Roadha Mihaaru
އައްޑޫގެ ރަށްތައް ގިރާތީ ސާވޭއެއް ހަދަން ފަށައިފި

އައްޑޫގެ ބައެއް ރަށްތައް ގިރާތީ ސާވޭއެއް ހަދަން ފަށައިފި

05 ފެބުރުއަރީ 2019

އައްޑޫގެ ބައެއް ރަށްތަކަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާތީ އެކަމާ ބެހޭ ދިރާސާއެއް ހަދަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގެ ބައެއް ރަށްތަކަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާތީ އެކަމާ ބެހޭ ދިރާސާއެއް ހަދަން ފަށައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނި ގޮތުގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި ޖަޕާންގެ ޕާން އިންޓަނެޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގުޅިގެން ކުރިއަށް ގެންދާ ސާވޭ އައްޑޫ ހިތަދު އާއި މަރަދު އާއި މަރަދޫފޭދޫ އަދި މީދޫގައި ކުރިއަށް ގެންދާނެ އެވެ.

ހުޅުދޫގައި ދާދިފަހުން ވަނީ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރަން މަޝްރޫއެއް ހިންގައިފަ އެވެ. ސަރުކާރުން 22.6 މިލިއަން ރުފިޔާ ހަރަދު ކުރި މަޝްރޫގެ ކޮންޓްރެކްޓަރަކީ އާރްއާރް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.

އައްޑޫގެ މީހުން ދިރިއުޅޭ ރަށްތަކުގެ އިތުރުން ލިންކް ރޯޑުން ގުޅިފައިވާ ބައެއް ފަޅު ރަށްތަކަށް ވެސް ގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވެ އެވެ. އޭގެ ތެރޭގައި އަބޫހެރަ، ހަންކެޑެ، ގައުކެނޑި ފަދަ ރަށްރަށް ހިމެނެ އެވެ.

މި ސާވޭގައި އެއްކުރެވޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރާ ޕްރޮޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) އަށެވެ.

ކައުންސިލުން ބުނި ގޮތުގައި ސާވޭ ކުރިއަށް ގެންދާ ރަށްރަށުގެ ގިރާ ސަރަހައްދުތަކުގެ މޫދުގެ ރާޅާއި އޮއިވަރު ހުރި ގޮތާއި އަޑި ގުޑަން ހުރި ގޮތާއި ފުންމިންތައް ބެލުމަށް ބަތިމެޓްރިކް އަދި ޓޮޕޮގްރަފިކް ސާވޭ ހެދުމާއި ބީޗް ސާވޭ އަދި ފަރުގެ ހާލަތު ދެނެގަތުމަށް ޓީމުގެ ފަރާތުން މަސައްކަތްތަކެއް ކުރާނެ އެވެ. އެއަށް ފަހު އެންމެ ބޮޑަށް މައްސަލަތައް ކުރިމަތިވެފައިވާ ސަރަހައްދުތައް ދެނަގަނެ އެ މައްސަލަތަކާ ގުޅޭގޮތުން ރިޕޯޓް ތައްޔާރު ކުރުމަށްފަހު ޕްރޮޕޯސަލް ޑްރާފްޓެއް ހުށަހަޅާނެ އެވެ.

ސާވޭގެ މަސައްކަތް ނިންމައި ފައިނަލް ރިޕޯޓް ހުށަހަޅަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އެޕްރީލްގަ އެވެ.