Roadha Mihaaru
ކޮވިޑް-19 ޖެހިގެން ދިވެއްސަކު މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ފުރަަތަމަ ފަހަރަށް މީހަކު މަރުވެއްޖެ

30 އެޕްރީލް 2020

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ރޭ ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ރޭ ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ އެވެ.

ނެޝަނަލްް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ރޭ ދަންވަރު ބޭއްވި ކުއްލި ޕްރެސް ބްރީފިންއެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އާމިނަތު އާދަމް 83، މަރުވީ ރޭ 7:10 ގައި ކަަމަށާއި އެއީ ކޮވިޑް-19 ކޭސް 126 އާ ގުޅުން ހުރި މީހެއް ކަމަށެވެ. ކޭސް 126 އަކީ "އެމްއެޗްއެފް" ކްލަސްޓާއާ ގުޅުން ހުރި މީހެކެވެ. ކޭސް 126 ގެ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މި މަހުގެ 24 ގަ (މިދިޔަ ހުކުރު ދުވަސް) އެވެ. އެއީ އުމުރުން 52 އަހަރުގެ ދިވެއްސެކެވެ.

މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި ކޭސް 126 އާ ގުޅުން ހުރުމުން އާމިނަތުގެ ސާމްޕަލް ނަގާފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށް ވިޔަސް އޭނާ މަރުވި އިރު ޓެސްޓްގެ ނަތީޖާ އޮތީ ނުލިބި އެވެ.

"މިއަދު ހަވީރު، އިރު އޮއްސުނު އިރު ނޭވާލާން އުނދަގޫ ވެގެން އެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ލިބިގެން ހޮސްޕިޓަލަށް ގެންދެވުނު އިރު ނިޔާވެފައި އޮތް ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ވަނީ،،" އަމީން ވިދާޅުވި އެވެ.

އާމިނަތާއި އާއިލާއަށާއި އެކުވެރިންނަށް މިނިސްޓަރު ތައުޒިޔާ ވިދާޅުވި އެވެ.

މަރުވި މީހާގެ ޖަނާޒާގެ ކަންތައްތައްތަކުގެ ތަފްސީލް ދެއްވަމުން އަމީން ވިދާޅުވީ ހިނެވުމުގެ ކަންތައް ކުރިއަށް ގެންދިޔައީ އެކަމަށް ތަމްރީނު ވެފައިވާ އަންހެން ސިފައިން ކަމަށެެވެ. އެއީ މިކަމަށް ފުރިހަަމައަށް ތައްޔާރުވެފައިވާ ސިފައިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޭ ދަންވަރު ބޭއްވި ކުއްލި މީޑިއާ ބްރީފިންގައި މިނިސްޓަރު އަމީން.

ރޭ ދަންވަރު ބޭއްވި ކުއްލި މީޑިއާ ބްރީފިންގައި މިނިސްޓަރު އަމީން.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރާ މަސައްކަތަށް ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ލީޑަރު ޑރ. އަލީ ލަތީފް ވިދާޅުވި ގޮތުގައި ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ހާލު ބޮޑުވާ މީހުންގެ ރޭޓް ދުނިޔޭގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު އަދި އެހާ މައްޗެއް ނޫނެވެ.

"އަޅުގަނޑުމެން އައިސީޔޫގައި އެޑްމިޓްކޮށްފައި އަދި މި ވަނީ ފަސް ޕޭޝަންޓުން. އަދި އިރާދަކުރެއްވިއްޔާ މި ފަސް ޕޭޝަންޓުންގެ ހާލުވެސް ރަނގަޅު. އެހެން ނަމަވެސް ތިޔަ ބޭފުޅުންނަށް އެނގިވަޑައިގެންނަަވާނެ ކޯވިޑް-19 ޖެހިގެން ކޮންޕްލިކޭޝަން އަށް އަންނަ މީހުންގެ އިތުރު ބަލިތައް ހުރޭ،" ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

"އޭގެ ތެރޭގައި ހަކުރުބަލި ހުންނަންޏާ، ލޭމައްޗަށް ދަންޏާ، އަދި އެހެން ނޫނީ ކިޑްނީގެ ބަލި އަދި ފުއްޕާމޭގެ ބަލިތައް ހުންނަންޏާ ކޯވިޑް-19 ޖެހުމަށް ފަހުގައި އިތުރަށް ބަލި ބޮޑުވެ، ފުރާނަަ ގެއްލިގެން ދާފަދަ ކަމެއް ދިމާވެދާނެ."

ރޭ މަރުވި މީހާ އަކީ ކޮވިޑަށް ޕޮޒިޓިވްވި ބަޔަކާ ގުޅުން އޮވެެގެން މޮނިޓަރިން އަށް ލާފައިވާ ގެއެއްގައި ދިރިއުޅުނު މީހަކަށް ވާއިރު އޭނާގެ ބަލި ބޮޑުވުމުން ހޮސްޕިޓަލަށް ގެންދިއުން ލަސްވުން ފަދަ އިހުމާލެއް އޮތް ކަމަށް ގަބޫލުކުރައްވަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އަމީން ވިދާޅުވީ އެފަދަ ކަމެއް އޮތްކަމުގެ މައުލޫމާުތު ޕްރެސް ބްރީފިން ފެށި އިރު ލިބިވަޑައިގެންފައި ނެތް ކަމަށާއި އެ މައުލޫމާތު ސާފުކުރެއްވުމަށް ފަހު ހާމަކުރައްވާނެ ކަމަށެވެ.

ފަރުވާ ދިނުން ލަސްވީ ޓެސްޓްގެ ނަތީޖާ ލިބުން ލަސްވުމާއި ފަރުވާ ލަސްވެގެންތޯ ސުވާލު ކުރުމުން ޑރ. އަލީ ލަތީފް ވިދާޅުވީ ދޭން ޖެހޭ ވަކި ހާއްސަ ފަރުވާއެއް ނުދެވި ލަސްވެފައި ނުވާ ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި އާމިނަތުގެ ބަލި ބޮޑުވީ އިއްޔެ ހެނދުނު ކަމަށް މައުލޫމާތު ލިބުނު ކަމަށެވެ. އެހާ ހިސާބުން ހޮސްޕިޓަލަށް ގެންދިޔަކަމަށް ވިދާޅުވާން އުޅުއްވާފައި އޭނާ ވަޑައިގެންނެވީ އެހެން ވާހަކަ އަކަށެވެ. އެގޮތުން ވިދާޅުވެ ދެއްވީ ކޮވިޑްގައި ބަލި ބޮޑުވުމުން ފެންނަ އަލާމާތްތަކެކެވެ.

މިރޭގެ މީޑިއާ ބްރީފިންގައި ޑރ. އަލީ ލަތީފް ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަނީ.

މިރޭގެ މީޑިއާ ބްރީފިންގައި ޑރ. އަލީ ލަތީފް ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަނީ.

"މިއަދުގެ ހެނދުނު ކަމަށް ބަލިވީ އަޅުގަނޑުމެންނަށް އެނގިފައި އޮތީ އެހާ ހިސާބުން ހޮސްޕިޓަލަށް ގެންގޮސްފައި، މި ދެެންނެވީ، ގިނަ ފަހަރަށް މިދިމާވާ ސަބަބަކީ ނޭވާ ކުރުވުން، ހުން އައުން ކެއްސުން، އެހެން ވެއްޖެއްޔާ މިއަކަށް ނޯވޭ ވަކި ޚާއްސަ ފަރުވާއެއް،" ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިތުރަށް ހާލަތު ގޯސްވެއްޖެ ނަަމަ ހޮސްޕިޓަލަށް ގެންގޮސްގެން ދޭ ފަރުވާ އަކީ އައިވީ ފްލުއިޑް ދިނުމާއި އޮކްސިޖަން ދިނުމާއި ބައެއް ހާލަތްތަކުގައި އެންޓިވައިރަލް ދިނުން ކަަމަށެވެ.

"އެހެންވީމާ އަޅުގަނޑަކަށް ހިއެއް ނުވޭ އިނގޭތޯ މި ޕާޓިކިއުލާ ޕޭޝަންޓްގައި އެ ކަހަލަ ފަރުވާއެއް ނުދެވިގެން ދިޔައީ ކަމަކަށް،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާ ގުޅުން ހުންނަ ގެތައް މޮނިޓަރިންއަށް ލާ ހިސާބުން އެޗްޕީއޭ އިން އެ ގެތަގުގެ ނަންތައް މިހާރު އިއުލާނުކުރެ އެވެ. އެގޮތުން އާމިނަތު ދިރިއުޅުނު ގެ މޮނިޓަރިން އަށް ލީ ކަމަށް އެޗްޕީއޭގެ އިއުލާނުން ފެންނަން އޮތީ މި މަހުގެ 22 އެވެ. އެކަމަކު އޭނާގެ ސާމްޕަލް ނެގީ 27 ވަނަ ދުވަހުގެ ރޭ ދަންވަރުކަން ރޭގެ ޕްރެސް ބްރީފިންގައި ދިން މައުލޫމާތުން އެނގެ އެވެ.

މަރުވި މީހާގެ ގެ މޮނިޓަރިން އަށް ލީ ދުވަހާއި އޭނާ އަށް ފަރުވާދޭން މަސައްކަތް ކުރި ގޮތުގެ ޓައިމްލައިން ހޯދަން ނޫސްވެެރިން ތަކުރާރުކޮށް ސުވާލު ކުުރުމުން މިނިސްޓަރު އަމީން ވިދާޅުވީ ކަށަވަރު މައުލޫތު ފަހުން ދެއްވާނެ ކަމަށެވެ.

"އެ މައުލޫމާތުތައް ކަށަވަރުކޮށްފައި ނޫނިއްޔާ ތިޔަ ބޭފުޅުންނަށް އެ ގަޑިތަކާ އެއްޗެހި ނުދަންނަވަން ވެގެން އަޅުގަނޑުމެން މި ދަންނަވަނީ ވަކި ގަަޑިއެއް ނުދެންނެވޭނޭ،" އޭނާ ވިދާޅުވި އެވެ.

މަރުވި މީހާގެ އާއިލާގެ ބައެއް މީހުން ސޯޝަލް މީޑިއާގައި އެޗްޕީއޭ އަށް އިހުމާލުގެ ތުހުމަތު އަޅުވާފައިވެ އެވެ.

ރާއްޖޭން މިހާތަނަށް 280 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ.