Roadha Mihaaru
ގޮއްވަނީ މީދޫ ފަރުގެ ކުޑަ މިންވަރެއް: މިނިސްޓްރީ

ގޮއްވަނީ މީދޫ ފަރުގެ ކުޑަ މިންވަރެއް: ތިމާވެއްޓާ ބެހޭ މިނިސްޓްރީ

19 ނޮވެމްބަރ 2016

އައްޑޫ މީދޫ ކައިރީ އޮންނަ އިސްމެހެލާހެރަ އާއި މީދުއާ ދޭތެރޭ ނެރު ކެނޑުމަށްޓަކައި ފަރު ގޮއްވައިލުމުގެ ހުއްދަ ދިނީ ތިމާވެއްޓަށް ގެއްލުން ކުޑަވާ ގޮތަށް އެކަން ކުރުމަށް ޝަރުތު ކުރުމަށް ފަހު ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އައްޑޫ މީދޫ ކައިރީ އޮންނަ އިސްމެހެލާހެރަ އާއި މީދުއާ ދޭތެރޭ ނެރު ކެނޑުމަށްޓަކައި ފަރު ގޮއްވައިލުމުގެ ހުއްދަ ދިނީ ތިމާވެއްޓަށް ގެއްލުން ކުޑަވާ ގޮތަށް އެކަން ކުރުމަށް ޝަރުތު ކުރުމަށް ފަހު ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފަރު ގޮއްވައިލުމުގެ ހުއްދަ އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދިނުމުން އެކަމާ ބައެއް މީހުން ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް، ފަރު ގޮއްވުމުގެ މަސައްކަތް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ފެށީ އިއްޔެގަ އެވެ. ފަރު ގޮއްވުމުގެ މަސައްކަތް ތިން ދުވަހަށް ދެމިގެން ދާނެ އެވެ.

މި މައްސަލާގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މީދޫގައި ނެރެއް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން ގޮއްވުމަށް ހުއްދަ ދިން ތަނަކީ ޖުމްލަ ފަރުގެ ސަރަހައްދަށް ބަލާއިރު ކުޑަ މިންވަރެއް ކަމަށެވެ. އެގޮތުން އެއީ ދިގު މިނުގައި 25 ކިލޯމީޓަރު ހުރި ފަރުގެ ވަރަށް ކުޑަ މިންވަރެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި މިކަން ކުރުމަށް ހުއްދަ ދިނީ، ކުރިން ގެންގުޅުނު ހަރުދަނާ އުސޫލުތައް ދޫކޮށްލައި އާއްމުކޮށް ފަރުތައް ގޮއްވުމަށް ނޫން ކަމަށް އެންވަޔަރުމަންޓަލް މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނިގޮތުގައި ނެރު ކެނޑުމުގެ މަސައްކަތަކީ، މަސް ދޯނިފަހަރާއި ކަނޑުގެ އުޅަނދު ދަތުރު ކުރަންޖެހޭ ރާސްތާ ކުރުވެ، ތެލުގެ ހަރަދު އެތައް ގުނައެއް ކުޑަވުން ފަދަ ފައިދާތަކަށް ވިސްނައި އެރަށުގެ މީހުންގެ އެދުމުގެ މަތިން ޑިޒައިންކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

މީދޫ ބަނދަރުގެ މަސައްކަތް ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ސެނެކޯ ޓްރޭޑް ކޮމްބައިން ކުންފުނިން ނެރުގެ އެންމެ ބޭރު ސަރަޙައްދު ފުންކުރަން ދޮޅު އަހަރު ކުރި މަސައްކަތް ނާކާމިޔާބުވުމުން މިކަމަށް އޮތް ހައްލަކީ ވަކި އުސޫލުތަކެއްގެ ދަށުން ނެރުގެ ފަރު ގޮއްވުން ކަމަށް ހުށަހެޅުނު ކަން މިނިސްޓްރީން ފާހަގަކުރި އެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ނެރު ގޮއްވުމުން އެ ސަރަހައްދުގެ މާހައުލަށް ކުރާނެ އަސަރުތައް ދިރާސާ ކުރުމަށް މިނިސްޓްރީން ކުރިން އެންގި އެވެ.

"މި ދިރާސާގެ ނަތީޖާއަށް ބިނާކޮށް މީދޫގައި ނެރު ގޮއްވުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުއްދަ ދިނީ އެ މަސައްކަތް ކުރިއަށް ގެންދެވޭނެ އަލި މަގެއް ނުފެނި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައި ވުމާއެކު، ކަމުގެ މުހިއްމު ކަމުގެ މައްޗަށް ރިއާޔަތްކޮށް އެ މަސައްކަތުން ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަވާނޭ ފަދަ ގޮތަކަށް އެކަން ކުރުމަށް ޝަރުތު ކޮށްފަ އެވެ،" ބަޔާނުގައިވެ އެވެ.

ތިމާވެށީގެ ގޮތުން ނާޒުކު ވެއްޓެއް ލިބިފައިވާ ރާއްޖޭގައި މީގެ 10 އަހަރު ކުރިން ފެށިގެން ވަނީ ފަރު ގޮއްވުން ރަސްމީކޮށް ހުއްޓާލައިފަ އެވެ. މީދޫ ފަރު ގޮއްވާތީ ކަންބޮޑުވުން ފާޅުކޮށް، މިހާރު އަންނަނީ ސަރުކާރަށް ހުށަހެޅުމަށް ޕެޓިޝަނެއްގައި ސޮއި ވެސް ކުރަމުންނެވެ.

އީޕީއޭ އިން ބުނީ ފަރު ގޮއްވައިގެން ލިބިދާނެ ހުރިހާ ގެއްލުމަކަށާއި އިމާރާތްތަކަށް ވެދާނެ ގެއްލުންތަކަށް ޒިންމާ ވާން ޖެހޭނީ ހައުސިން މިނިސްޓްރީ ކަމަށެވެ.