Roadha Mihaaru
އޭޑީކޭ ފާހާނައިން ފިސްތޯލައެއް ފެނުނު

ނަޝީދަށް ފަރުވާ ދިން އިރު އޭޑީކޭ ފާހާނާއިން ފިސްތޯލައެއް ފެނުނު

20 މެއި 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔައިރު، އެތަނުގެ ފާހާނާ ތެރެއިން ފިސްތޯލައެއް ފެނުނުކަން "މިހާރު" އަށް ކަށަވަރުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔައިރު، އެތަނުގެ ފާހާނާ ތެރެއިން ފިސްތޯލައެއް ފެނުނުކަން "މިހާރު" އަށް ކަށަވަރުވެއްޖެ އެވެ.

މި ހަތިޔާރު ފެނުނު އިރު ސިފައިން ދިޔައީ އެ ހޮސްޕިޓަލުގައި ހަތިޔާރާއެކު ނަޝީދުގެ ސަލާމަތީ ކަންކަން ބަަލަހައްޓަމުންނެވެ. އެނގިފައިވާ ގޮތުގައި އެއީ ނަޝީދުގެ ބޮޑީގާޑަކު ފާހާނާ އަށް ވަން ވަގުތު އެ ތަނުގައި ބޭއްވުނު ފިސްތޯލަ އެކެވެ. އޭޑީކޭ ހޮސްޕިޓަލްގެ މުވައްޒަފަކަށް އެ ހަތިޔާރު ފެނުމުން ފުލުހުންނަށް އެކަން އެންގުމުން ފިސްތޯލަ އެމްއެންޑީއެފާ ހަވާލުކުރީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށް އެނގިފައި ވެ އެވެ.

ނަޝީދަށް ދިން ހަމަލައަށް ފަހު އެމްއެންޑީއެފުން ބޭއްވި މީޑިއާ ބްރީފިންގައި ޗީފް އޮފް ސްޓާފް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، ނަޝީދުގެ ސެކިއުރިޓީން ހަރަކާތްތެރިވާނީ ހަނގުރާމަވެރި ހަތިިޔާރާއެކު ކަމަށެވެ.

މިއަދު ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުން ވެސް ވަނީ ސީދާ ޖަވާބެއް ނުދީ، މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ. އޭޑީކޭ ހޮސްޕިޓަލުން ވެސް މިކަމާ ގުޅޭ ގޮތުން ވާހަކައެއް ނުދައްކަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖެނުއަރީ 2014 ގައި އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ހުންނެވި ޝަންގްރިއްލާ ރިސޯޓުގެ ކޮޓަރިއެއްގެ ތެރެއިން ވެސް ފިސްތޯލައެއް ފެނިފައި ވެ އެވެ. އެއީ ޔާމީންގެ ބޮޑީގާޑެއްގެ އަތުން އޭރު ގެއްލުނު ފިސްތޯލައެއް ކަމަށް ވެ އެވެ. ޝަންގްރިއްލާގެ މުވައްޒަފުންނަށް އެ ފިސްތޯލަ ފެނުމުން ޔާމީންގެ ސެކިއުރިޓީންނާ އެ ހަވާލުކުރި އެވެ.