Roadha Mihaaru
ރަސްފަރި ފަރަށް އެރިބޯޓުން 10 މިލިއަން ޑޮލަރު ދީފި

ރަސްފަރި ފަރަށް އެރި ބޯޓުން 10 މިލިއަން ޑޮލަރު ދައްކައިފި

05 ޑިސެމްބަރ 2021

މާލެ އަތޮޅު ރަސްފަރި ފަރަށް ދެ މަސް ކުރިން އެރި އާގު ބޯޓުގެ ޖޫރިމަނާގެ އާއި ގެއްލުމުގެ ބަދަލަށް 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) އެމްއެމްއޭ އަށް ދައްކައިފި އެވެ.

މާލެ އަތޮޅު ރަސްފަރި ފަރަށް ދެ މަސް ކުރިން އެރި އާގު ބޯޓުގެ ޖޫރިމަނާގެ އާއި ގެއްލުމުގެ ބަދަލަށް 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) އެމްއެމްއޭ އަށް ދައްކައިފި އެވެ.

ބޯޓުގެ ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 893 މިލިއަން ރުފިޔާ ދައްކަން އެ ބޯޓުގެ ވެރިފަރާތަށް އީޕީއޭ އިން ކުރިން އޮތީ އަންގައިފަ އެވެ. ޖޫރިމަނާއަށް 100 މިލިއަން ދެއްކި ނަމަވެސް ގެއްލުމުގެ ބަދަލު ވަނީ ކުޑަކޮށްފަ އެވެ.

އެންވަޔަރަަމަންޓް މިނިސްޓްރީން މިއަދު ބުނީ ރަސްފަރި ފަރަށް ބޯޓު އެރި މައްސަލާގައި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖންސީ (އީޕީއޭ) އިން ކޮށްފައިވާ ޖޫރިމަނާ ދެއްކުމުގެ މައްސަލަ ބޯޓުގެ ވެރިފަރާތުން މިނިސްޓަރު އާމިނަތު ޝައުނާއަށް އިސްތިއުނާފު ކުރުމުން ވެސް އީޕީއޭގެ ނިންމުން ބަދަލު ކުރަން އަންގަންޖެހޭ ތަނެއް ނެތް ކަމަށް މިނިސްޓަރު ނިންމާފައިވާ ކަމަށެވެ.

އެ ނިންމުމާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީން ބޯޓުގެ ވެރިފަރާތާ އެކު މަޝްވަރާ ކޮށްފައިވާ ކަމަށާއި އެއަށް ފަހު ފަރަށް ލިބުނު ގެއްލުން އިއާދަކުރުމަށްކުރަންޖެހޭ މަސައްކަތަށް ބޭނުންވާ 10 މިލިއަން ޑޮލަރު އެމްއެމްއޭގެ ޕަބްލިކް އެކައުންޓަށް ޖަމާ ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިއީ ތިމާވެށީގެ ގާނޫނުގެ ދަށުން ކުރި ޖޫރިމަނާއަކުން މިހާތަނަށް ދައުތަލަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ހޯދުނު ފަހަރެވެ. އަދި ތިމާވެއްޓަށް ލިބުނު ގެއްލުން ރަނގަޅު ކުރުމަށް ހަތަދު ކުރުމަށް ޝަރުތުކޮށް އެ ފައިސާ ދައުލަތަށް ހޯދުނު ވެސް ފުރަތަމަ ފަހަރެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި ތިމާވެއްޓަށް ލިބޭ އެފަދަ ގެއްލުންތައް ދިރާސާކޮށް ބެލުމުގެ ގާބިލުކަން އީޕީއޭގައި އިތުރު ކުރުމުގެ ގޮތުން އެ ދާއިރާ އިން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ބޯޓުގެ ވެރިފަރާތުން އެއްބަސްވެފައިވާ ކަމަށެވެ.

ބޯޓުގެ ވެރިފަރާތާ އެކު އެއްބަސްވެވުނު ގޮތަށް ފައިސާ ދައްކާފައިވާތީ އެ ބޯޓު ރާއްޖެއިން ފުރައިގެން ދިއުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާ އަށް ދަތުރުކުރަނިކޮށް، ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ "ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ ބޯޓު، ހިމާޔަތްކޮށްފައިވާ ރަސްފަރި ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ވި އެވެ.

ފަރަށް ލިބުނު ގެއްލުން ބެލިއިރު ފަރުގެ 8،867 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އީޕީއޭ އިން ބުނެފައިވެ އެވެ. އެ ސަރަހައްދުތަކުގައި ހުރި މުރަކަތަކާއި އެހެނިހެން ގިނަ އަދަދެއްގެ ދިރުންތައް ވެސް މަރުވި އެވެ. ދިގުމިނުގައި 623 ފޫޓު ހުންނަ ނެވިއޯ އަމަރީލިސް އާގު ބޯޓު ރަސްފަރީ ފަރަށް އެރީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާ އަށް ދަތުރުކުރަނިކޮށް އިންޖީނު ހުއްޓިގެން އޮޔާ ގެންގޮހެވެ. ރާއްޖެއިން ބޭރުން ޓަގްބޯޓެއް ގެނެސްގެން، އެ އާގު ބޯޓު ފުންކުރެވުނީ ފަރަށް އެރިތާ 10 ދުވަސް ފަހުންނެވެ.