Roadha Mihaaru
ރޮނާލްޑޯގެ ހެޓްރިކުން އެތުލެޓިކޯ ބަލިކޮށްފި

ރޮނާލްޑޯގެ ހެޓްރިކުން އެތުލެޓިކޯ ބަލިކޮށްފި

20 ނޮވެމްބަރ 2016

މެޑްރިޑް (ނޮވެމްބަރު 20) – ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާ އެކު ވާދަވެރި އެތުލެޓިކޯ މެޑްރިޑް 3-0 އިން ބަލިކޮށް ސްޕެނިޝް ލީގުގެ ތާވަލުގެ ކުރީގައި ރެއާލް މެޑްރިޑުން ތަފާތު ބޮޑުކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެޑްރިޑް (ނޮވެމްބަރު 20) – ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާ އެކު ވާދަވެރި އެތުލެޓިކޯ މެޑްރިޑް 3-0 އިން ބަލިކޮށް ސްޕެނިޝް ލީގުގެ ތާވަލުގެ ކުރީގައި ރެއާލް މެޑްރިޑުން ތަފާތު ބޮޑުކޮށްފި އެވެ.

ރެއާލް އެއް ވަނައިގައި 30 ޕޮއިންޓާ އެކު އޮތްއިރު ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ލިބިފައިވަނީ 26 ޕޮއިންޓެވެ. އެ ޓީމު ވަނީ ރޭ ނުވަ ކުޅުންތެރިންނާ އެކު ކުޅުނު މަލާގާއާ ލަނޑެއް ނުޖެހި އެއްވަރުވެ އިތުރު މައްސަލަތަކެއް ދިމާވެފަ އެވެ. އެތުލެޓިކޯ މެޑްރިޑަށް 21 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމު ވަނީ ފަސް ވަނަ އަށް ވެއްޓިފަ އެވެ.

އެތުލެޓިކޯގެ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ 33 ވަނަ މިނެޓުގައި ރެއާލަށް ލީޑު ލިބުނީ ރޮނާލްޑޯ ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅައެއް އެތުލެޓިކޯގެ ކުޅުންތެރިއެއްގެ ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޯލަށް ވަނުމުންނެވެ. އޭނާ ދެ ވަނަ ގޯލް 71 ވަނަ މިނެޓުގައި ޖެހީ ޕެނަލްޓީއަކުންނެވެ. ރޮނާލްޑޯ ކެރިއަރުގެ 39 ވަނަ ހެޓްރިކް ފުރިހަމަކުރީ 77 ވަނަ މިނެޓުގައި ގަރެތު ބޭލް ނަގައިދިން ހުރަހެއް ގޯލް ތެރެއަށް ވައްދާލައިގެންނެވެ.

ރޭގެ ގޯލްތަކާ އެކު ރޮނާލްޑޯ އަށް މިހާރު ވަނީ މެޑްރިޑް ޑާބީގެ ލަނޑު ލިސްޓުގެ އެއް ވަނަ ލިބިފަ އެވެ. ރޮނާލްޑޯ 18 ލަނޑު ޖަހާފައިވާއިރު ކުރިން އެއް ވަނައިގައި އޮތީ 17 ލަނޑާ އެކު ކުރީގެ ލެޖެންޑް އަލްފްރެޑޯ ޑި ސްޓެފާނޯ އެެވެ.

ރެއާލުން ތިން އަހަރު ތެރޭ ސްޕެނިޝް ލީގުގައި ފުރަތަމަ ފަހަރަށް އެތުލެޓިކޯ މެޑްރިޑުގެ މައްޗަށް ކުރި ހޯދިއިރު އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާނަށް ވެސް ވަނީ އިތުރު އުފަލެއް ލިބިފަ އެވެ. އޭނާ މިދިޔަ ސީޒަނުގައި ރަފައެލް ބެނިޓޭޒުގެ ބަދަލުގައި ރެއާލާ ހަވާލުވިފަހުން އަދި ސްޕެނިޝް ލީގުގައި ރަށުން ބޭރު މެޗެއްގައި ބަލިނުވެ އެވެ.

ސަސްޕެންޝަނުގެ ސަބަބުން ލުއިސް ސުއަރޭޒް އަދި ގަދަހުމެއްގެ ސަބަބުން ލިއޮނަލް މެސީ ނުލާ ރޭ ބާސެލޯނާ ކުޅުނުއިރު އެ ޓީމުން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް 28 ފަހަރަށް ގޯލް ޖެހުމަށް ހަމަލާ އުފެއްދި ނަމަވެސް މަލާގާގެ ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ. މި މެޗުގެ 68 ވަނަ މިނެޓުގައި މަލާގާގެ ޑިއޭގޯ ލޮރެންޓޭ އަށް އަދި އިތުރު ވަގުތުގެ ތެރޭގައި ހުއާން ކާލޯސް އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޑިޕޯޓިވޯ ލަ ކޮރޫނާ އަތުން 3-2 އިން މޮޅުވެ ސެވިއްޔާ ވަނީ 24 ޕޮއިންޓާ އެކު ތިން ވަނަ އަށް އަރައިފަ އެވެ. ހަތަރު ވަނައިގައި އޮތީ 22 ޕޮއިންޓާ އެކު، އެއް މެޗު މަދުން ކުޅެފައިވާ ވިޔަރެއާލެވެ.