Roadha Mihaaru
ރޯލެއް ކުޑަވުމަކީ މައްސަލައެއް ނޫން: ޕްރިޔަންކާ

ރޯލެއް ކުޑަވުމަކީ އަހަންނަށް މައްސަލައެއް ނޫން: ޕްރިޔަންކާ

27 ޑިސެމްބަރ 2021

މިދިޔަ ހަފުތާގައި ރިލީޒްކުރި "މެޓްރިކްސް ރިސަރެކްޝަންސް" ގައި ބަތަލާ ޕްރިޔަންކާ ޗޯޕްރާ ކުޅެފައިވާ ރޯލު ކުޑަކަމުން ފޭނުން މާޔޫސްވެ، އޭނާ އަށް ބައެއް މީހުންގެ ފާޑުކިޔުންތައް ވެސް އަމާޒުވާން ފެށުމުން އެކަމަށް އޭނާ ރައްދު ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ހަފުތާގައި ރިލީޒްކުރި "މެޓްރިކްސް ރިސަރެކްޝަންސް" ގައި ބަތަލާ ޕްރިޔަންކާ ޗޯޕްރާ ކުޅެފައިވާ ރޯލު ކުޑަކަމުން ފޭނުން މާޔޫސްވެ، އޭނާ އަށް ބައެއް މީހުންގެ ފާޑުކިޔުންތައް ވެސް އަމާޒުވާން ފެށުމުން އެކަމަށް އޭނާ ރައްދު ދީފި އެވެ.

ހޮލީވުޑްގެ އެންމެ މަޝްހޫރު ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ ސައިންސް ފިކްޝަން ފިލްމު "މެޓްރިކްސް" ގެ ހަތަރު ވަނަ ފިލްމުގައި ޕްރިޔަންކާ ކުޅެފައި ވަނީ 10 ވަރަކަށް މިނިޓްގެ ރޯލެކެވެ. ކިއާނޫ ރީވްސް ލީޑްކުރާ "މެޓްރިކްސް ރިސަރެކްޝަންސް" އަކީ 148 މިނިޓް (2 ގަޑިއިރާއި 47 މިނިޓް) ގެ ފިލްމެކެވެ.

ޕްރިޔަންކާގެ ރޯލު ކުޑަކަމުން އަމާޒުވެފައިވާ ފާޑުކިޔުންތަކާ ބެހޭ ގޮތުން އޭޝިއަން ސަންޑޭ ޓީވީ އަށް ދިން އިންޓަވިއުއެއްގައި ބުނީ ރޯލު ކުޑަ ވިޔަސް، އެ ރޯލަކީ ފިލްމުގެ ވާހަކައިގެ ވަރަށް މުހިއްމު ބައެއް ކަމަށެވެ. އެހެންވެ ކުޅެން ލިބޭ ކެރެކްޓާ އަކީ ހިތްހަމަޖެހޭ ވަރުގެ ރޯލެއް ނަމަ އެއްބަސްވާނެ ކަމަށް ބުންޏެވެ.

"އިންޑިއާގައި ވެސް އަހަރެން ގެންގުޅުނީ ހަމަ މި އުސޫލު. އަހަރެން ކުޅުނު ބައެއް ފިލްމުތަކުގައި ކިތަންމެ ފަހަރަކު ކުޅެފައިވާނެ ލީޑް ބަތަލާ ނޫން ރޯލުތައް ވެސް." ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ބަތަލާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި "މެޓްރިކްސް" ކަހަލަ ވަރުގަދަ ފިލްމަކުން ފުރުސަތެއް ލިބުމަކީ އެއްގޮތަކަށް ވެސް އާދައިގެ ކަމެއް ނޫނެވެ. އަދި އޭޝިއާ އަށް ނިސްބަތްވާ ބަތަލާއެއްގެ ހައިސިއްޔަތުން އެކަމާ ފަހުރުވެރިވާ ކަމަށް ވެސް ބުންޏެވެ.

"ފެންނަ ފެނުމަށް އަހަރެންގެ ރޯލު މެޓްރިކްސް ރިސަރެކްޝަންސްގައި ވަރަށް ކުޑަވެދާނެ. އެކަމަކު އެއީ އެ ނަޒަރުން ވިސްނަން ޖެހޭ ކަމެއް ނޫން. އަހަރެންގެ ވިސްނުމަކު ނުގެންގުޅެން ބޮޑު ރޯލެއްތޯ، ކުޑަ ރޯލެއްތޯއެއް." ޕްރިޔަންކާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި "މެޓްރިކްސް 4" އަކީ ވަރުގަދަ ކާސްޓެއް ހިމެނޭ ފިލްމަކަށްވުމާ އެކު، އެފަދަ ބަޔަކާ އެކީ މަސައްކަތް ކުރަން ލިބުމަކީ އުފާކުރަން ޖެހޭ ކަމެކެވެ. އަދި އެ ފިލްމަށް ކުރި ތަޖުރިބާ އަކީ ވެސް ހާއްސަ ކަމެއް ކަމަށް ބުންޏެވެ.

ބޮލީވުޑްގެ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޕްރިޔަންކާ ހޮލީވުޑަށް ނުކުތީ އޭބީސީގެ 2015 ގެ ސިލްސިލާ "ކްއަންޓިކޯ" އިންނެވެ. އޭގެ ލީޑް އޭނަ ކުޅުނަސް މިހާތަނަށް ކުޅުނު ހޮލީވުޑްގެ ފީޗާ ފިލްމުތަކުގައި ބޮޑަށް ކުޅުނީ މާ ބޮޑު ނޫން ސަޕޯޓިން ރޯލްތަކެވެ. އޭގެ ތެރޭގައި "ބޭވޮޗް"، "އަ ކިޑް ލައިކް ޖޭކް" އަދި "އިޒިންޓް އިޓް ރޮމޭންޓިކް؟" ހިމެނެ އެވެ. މީގެ އިތުރުން "ވީ ކޭން ބީ ހީރޯސް" އާއި "ދަ ވައިޓް ޓައިގާ" އަކީ ވެސް ޕްރިޔަންކާ ކުޅުނު ފިލްމުތަކެވެ.

އޭނާގެ ކުރިއަށް ހުރި ހޮލީވުޑްގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި "ޓެކްސްޓް ފޯ ޔޫ" އާއި ވެބް ސީރީޒް "ސިޓަޑެލް" ހިމެނެ އެވެ. ޕްރިޔަންކާ އޮތީ "ޖީ ލޭ ޒަރާ" ކިޔާ ހިންދީ ފިލްމަކަށް ވެސް މިހާރު ސޮއިކޮށްފަ އެވެ. އޭގެ ކާސްޓްގައި އާލިއާ ބަޓާއި ކެޓްރީނާ ކައިފް ވެސް ހިމެނެ އެވެ.