި ފުލުހުންގެ އިސްވެރިންގެ އިތުރުން، އެ ހަމަލާދިން ވަގުތު ނަޝީދުގެ އަރިހުގައި ތިބި ސެކިއުރިޓީ އޮފިސަރުން މީގެ ކުރިން ހާޒިރުކޮށް ސުވާލުކުރި އެވެ. އަދި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ހާޒިރުކޮށް އޭނާއާ ވެސް ސުވާލުކުރި އެވެ.

މިިދިޔަ މަހުގެ ހައެއްގައި ބޮމެއް ގޮއްވާލައިގެން ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ފުލުހުން އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި އެ ހަމަލާ އަށް ބަޔަކު ފަންޑުކުރި ނަމަ އެ ބަޔަކު ހޯދުން ވެސް ހިމެނެ އެވެ. ހަމަލާ ދިނުމަށް ރާވާއި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު އެ މައްސަލައިގައި ކުރިން ވަނީ ހައްޔަރުކޮށްފައިވެ އެވެ.