Roadha Mihaaru
ޓުއި މެދުވެރިވެ، ޔޫކޭ އިންް ގެންނަ ޓޫރިސްޓުން ކެންސަލް

ޓުއި މެދުވެރިވެގެން ޔޫކޭ އިން އަންނަ ހުރިހާ ޓޫރިސްޓުންގެ ބުކިން ކެންސަލް

22 މެއި 2021

ޖަރުމަންގެ އެންމެ ބޮޑު އެއް ޓްރެވަލް އޭޖެންސީ، ޓުއި ގްރޫޕް މެދުވެރިވެގެން އިނގިރޭސިވިލާތުން ރާއްޖެ އަށް އައުމަށް ޓޫރިސްޓުން ހަދާފައިވާ ހުރިހާ ބުކިންތަކެއް ކެންސަލްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޖަރުމަންގެ އެންމެ ބޮޑު އެއް ޓްރެވަލް އޭޖެންސީ، ޓުއި ގްރޫޕް މެދުވެރިވެގެން އިނގިރޭސިވިލާތުން ރާއްޖެ އަށް އައުމަށް ޓޫރިސްޓުން ހަދާފައިވާ ހުރިހާ ބުކިންތަކެއް ކެންސަލްކޮށްފި އެވެ.

އެ ޓްރެވަލް އޭޖެންސީން ބުކިންތައް ކެންސަލް ކުރީ ރާއްޖެ ޓްރެވަލް ރެޑް ލިސްޓަށް އަރާފައިވާތީ އެވެ. ރާއްޖޭގެ އިތުރުން ދުބާއީ އާއި ތުރުކީ އަށް ޓޫރިސްޓުން ހަދާފައިވާ ބުކިންތައް ވެސް އެ ކުންފުނިން ވަނީ ކެންސަލްކޮށްފަ އެވެ.

ޓުއި ގްރޫޕަކީ ޖަރުމަނުގެ ކުންފުންޏެއް ނަމަވެސް އެ ކުންފުންޏަކީ އިނގިރޭސިވިލާތުގެ ޓްރެވެލް އިންޑަސްޓްރީގައި ވެސް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ. ޓުއި އިން ޔޫރަޕްގެ އެކި ގައުމުތަކުގައި ޓްރެވަލް އޭޖެންސީތައް ހިންގުމުގެ އިތުރުން އެއާލައިންގެ ހިދުމަތް ވެސް ދެ އެވެ. ބިލިއަން ޑޮލަރުގެ އެ ކުންފުނީގައި 70،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި އަނެއްކާ ވެސް ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު މިހާރު ވެސް އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މި ވަގުތު ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ 1،500 އަށް ވެއްޓިފަ އެވެ.

ރެޑް ލިސްޓްގައި އޮތް ގައުމުތަކަށް ދަތުރުކުރުން އަންނަ މަހުގެ 27 ގެ ނިޔަލަށް ޓުއި އިން ވަނީ ކެންސަލްކޮށްފަ އެވެ.

ޓުއި އިން ބުކިންތައް ކެންސަލް ކުރުމުން ރާއްޖެ އަށް ޔޫރަޕް ސަރަހައްދުން އަންނަ ޓޫރިސްޓުންގެ އަދަދު މިހާރަށް ވުރެ ވެސް މަދުވާނެ ކަމަށް މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބުނެ އެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދަކީ 436،000 އެވެ.