Roadha Mihaaru
ފިސްތޯލަ ބޭއްވުނު ސިފައިންގެ މީހާ ސަސްޕެންޑްކޮށްފި

ފާހާނާގައި ފިސްތޯލަ ބޭއްވުނު ސިފައިންގެ މީހާ ސަސްޕެންޑްކޮށްފި

21 މެއި 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިންއިރު، އެތަނުގެ ފާހާނާގެ ތެރޭގައި ފިސްތޯލައެއް ބޭއްވި ސިފައިންގެ މީހާ ސަސްޕެންޑް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ރޭ ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިންއިރު، އެތަނުގެ ފާހާނާގެ ތެރޭގައި ފިސްތޯލައެއް ބޭއްވި ސިފައިންގެ މީހާ ސަސްޕެންޑް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ރޭ ބުނެފި އެވެ.

މި ހަތިޔާރު ފެނުނު އިރު ސިފައިން ދިޔައީ އެ ހޮސްޕިޓަލުގައި ހަތިޔާރާއެކު ނަޝީދުގެ ސަލާމަތީ ކަންކަން ބަަލަހައްޓަމުންނެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މުވައްޒަފަކަށް އެ ހަތިޔާރު ފެނުމުން ފުލުހުންނަށް އެކަން އެންގުމުން ފިސްތޯލަ އެމްއެންޑީއެފާ ހަވާލުކުރީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށް އެނގިފައި ވެ އެވެ.

އެކަމާ ގުޅިގެން، އެމްއެންޑީއެފްގެ މޭޖާ އިބްރާހީމް އާޒިމް ރޭ ވިދާޅުވީ، އޭޑީކޭގެ ފާހާނާއެއްގެ ތެރޭގައި ފިސްތޯލަ ބޭއްވުނީ ސިފައިންގެ މީހަކަށް ކަމަށާއި އެކަމާ ގުޅިގެން އެ ސިފައިންގެ މީހާ ވަނީ ޑިއުޓީތަކުން އެއްފަރާތްކޮށްފައި ކަމަށެވެ. އަދި މިލިޓަރީ ޕޮލިހުން މައްސަލަ ބަލައި، އިތުރަށް ތަހުގީގު ކުރުމަށް އެ މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އިއްޔެ ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ސުވާލުކުރުމުން، ފުލުހުން ވެސް ވަނީ ސީދާ ޖަވާބެއް ނުދީ، މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.

އެ ޕްރެސް ކޮންފަރެންސަށް ފަހު، އެ ކަން ފެންމަތިވެ ގިނަ ބަޔަކު އަންނަނީ ސިފައިންނަށް ފާޑުކިޔަމުންނެވެ.

އެނގިފައިވާ ގޮތުގައި އެއީ ނަޝީދުގެ ބޮޑީގާޑަކު ފާހާނާ އަށް ވަން ވަގުތު އެ ތަނުގައި ބޭއްވުނު ފިސްތޯލަ އެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖެނުއަރީ 2014 ގައި އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ހުންނެވި ޝަންގްރިއްލާ ރިސޯޓުގެ ކޮޓަރިއެއްގެ ތެރެއިން ވެސް ފިސްތޯލައެއް ފެނިފައި ވެ އެވެ. އެއީ ޔާމީންގެ ބޮޑީގާޑެއްގެ އަތުން އޭރު ގެއްލުނު ފިސްތޯލައެއް ކަމަށް ވެ އެވެ. ޝަންގްރިއްލާގެ މުވައްޒަފުންނަށް އެ ފިސްތޯލަ ފެނުމުން ޔާމީންގެ ސެކިއުރިޓީންނާ އެ ހަވާލުކުރި އެވެ.