Roadha Mihaaru
"ޕެޑިންޓަން 2" އަށް ރިވިއު އިން ރެކޯޑެއް

އެންމެ ރަނގަޅު ރިވިއު ލިބުނު ފިލްމުގެ ރެކޯޑް "ޕެޑިންޓަން 2" އަށް

24 މެއި 2021

ރޮޓެން ޓޮމާޓޯސްގައި މިހާތަނަށް އެންމެ ރަނގަޅު ރިވިއު ލިބުނު ފިލްމު ރެކޯޑް، ފިލްމު "ޕެޑިންޓަން 2" އަށް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރޮޓެން ޓޮމާޓޯސްގައި މިހާތަނަށް އެންމެ ރަނގަޅު ރިވިއު ލިބުނު ފިލްމު ރެކޯޑް، ފިލްމު "ޕެޑިންޓަން 2" އަށް ލިބިއްޖެ އެވެ.

ގިނިސް ވޯލްޑް ރެކޯޑުން ބުނި ގޮތުގައި 2017 ގައި ރިލީޒްކުރި އެ ފިލްމަށް ރެކޯޑް ފޮތުން ޖާގަ ލިބުނީ ރޮޓެން ޓޮމާޓޯސްގެ ޓޮމާޓޯމީޓަރު (ރޭޓިން) ގައި 100 ޕަސެންޓް ލިބިގެން ކަމަށެވެ. އެއީ ޕޮޒިޓިވް 245 ރިވިއުއާ އެކީގަ އެވެ. އެ ރެކޯޑް ވެރިފައިކޮށް ދީފައި ވަނީ މި މަހުގެ 5 ގަ އެވެ. ރޮޓެން ޓޮމާޓޯސް އަކީ ހޮލީވުޑްގެ ފިލްމުތަކަށް ފާޑުކިޔުމާއި އެ ފާޑުކިޔުންތަކާ އެކު ފިލްމުތަކަށް ބެލުންތެރިންގެ ސަމާލުކަން ހޯދަން މަސައްކަތްކުރާ ވަރުގަދަ ވެބްސައިޓެކެވެ.

ކުރިން ރޮޓެން ޓޮމާޓޯސްގައި އެންމެ ރަނގަޅު ރިވިއު ލިބުނު ފިލްމުގެ މަގާމު އޮތީ 1999 ގެ "ޓޯއި ސްޓޯރީ 2" އަށެވެ. އެއީ 169 ޕޮޒިޓިވް ރިވިއުއާ އެކު ސްކޯމީޓަރުގައި 100 ޕަސެންޓާ އެކީގަ އެވެ. "ޓޯއި ސްޓޯރީ 2" އަކީ 1995 ގެ "ޓޯއި ސްޓޯރީ" ގެ ސީކްއެލް އެވެ.

"ޓޯއި ސްޓޯރީ 2" ގެ ރެކޯޑް "ޕެޑިންޓަން 2" އަތުލި އިރު އެ ފިލްމަކީ 2014 ގެ "ޕެޑިންޓަން" ގެ ސީކްއެލް އެވެ. އެ ފިލްމަށް ރޮޓެން ޓޮމާޓޯސްގައި 164 ޕޮޒިޓިވް ރިވިއުއާ އެކު ސްކޯމީޓަރުން ލިބުނީ 97 ޕަސެންޓެވެ. ޕޯލް ކިންގް ޑައިރެކްޓްކުރި "ޕެޑިންޓަން 2" އަކީ ޕެޑިންޓަން ބެއާގެ ވާހަކަ ކިޔައިދިން ފިލްމެކެވެ.

އޭގެ ކާސްޓްގައި ހިއު ގްރާންޓް، ސެލީ ހޯލިންސް، ޖޫލީ ވޯލްޓާޒް، ބެން ވިޝޯ، ޖިމް ބްރޯޑްބެންޓް އަދި ޕީޓާ ކަޕާލްޑީ ހިމެނެ އެވެ.

ސާޅީސް މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ޕެޑިންޓަން 2" އަށް ބޮކްސް އޮފީހުގައި 228 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

މި ފިލްމު "ޓޯއި ސްޓޯރީ 2" ގެ ރޮޓެން ޓޮމާޓޯސްގެ އެންމެ ރަނގަޅު ރިވިއު ހޯދި ފިލްމުގެ ރެކޯޑް އަތުލި އެ ރެކޯޑް އެންމެ ކުރިން އޮތީ މީގެ 80 އަހަރު ކުރިން އޯޒަން ވެލޭޒް ޑައިރެކްޓްކުރި 1941 ގެ "ސިޓިޒެން ކޭން" އަށެވެ. އެއީ 116 ޕޮޒިޓިވް ރިވިއުއާ އެޖު ސްކޯމީޓަރުގައި 99 ޕަސެންޓާ އެކީގަ އެވެ.

"ސިޓިޒެން ކޭން" އަކީ އޮސްކާ އެވޯޑްސްގައި ނުވަ ކެޓަގަރީއަކުން ނޮމިނޭޓްވެ، މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އެވޯޑް ލިބުނު ފިލްމެކެވެ.