Roadha Mihaaru
މޫޑީސްގެ އިންޒާރެއް: ދަރަންޏާ ހެދި ލޯނު ނުލިބިދާނެ!

މޫޑީސްގެ އިންޒާރެއް: ދަރަންޏާ ހެދި ލޯނު ހޯދަން ރާއްޖެއަށް އުނދަގޫވެދާނެ

26 މެއި 2021

މި ވަގުތު ރާއްޖޭގެ ދަރަނި އިންތިހާ އަށް މައްޗަށް ދިއުމުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި މާލީ އިދާރާތަކުން ލޯނު ހޯދަން އުނދަގޫ ވާނެ ކަމަށް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސް އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި ވަގުތު ރާއްޖޭގެ ދަރަނި އިންތިހާ އަށް މައްޗަށް ދިއުމުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި މާލީ އިދާރާތަކުން ލޯނު ހޯދަން އުނދަގޫ ވާނެ ކަމަށް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސް އިން ބުނެފި އެވެ.

މޫޑީސްގެ ކުއާޓާލީ ރިވިއުގައި ވަނީ ރާއްޖޭގެ އިގްތިސާދުގެ ވަކިވަކި ކަންކަން ރޭޓްކޮށްފަ އެވެ. އެގޮތުން ރާއްޖޭގެ "ފިސްކަލް ސްޓްރެންތް" ނުވަތަ މާލީ ގާބިލުކަމަށް މޫޑީސް އިން ދީފައިވަނީ "ބީ1" އެވެ. މޫޑީސް އިން ބުނީ މާލީ ގާބިލުކަމަށް "ބީ1" ރޭޓިން ދިނީ ރާއްޖޭގެ ދަރަނި އިންތިހާއަށް އުފުލެމުން ދިއުމުގެ ސަބަބުން ކުރިއަށް ހުރި އަހަރުތަކުގައި އިތުރު ދަރަނި ނުވަތަ ލޯނު ހޯދަން އުނދަގޫވާނެތީ އެވެ. ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ހަމަޔަކަށް އަޅުވަން ސަރުކާރުން ވަނީ މާލީ އިދާރާތަކުން ބޮޑެތި އަދަދުތަކުން ލޯނު ނަގަމުންނެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ކޮވިޑާ ގުޅިގެން މާލީ އެކި އިދާރާތަކުން 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ބޭރުގެ މާލީ އިދާރާތަކުން ހޯދާފައިވެ އެވެ.

މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި ވަނީ 86 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން ގާތްގަނޑަކަށް 150 ޕަސެންޓެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތަށް މޫޑީސް އިން ދީފައިވަނީ "ބީއޭ3" ރޭޓިންނެވެ. މި ރޭޓިން ހިމެނެނީ އިންވެސްޓްކުރުމަށް އެންގެ ރަނގަޅު ނޫން ރޭޓިންގެ ތެރޭގަ އެވެ. ރާއްޖެ އަށް މި ރޭޓިން ދިނީ އިގްތިސާދު ޓޫރިޒަމަށް ބަރޯސާވެފައި އޮތުމާއި ގުދުރަތީ ކާރިސާތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގައުމަށް ގެއްލުންތަކާ ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމުންނެވެ.

އެންމެ ފަހުން ރާއްޖެ އަށް އޯވަރޯލް ރޭޓިންއެއް މޫޑީސް އިން ދީފައި ވަނީ މި އަހަރުގެ މާޗް މަހު އެވެ. އެމަހު ރާއްޖެ އަށް ދިނީ މިދިޔަ އަހަރު ކޮވިޑްގެ ހާލަތުގައި ވެސް ދީފައިވާ "ބީ3" ރޭޓިން އެވެ.

ކޮވިޑްގެ ހާލަތު އައުމުގެ ކުރިން މޫޑީސް އިން ރާއްޖެ އަށް ދީފައިވަނީ "ބީ2" ރޭޓިން އެވެ. އޭރު ރޭޓިން ދަށްކުރީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ހުއްޓުމަކަށް އައިސް، އިގްތިސާދީ ހަރަކާތްތައް ދަށަށް ދިއުމުންނެވެ.