Roadha Mihaaru
މަސައްކަތްކުރާ ވަގުތު ގިނަވުމުން މަރުތައް އިތުރުވަނީ

މަސައްކަތްކުރާ ވަގުތު ގިނަވުމުން މަރުތައް އިތުރުވަނީ

18 މެއި 2021

އާންމުކޮށް ދުވާލެއްގެ މައްޗަށް މަސައްކަތްކުރަން އޮންނަ ވަގުތަށް ވުރެ ގިނައިން މަސައްކަތްކުރުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކުގައި އަހަރަކު 745،000 މީހުން މަރުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާންމުކޮށް ދުވާލެއްގެ މައްޗަށް މަސައްކަތްކުރަން އޮންނަ ވަގުތަށް ވުރެ ގިނައިން މަސައްކަތްކުރުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކުގައި އަހަރަކު 745،000 މީހުން މަރުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

އެތަނުން މުޅިން އަލަށް މިކަމާ ބެހޭ ގޮތުން ހަދާފައިވާ ދިރާސާގައި ބުނެފައިވާ ގޮތުގައި ގިނަ ވަގުތު މަސައްކަތްކުރަން ޖެހުމުން ސްޓްރޯކާއި ހިތުގެ އެ ނޫން ވެސް މައްސަލަތަކާ ހެދި 2016 ގައި އެކަނި ވެސް 745،000 މީހުން މަރުވެފައިވެ އެވެ. އަދި މި މައްސަލަ އެންމެ ބޮޑީ އިރުމަތީ ދެކުނު އޭޝިއާ އާއި ހުޅަނގު ޕެސިފިކް ސަރަހައްދުތަކުގެ ގައުމުތަކުގައި ކަމަށް ބުންޏެވެ.

ޑަބްލިއުއެޗްއޯ އިން ބުނެފައިވާ ގޮތުގައި އާންމުކޮށް ދުވާލަކު އިންސާނަކު މަސައްކަތްކުރަން ޖެހޭ ވަގުތަކީ ގިނަވެގެން އަށް ގަޑިއިރު ކަމަށް ވިޔަސް، މިދިޔަ އަހަރަކީ ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ ހެދި ގިނަ ބަޔަކަށް ދުވާލެއްގެ އެތައް ވަގުތެއް މަސައްކަތުގައި އުޅެން މަޖުބޫރުކުރުވި އަހަރެކެވެ.

ދިރާސާގައި ބުނެފައިވާ ގޮތުގައި ހަފުތާއަކު 55 ގަޑިއިރު ނުވަތަ އެއަށް ވުރެ ގިނަ ވަގުތު މަސައްކަތްކުރާ ނަމަ ސްޓްރޯކް ޖެހުމުގެ ފުރުސަތު 35 ޕަސަންޓަށް އިތުރުކޮށްދެ އެވެ. އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ހަފުތާ އަކު 35-40 ގަޑިއިރަށް މަސައްކަތްކުރާ ނަމަ ހިތުގެ މައްސަލަތަކުގައި މަރުވުމުގެ ފުރުސަތު 17 ޕަސެންޓަށް އިތުރުވެ އެވެ.

ގިނަ ވަގުތު މަސައްކަތުގައި އުޅެން ޖެހުމަކީ ސިއްހީ އެތައް މައްސަލައެއް ކުރިމަތިވާ ކަމެކެވެ. އެގޮތުން ރަނގަޅަށް ނުކެވުމާއި ހަމަނިދި ނުލިބުމާއި ބޮލާއި ލޮލުގައި ރިއްސުމާ އެކު ހާސްކަމާއި ފިކުރާއި ކަންބޮޑުވުން އިތުރުވެ، ނަފުސާނީ އުނދަގޫތައް ވެސް ކުރިމަތިވުން ހިމެނެ އެވެ.

ދުނިޔޭގެ މަސައްކަތްތެރިންގެ ޖަމިއްޔާ އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޝަން (އައިއެލްއޯ) އިން ހަދާފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުގެ ސަބަބުން މަރުވާ މީހުންގެ ތިންބައިކުޅަ އެއް ބަޔަކީ މެދުއުމުރުގެ ނުވަތަ ނުވަތަ އުމުރުން ދުވަސްވީ މީހުންނެވެ.

ޑަބްލިއުއެޗްއޯ އިން ބުނި ގޮތުގައި މަސައްކަތްކުރަން ޖެހޭ ވަގުތު މިހާރު އިތުރުވުމަކީ ރިމޯޓްކޮށް މަސައްކަތްކުރަން ޖެހުމާއި އޭގެ ސަބަބުން ކުރިމަތިވެފައިވާ އިގުތިސާދީ ދުވެލި މަޑުވުމާ އެކު އިތުރު މައްސަލަތަކެއް ވެސް ކުރިމަތިވެދާނެ ކަމެކެވެ.

"މިހާތަނަށް އަހަރެމެންނަށް ފާހަގަ ވެފައި އެބަހުރި ލޮކްޑައުން އަށް ގައުމުތައް ދިއުމުން ކުރިން މަސައްކަތްކުރަން ޖެހޭ ވަގުތަށް ވުރެ ދިހަ ޕަސެންޓް އިތުރަށް މަސައްކަތްކުރަން ދިމާވެފައި ހުރިކަން ވެސް." ޑަބްލިއުއެޗްއޯގެ ޓެކްނިކަލް އޮފިސަރު ފްރޭންކް ޕެގާ ވިދާޅުވި އެވެ.

އެހެންވެ އޭނާ ވިދާޅުވި ގޮތުގައި މިކަމަކީ ވަޒީފާދޭ ފަރާތްތަކުން ވެސް ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެކެވެ. އެގޮތުން މުވައްޒަފުންގެ އޮކިއުޕޭޝަނަލް ހެލްތު ރިސްކާ މެދު މިހާރަށް ވުރެ ބޮޑަށް ފަރުވާތެރިވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ މިކަމަށް ހައްލެއް ހޯދަން ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ މީހުންނާ ދެމެދު ވާހަކަ ދައްކައިގެން ގޮތްތަކެއް ހަމަޖެއްސުމަކީ އުފެއްދުންތެރިކަން ވެސް ރަނގަޅުވާނެ ކަމެއް." ފްރޭންކް ވިދާޅުވި އެވެ.