Roadha Mihaaru
ޑޮކްޓަރުންގެ ޝަކުވާ ރައީސް ހައްލުކޮށްދެއްވާނެ: މަބްރޫކް

ޑޮކްޓަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

16 ސެޕްޓެމްބަރ 2021

ފަންނީ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން މެދުކަނޑާލުމާ ގުޅިގެން ޑޮކްޓަރުންނާއި ނަރުހުން ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ފަންނީ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން މެދުކަނޑާލުމާ ގުޅިގެން ޑޮކްޓަރުންނާއި ނަރުހުން ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވަނީ ފަންނީ އޮނިގަނޑުތަކުގެ ވަޒީފާތަކުގައި ތިބި މީހުންނަށް ޕާފޯމަންސް އެޕްރެއިސަލްއަށް ރިއާޔަތްކޮށް ދޭ ގްރޭޑް ކުރިއެރުން ދިނުން ވަގުތީ ގޮތުން މަޑުޖައްސާލަން ފިނޭންސްގެ ލަފާގެ މަތިން ނިންމާފައިވާކަން ސާކިއުލާއަކުން އަންގައިފަ އެވެ.

އެ ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލައި އައިޖިއެމްއެޗްގެ 491 ޑޮކްޓަރަކާއި ނަރުހުންގެ ސޮޔާ އެކު އިއްޔެ ރައީސަށް ޕެޓިޝަނެއް ހުށަހެޅި އެވެ. އެ މައްސަލާގައި ރައީސް ވަނީ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމަކާ މިއަދު ބައްދަލުކުރައްވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޕްރޮމޯޝަން ދިނުން މެދުކަނޑާލަން އެންގުމަކީ މިދިޔަ އަހަރު މާޗު މަހު ހިސާބުގައި ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށެވެ. ނަމަވެސް އެއީ ވަގުތީ ނިންމުމެއް ކަމަށާއި ކޮވިޑާ ގުޅިގެން ދިމާވެފައިވާ މާލީ ހާލަަތު ރަނގަޅުވަމުން އަންނަ މިންވަރަކުން އެކަންތައް ބަދަލު ކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ރައީސާއެކު އޮތް ބައްދަލުވުމުގައި އެންމެ ބޮޑު ކަންބޮޑުވުމަކަށް ފާހަގަކުރެއްވީ 2014 ގައި ހަދާފައި އޮތް ހާއްސަ އޮނިގަނޑުގެ މައްސަލަ ކަމަށް މަބްރޫކް ވިދާޅުވި އެވެ. މުސާރައިގެ ދަތިތަކުގެ ސަބަބުން ރަނގަޅު ޑޮކްޓަރުން ހޯދުމާއި ދިވެހި ޑޮކްޓަރުންނަށް ހުރި ދަތިތަކުގެ ވާހަކަ ޑޮކްޓަރުން ފާހަގަކުރެއްވި ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މީގެ އިތުރުން ސިއްހީ ދާއިރާ ލާމަރުކަޒުކޮށް ހިންގުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ވެސް މުސާރައިގެ އޮނިގަނޑު އޮންނަ ގޮތުން ގޮންޖެހުންތައް ދިމާވާ ކަމަށް އެ ޑޮކްޓަރުން ފާހަގަކުރެއްވި ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އެ ކަންބޮޑުވުންތައް ބަލައިގަނެ އެއީ ހައްލުކުރަން ޖެހޭ މައްސަލައެއް ކަމަށް ރައީސް ގަބޫލުފުޅު ކުރެއްވި ކަމަށާއި ފިނޭންސް މިނިސްޓްރީއާ ގުޅިގެން އެކަންތައް ހައްލު ކުރެއްވުމަށް މިހާރު ވެސް މަސައްކަތްތަކެއް ކުރައްވާކަން ރައީސް ފާހަގަ ކުރެއްވި ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އެގޮތުން އަންނަ އަހަރު އެންމެ އަވަހަށް މުސާރައިގެ އޮނިގަނޑަށް ބަދަލު ގެންނާނީ ސިއްހީ އަދި ތައުލީމީ ދާއިރާގެ ކަމަށާއި އިތުރަށް ރަނގަޅު ކުރެވެން ހުރި ކަންކަން ބަލައި މައްސަލަތަކަށް ހައްލު ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ފަރާތުން ރައީސް އާ ބައްދަލު ކުރެއްވި ޑރ. ފާތިމަތު މުފްލިހާ "މިހާރު" އަށް ވިދާޅުވީ ފަންނީ މުއައްޒަފުންނަށް ހާއްސަ އޮނިގަނޑުގައި ހުރި ބައެއް ނުކުތާތަކާއި ފުރިހަމައަށް ސިއްހީ ހިދުމަތް ދިނުމުގައި ހުރި ބޮޑެތި ދަތިތައް ރައީސް އާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

"ރައީސް އަޅުގަނޑުމެންނަށް ދެންނެވި ގޮންޖެހުންތަކަށް އެޑްރެސް ކުރައްވާނެ ކަމާއި އިންސާނީ ވަސީލަތްތައް މަދުވެގެންދާ ސަބަބުން އެޑްރެސް ކުރައްވާ ހައްލު ކުރައްވާނެ ކަން. މިހާރު ވެސް ބައެއް ކަންކަން ކުރެވިގެން އަންނަ ކަމަށް އޮނިގަނޑަށް ބަދަލުތައް ގެންނަ ވާހަކަ އާއި ކައިރި މުސްތަގުބަލެއްގައި އެކަންތައް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި،" ޑރ. މުފްލިހާ ވިދާޅުވި އެވެ.