Roadha Mihaaru
ހެރީ އާއީ އޯޕްރާގެ ޑޮކިއުސީރީޒް ހުކުރު ދުވަހު

ހެރީ އާއީ އޯޕްރާގެ ޑޮކިއުސީރީޒް "ދަ މީ ޔޫ ކާންޓް ސީ" ހުކުރު ދުވަހު

19 މެއި 2021

ނަފުސާނީ ބަލިތަކާ މެދު އާންމުންގެ ތެރޭގައި ހޭލުންތެރިކަން އުފައްދަން ޕްރިންސް ހެރީ އާއި އެމެރިކާގެ މަޝްހޫރު ހޯސްޓް އޯޕްރާ ވިންފްރީ ގުޅިގެން ގެނެސްދޭ ޑޮކިއުސީރީޒްގެ ޓްރެއިލާ އާންމުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނަފުސާނީ ބަލިތަކާ މެދު އާންމުންގެ ތެރޭގައި ހޭލުންތެރިކަން އުފައްދަން ޕްރިންސް ހެރީ އާއި އެމެރިކާގެ މަޝްހޫރު ހޯސްޓް އޯޕްރާ ވިންފްރީ ގުޅިގެން ގެނެސްދޭ ޑޮކިއުސީރީޒްގެ ޓްރެއިލާ އާންމުކޮށްފި އެވެ.

އެޕަލް ޓީވީ ޕްލަސްއާ ގުޅިގެން ގެނެސްދޭ ސީރީޒްގެ ނަމަކީ "ދަ މީ ޔޫ ކާންޓް ސީ" އެވެ. މީތި ސްޓްރީމްކުރާނީ ހުކުރު ދުވަހު އެވެ. ޓްރެއިލާ އިން ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލްގެ އިތުރުން އޯޕްރާ ވެސް ފެނިގެންދެ އެވެ. އަދި މަޝްހޫރު ސެލެބްރިޓީން ކަމަށްވާ ލޭޑީ ގާގާ އާއި ގްލެން ކްލޯޒް އަދި ޑިމާ ޑިރޯޒަން ވެސް ފެންނާނެ އެވެ.

އެ އެންމެންގެ ވާހަކަތަކުގައި ވެސް މެންޓަލް ހެލްތާ ގުޅޭ ގޮތުން އާންމުންގެ ތެރޭގައި ދެކޭ ތަސައްވުރާއި އެފަދަ ބައްޔެއް ތަހައްމަލުކުރާ މީހުންނާ ދޭތެރޭ ދެކޭ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކާ ތަން ފެނެ އެވެ.

މެންޓަލް ހެލްތާ ބެހޭ ގޮތުން ހެރީ ދައްކަވާ ވާހަކަތަކުގެ ތެރޭގައި އެކަމަށް ފަރުވާ ހޯދުމަކީ މީހާގެ ބަލިކަށިކަން ނޫން ކަމަށާއި ދުނިޔޭގެ ހާލަތު މިހާރު އޮތް ގޮތުން ނަފުސާނީ މައްސަލަ ތަޖުތިބާކުރާ މީހުން ވަރަށް ގިނަ ކަމަށާއި އެކަމަށް ފަރުވާ ހޯދަން ކުރިއާ ހިލާފަށް މިހާރު މީހުން މަސައްކަތް ކުރުމަކީ ވެސް ހެޔޮ ބަދަލެއް ކަމަށް ވިދާޅުވެ އެވެ.

"ދަ މީ ޔޫ ކާންޓް ސީ" އަކީ ހެރީ އޯޕްރާ ގުޅިގެން އުފައްދައި، އެކްޒެކެޓިވް ޕްރޮޑިއުސަރުންގެ ގޮތުގައި ގެނެސްދޭ އެއްޗެކެވެ. މި ޑޮކިއުސީރިޒް ގެނެސް މި ދެނީ އެ މީހުން މިހާތަނަށް ކުރިއަށް ގެންދިޔަ ވަރަށް ހައިޕްރޮފައިލް އިންޓަވިއުތަކާ އެކީގަ އެވެ.

މި ޕްރޮޖެކްޓް އިއުލާންކުރީ 2019 ގަ އެވެ. ޑޮކިއުސީރީޒެއްގެ ގޮތުގައި "ދަ މީ ޔޫ ކާންޓް ސީ" ގެނެސްދޭ އިރު މީގެ ޓެކްނިކަލް ޓީމުގެ ފަހަތުގައި ތިބީ ކުރިން ވެސް މިފަދަ މަސައްކަތްތައްކޮށްގެން އެވޯޑް ހޯދާފައިވާ ދެ ފަންނާނުން ކަމަށްވާ އާސިފް ކަޕާޑިއާ އާއި ޑޯން ޕޯޓާ އެވެ.

ހެރީ އަކީ ވަރަށް ކުރިން ފެށިގެން ވެސް މެންޓަލް ހެލްތާ ދެކޮޅަށް މަސައްކަތްކުރައްވާ ބޭފުޅެކެވެ. އެގޮތުން 2017 ގައި ބޭބޭފުޅު ޕްރިންސް ވިލިއަމާ ގުޅިވަޑައިގެން "ހެޑްސް ޓްގެދާ" ގެ ނަމުގައި ކެމްޕޭނެއް ލޯންޗްކޮށް، އޭގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެ އެވެ.