Roadha Mihaaru
ނެޓްފްލިކްސް އަށް ހެރީގެ "އިންވިކްޓަސް ގޭމްސް"

ނެޓްފްލިކްސް އަށް ޕްރިންސް ހެރީގެ "އިންވިކްޓަސް ގޭމްސް"ގެ ވާހަކަ

08 އެޕްރީލް 2021

މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމް ނެޓްފްލިކްސްއާ އެކު ޕްރިންސް ހެރީގެ ދެކަނބަލުން ހެއްދެވި އެއްބަސްވުމުގެ ދަށުން ގެނެސްދޭން ނިންމާފައިވާ ކޮންޓެންޓްގެ ތެރެއިން ފުރަތަމަ އެއްޗަކަށް ހެރީ އުފެއްދެވި "އިންވިކްޓަސް ގޭމްސް" އަށް ބިނާކޮށް ގެނެސްދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމް ނެޓްފްލިކްސްއާ އެކު ޕްރިންސް ހެރީގެ ދެކަނބަލުން ހެއްދެވި އެއްބަސްވުމުގެ ދަށުން ގެނެސްދޭން ނިންމާފައިވާ ކޮންޓެންޓްގެ ތެރެއިން ފުރަތަމަ އެއްޗަކަށް ހެރީ އުފެއްދެވި "އިންވިކްޓަސް ގޭމްސް" އަށް ބިނާކޮށް ގެނެސްދޭން ނިންމައިފި އެވެ.

މިކަން ނެޓްފްލިކްސް އިން ޓްވިޓާގައި ވެސް ހިއްސާކޮށްފައިވެ އެވެ. އެތަނުން ބުނީ "ހާޓް އޮފް އިންވިކްޓަސް"ގެ ނަމުގައި ގެނެސްދޭ ޑޮކިއުމަންޓަރީ ސީރީޒް އަކީ ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލްގެ އާޗިވެލްގެ ދަށުން، "އިންވިކްޓަސް ގޭމްސް" އާއި އޭގައި ބައިވެރިވާ އެތުލީޓިންގެ ވާހަކަ ކިޔައިދޭނެ އެއްޗެއް ކަމަށެވެ.

ދެހާސް ސާދައިގައި ވުޖޫދަށް ގެނައި "އިންވިކްޓަސް ގޭސްމް" އަކީ ގައުމުތަކުގެ އަސްކަރިއްޔާ އަށް ހިދުމަތްކޮށް ދީފައިވާ މީހުންނަަށް ހާއްސަކޮށްގެން ބާއްވާ ހަރަކާތެކެވެ. ވަކިން ބޮޑަށް، މިއީ އަސްކަރިއްޔާގައި ހިދުމަތްކޮށްފައިވާ އަންހެނުންނާއި އެކިއެކި އަނިޔާތައް ލިބިގެން ފަރުވާ ހޯދަން ޖެހިފައިވާ މީހުންނަށް ހާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ. އެގޮތުން މުބާރާތުގެ އެންމެ ބޮޑު މަގުސަދަކީ ވެސް އަނިޔާތަކަށް ފަރުވާ ހޯދުމާއި ރިހިބިލިޓޭޓްވާން ހިތްވަރު ދިނުމާއި ވެޓަރަންގެ ނަފުސާނީ ދުޅަހެޔޮކަމަށް މަސައްކަތްކޮށް، ހިތްވަރު ދިނުމެވެ.

މޮޓޯއެއްގެ ގޮތުގައި "އައި އޭމް" ބޭނުންކުރާ "އިންވިކްޓަސް ގޭމްސް"ގެ ތެރެއިން އެކި ކަހަލަ ކުޅިވަރުތައް ބާއްވަ އެވެ. އޭގެ ތެރޭގައި ވީލްޗެއާ ބާސްކެޓްބޯޅަ، ސައިކްލިން، ޕަވަލިފްޓިން، އިންޑޯ ރޯވިން، ވީލްޗެއާ ރަގްބީ، ފެތުން އަދި ސިޓިން ވޮލީބޯޅަ ފަދަ ކުޅިވަރުތައް ހިމެނެ އެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު އިންވިކްޓްސް ގޭމްސް ބާއްވާ އިރު އެންމެ ފަހުގެ މުބާރާތް އޮތީ 2018 ގައި އޮސްޓްރޭލިއާ ސިޑްނީގަ އެވެ. އަންނަ އަހަރުގެ މުބާރާތް އޮންނާނީ ނެދަލެންޑްސްގެ ދަ ހޭގްގަަ އެވެ.

ނެޓްފްލިކްސް އަށް ހަދާ "ހާޓް އޮފް އިންވިކްޓަސް" ސީރީޒްގައި އަންނަ އަހަރު މުބާރާތާ ގުޅުން ހުރި ކަންކަން ވެސް ގެނެސްދޭނެ އެވެ.

މި ސީރީޒްގެ ޑައިރެކްޓަރަކީ ޑޮކިއުމަންޓަރީ ހަދައިގެން އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ އޯލަންޑޯ ވޮން އީޒީޑެލް އެވެ. އަދި އޭނާއާ އެކު ޕްރޮޑިއުސަރެއްގެ ގޮތުގައި ޖޮއާނާ ނަތަސެގާރާ ހިއްސާވާނެ އެވެ.

ހެރީގެ ދެމަފިރިން ނެޓްފްލިކްސްއާ އެކު އެއްބަސްވުން ހެއްދެނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ 2 ގަ އެވެ. އެއްބަސްވުމުގެ ދަށުން ފީޗާ ފިލްމުތަކާއި ޑޮކިއުމަންޓަރީތަކާއި ޑޮކިއު-ސީރީޒްތަކާއި ކުޑަކުދިންނާ ގުޅުން ހުރި ކޮންޓެންޓްތައް ވެސް ގެނެސްދޭނެ ކަމަށެވެ.