Roadha Mihaaru
ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ރަނގަޅު: އަސްލަމް

ނަޝީދަށް ދިން ހަަމަލާގެ ތަހުގީގު ކުރިއަށް ދަނީ ވަރަށް ބާރަށް، ހިތްހަމަޖެހޭ: އަސްލަމް

22 މެއި 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ކުރިއަށް ގެންދަނީ ވަރަށް ބާރަށް ކަމަށާއި ފުލުހުންގެ މަސައްކަތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ކުރިއަށް ގެންދަނީ ވަރަށް ބާރަށް ކަމަށާއި ފުލުހުންގެ މަސައްކަތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ

މި މަހުގެ ހަ ވަނަދުވަހު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ފުލުހުން ރޭ 241 ކޮމިޓީއަށް ދިނެވެ. ގާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ އެ ކޮމިޓީ އަށް މައުލޫމާތު ދޭން މަޖިލީހުގައި ރޭ ބޭއްވި އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

ނަޝީދަށް ދިން ހަމަލައިގެ މައުލޫމާތު ފުލުހުން އަންނަނީ މި ނޫން ފަހަރުތަކުގައި ވެސް 241 ކޮމިޓީއާ ހިއްސާ ކުރަމުންނެވެ.

ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރުކަން ވެސް ކުރައްވާ އަސްލަމް "މިހާރު" އަށް މިއަދު ވިދާޅުވީ ތަހުގީގުގެ ހޯދުންތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވާނީ ފުލުހުން ކަމަށާއި ތަހުގީގުކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

"ތަހުގީގު ވަރަށް ބާރަށް ކުރިއަށް އެ ދަނީ. އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭ ކުރިއަށްދާ ގޮޮތާ [ތަހުގީގުގެ ސްޕީޑާ] މެދު،" އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި، ފުލުހުން ކޮމިޓީއާ ހިއްސާކުރާ މައުލޫމާތުތަކުގެ އަލީގައި އާންމުންނަށް ކަންކަން އޮޅުން ފިލުވައި ދިނުމަށް އެ ކޮމިޓީން މީޑީއާ ބްރީފިންއެއް ވެސް ވަރަށް އަވަހަށް ބާއްވާނެ އެވެ.

ނަޝީދަށް ދިން ހަމަލާގެ މައުލޫމާތު ފުލުހުން 241 ކޮމިޓީއާ ހިއްސާކުރަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ނަޝީދަށް ދިން ހަމަލާގެ މައުލޫމާތު ފުލުހުން 241 ކޮމިޓީއާ ހިއްސާކުރަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ނަޝީދު އަވަހަރާކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު، ދީނީގޮތުން ހަރުކަށި ފިކުރާ ދެކޮޅަށް ސިފައިންނާއި ފުލުހުން ހިންގާ ހަރަކާތްތައް ވަނީ އިތުރުކޮށްފަ އެވެ. މި މައްސަލައިގެ ތަހުގީގު އަވަހަށް ނިންމަން ފުލުހުން ވަނީ އަމާޒު ހިފައިފަ އެވެ. އެގޮތުން މާލެ އާއި އެހެން ބައެއް ރަށްރަށުން މީހުން ހައްޔަރުކޮށް، ތަންތަން ބަލައި ފާސްކުރުމުގެ ގިނަ އޮޕަރޭޝަންތަކެއް ވަނީ ހިންގައިފަ އެވެ.

ނަޝީދަށް ދިން ބޮމުގެ ހަމަލާގައި އެ މަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވުމުން އޭޑީކޭ ހޮސްޕިޓަލުން ގިނަ ސާޖަރީތަކެއް ހެދުމަށް ފަހު މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ޖަރުމަނުގަ އެވެ.

އާއިލާ އިިން އެންމެ ފަހުން ބުނެފައިވާ ގޮތުގައި ހަފުތާއަކު ދެ ފަހަރު ޗެކަޕް ހައްދަވަން ހޮސްޕިޓަލަށް ވަޑައިގަންނަވާ ގޮތަށް، އެ މަނިކުފާނު މިހާރު ހުންނެވީ ޖަރުމަނުގެ ހޮސްޕިޓަލުން ޑިސްޗާޖު ކޮށްފަ އެވެ.

ނަޝީދުގެ އެއްބަނޑުއެއްބަފާ ބޭބެ ޑރ. އިބްރާހިމް ނާޝިދު "މިހާރު" އަށް އިއްޔެ ވިދާޅުވީ، މަހެއް ވަންދެން ޗެކަޕް ހައްދަވަން ޖެހޭ ކަމަށެވެ.

ނަޝީދަށް ދިން ހަމަލައިގެ ތުހުމަތަށް މިހާތަނަށް ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ.