Roadha Mihaaru
އެމްއެންޑީއެފްގެ އެސްޕީޖީގެ ކޮމާންޑަރުން ބަދަލުކޮށްފި

ނަޝީދަށް ދިން ހަމަލަ އަށް ފަހު އެސްޕީޖީގެ ކޮމާންޑަރުން ބަދަލުކޮށްފި

29 މެއި 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލަ އަށް ފަހު، ސިފައިންގޭގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ ކޮމާންޑަރުން ބަދަލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލަ އަށް ފަހު، ސިފައިންގޭގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ ކޮމާންޑަރުން ބަދަލުކޮށްފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް، މޭޖަ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ އެސްޕީޖީގެ ކޮމާންޑިން އޮފިސަރަކަށް ލެފްޓިނެންޓް ކާނަލް އަބްދުލް މުއިޒް މުސްތަފާ އަދި ޑެޕިއުޓީ ކޮމާންޑިން އޮފިސަރަކަށް މޭޖަ މޫސާ ރަމީޒު އައްޔަންކޮށްފައިވާ ކަމަށެވެ.

މުއިޒަކީ މީގެ ކުރިން ސިފައިންގެ ތެރޭގައި ހިނގި ހަމަނުޖެހުމުގައި 2013 ވަނަ ވަޒީފާއިން ވަކިކުރި އޮފިސަރެކެވެ. އެކަމަކު ސުޕްރީމް ކޯޓުން މިދިޔަ މާޗު މަހު ކުރި ހުކުމާއެކު އޭނާ އަށް އަލުން ވަނީ ސިފައިންގޭގެ ވަޒީފާ ދީފަ އެވެ.

އެސްޕީޖީގެ ފަސްޓް ސާޖަންޓުގެ ގޮތުގައި، ފަސްޓް ސާޖަންޓް އަބްދުﷲ ޖަމީލް ވެސް ހަމަޖައްސާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

ނަމަވެސް މި ބަދަލުތަކެއް ގެނައި ސަބަބެއް ހާމަނުކުރެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ނަޝީދު ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލަ އަށް ފަހު އެމްއެންޑީއެފްގެ ބައެއް ކަންކަމަށް އަންނަނީ ބަދަލުތައް ގެންނަމުންނެވެ. މިއީ، އޭގެ ތެރެއިން ގެނައި ބަދަލެއް ކަމަށް ވެ އެވެ.

އެ މަނިކުފާނަށް އެމްއެންޑީއެފުން ރައްކާތެރިކަން ދެމުން ދަނިކޮށް އެ ރައްކާތެރިކަން ގެއްލުނު ގޮތް ނުވަަތަ ސެކިއުރިޓީ ބްރީޗްވި މައްސަލަ ވެސް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އަންނަނީ ބަލަމުންނެވެ.

ނަޝީދު ދިރިއުޅުއްވާ ކެނެރީގޭގެ ކައިރީގައި އެ މަނިކުފާނަށް ދިން ބޮމުގެ ހަމަލާގައި ފުރާނަ އަށް ނުރައްކާވާ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިވަޑައިގަތެވެ. އެ ޒަހަމްތަކަށް ފަރުވާ ކުރުމަށް އޭޑީކޭގައި ގިނަ ސާޖަރީތަކެއް ހެދި އެވެ. އޭޑީކޭ އިން ފަރުވާ ހޯއްދެވުމަށް ފަހު އިތުރު ފަރުވާ ހޯއްދެވުމަށް އެ މަނިކުފާނު ވަޑައިގެން މިހާރު ހުންނެވީ ޖަރުމަނުވިލާތުގަ އެވެ.