Roadha Mihaaru
އިންތިހާބު ފަސްކުރަން ރައީސް ޔާމީންގެ ފެކްޝަނުން ކޯޓަށް

ކައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ރައީސް ޔާމީންގެ ފެކްޝަނުން ކޯޓަށް ހުށަހަޅައިފި

20 ނޮވެމްބަރ 2016

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ދެ މަސްދުވަހަށް ފަސްކޮށްދިނުމަށް އެދި ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ދެ މަސްދުވަހަށް ފަސްކޮށްދިނުމަށް އެދި ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އެ ފެކްޝަނުން މިދިޔަ ބުދަ ދުވަހު ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ކައުންސިލް އިންތިހާބު ބާއްވަން މިހާރު ކަނޑައަޅާފައިވާ ތާރީހަށް ވުރެ ދެ މަސް ދުވަހަށް އިންތިހާބު ފަސްކުރުމަށް އަންގައި އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ. މި މައްސަލަ ސިވިލް ކޯޓުގައި މާދަމާ ކުރިއަށް ގެންދަން ވަނީ ތާވަލުކޮށްފަ އެވެ.

މިގޮތަށް އެދިފައިވީ ނަމަވެސް ގާނޫނުގައި ބުނާ ގޮތުން އިންތިހާބު ބާއްވާ ތާރީހު ފަސްކުރެވޭކަށް ނެތެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކަނޑައެޅި ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގައި ވެސް އިލެކްޝަނުން ވަނީ އިންތިހާބު ފަސްކުރެވެން ނޯންނާނެ ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ޕާޓީތަކުގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ، އަންނަ ޖެނުއަރީ 14 ގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ނިންމާފައި ވާއިރު، ޕީޕީއެމްގެ ހިންގުމުގައި ދިމާވި ދަތިތަކާ ހެދި، މިހާރު ކަނޑައަޅާފައިވާ ތާރީހަށް އިންތިހާބަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެވިފައި ނުވާ ކަމަށެވެ. އެ ޕާޓީ އަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ޕާޓީކަން މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

އެ މައްސަލައިގައި ބުނެފައި ވަނީ، ޕާޓީ ހިންގަން ކުރިމަތިވެފައިވާ ހުރަސްތައް ގިރާކުރުމަށް ފަހު އިންތިހާބަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނެތުމުގެ އިތުރުން ޕާޓީގެ ޑޭޓާ ބޭސް އާއި އާއްމު މެމްބަރުންގެ ދަފްތަރު ވެސް ނެތުމާ އަދި އެހެން ވެސް މުހިއްމު ލިޔެކިޔުންތަކެއް ނެތް ކަމަށެވެ. މި ހާލަތުގައި އިންތިހާބު ބާއްވައިފި ނަމަ އެ ޕާޓީ އަށް އިޔާދަނުކުރެވޭވަރުގެ ގެއްލުންތަކެއް ލިބޭނެ ކަމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައިވެ އެވެ.

ރައީސް ޔާމީންގެ ފެކްޝަނުން ކޯޓަށް މައްސަލަ ހުށަހަޅާފައި ވާއިރު، އެ ފެކްޝަނުން ބުނެފައި ވަނީ އިންތިހާބު ފަސްކުރަން ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނަށް ކަމަށެވެ. އެ ގޮތަށް ވާހަކަ ދެކެވިފައި އޮށްވައި އިލެކްޝަނުން ވަނީ، އިންތިހާބަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ކުއްލި ގޮތަކަށް އިތުރުކޮށްފަ އެވެ.

ޕީޕިއެމްގެ އެތެރޭގައި ބޮޑެތި މައްސަލަތަކެއް އުފެދިފައި ވާއިރު، ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރާ މެމްބަރުން އިންތިހާބުގައި ވާދަކުރަން ނިންމާފައި ވަނީ އަމިއްލަ ގޮތުންނެވެ. މިކަން ހުއްޓުވުމަށް، ޕާޓީގެ ފަރާތުން ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ސިޔާސީ ޕާޓީއަކުން ވެސް އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހަށް ވަނީ އިސްލާހެއް ހުށަހަޅައިފަ އެވެ. އެކަމުގެ ބަހުސް މާދަމާ މަޖިލީހުގައި ފަށާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ޕީޕީއެމްގެ އެތެރޭގައި ދިމާވި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ ޕާޓީ ހިންގުން މުސްތަޝާރު ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ. އޭގެ ފަހުން ޕާޓީގެ އިދާރީ ހުރިހާ ކަމެއް ވެސް ކުރަނީ އެ ފެކްޝަނުންނެވެ.