Roadha Mihaaru
ސަރުކާރުގެ ސިޔާސީ މީހުންނަށް ކޮންސިއުލޭޓަކީ ޝޮޕިންމޯލެއް

ސަރުކާރުގެ ސިޔާސީ ވެރިންނަށް ހީވަނީ އިންޑިއާގެ ކޮންސިއުލޭޓަކީ ޝޮޕިންމޯލެއް ކަމަށް: އުމަރު

31 މެއި 2021

ސަރުކާރަށް ނިސްބަތްވާ ސިޔާސީ ބޭފުޅުންނަށް ހީވަނީ، އައްޑޫގައި ގާއިމުކުރަން އުޅޭ އިންޑިއާގެ ކޮންސިއުލޭޓަކީ ޝޮޕިންމޯލެއް ކަމަށާއި އެއީ އެ ބޭފުޅުންގެ ނަޒަރުގައި ވިޔަފާރިއެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ނިސްބަތްވާ ސިޔާސީ ބޭފުޅުންނަށް ހީވަނީ، އައްޑޫގައި ގާއިމުކުރަން އުޅޭ އިންޑިއާގެ ކޮންސިއުލޭޓަކީ ޝޮޕިންމޯލެއް ކަމަށާއި އެއީ އެ ބޭފުޅުންގެ ނަޒަރުގައި ވިޔަފާރިއެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި އެހެން ވިދާޅުވީ، އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމާފައިވާތީ އެކަމާ ދެކޮޅު ހިޔާލުތައް ވަރަށް ބޮޑުވެފައި ވަނިކޮށެވެ. އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހެދުމާ މެދު ދިވެހި ސަރުކާރުން އަދި ގޮތެއް ނުނިންމަ އެވެ.

ސަރުކާރުގެ ފަޅީގައި ތިއްބެވި ސިޔާސީ ބޭފުޅުންނާއި އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވަމުން ގެންދަވަނީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރުމަކީ އެ ސިޓީގެ ތަރައްގީއާ ގުޅިފައިވާ ކަމެއް ކަމަށެވެ. އޭގެ ސަބަބުން އައްޑު އަށް ވިޔަފާރި އާއި އިންވެސްޓު ކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. ރައްޔިތުންގެ މަޖިލީހުގައި އައްޑޫގެ ދާއިރާތައް ތަމްސީލު ކުރައްވާ ހުރިހާ މެމްބަރުން ވެސް ވަނީ އިންޑިއާއާ އެއްކޮޅަށް މި މައްސަލައިގައި އަރުއްވައިފަ އެވެ.

އުމަރުގެ ވީޑިއޯގައި ވިދާޅުވީ، އެ ކޮންސިއުލޭޓް އޭނާ އަށް ސިފަކުރެއްވެނީ ކަސްޓަމްސް އަށް އޮޅުވާލައިގެން ފަހަރަކު ބައެއް ރާއްޖެ އެތެރެކުރުން ކަމަށެވެ. އެެ އަށް ބާރު ދެއްވަމުން އުމަރު ވިދާޅުވީ، އޭނާ އަށް ފެނިވަޑައިގަންނަވަނީ އައްޑޫގައި "މިލިޓަރީ މަރުކަޒެއް" އިންޑިއާ އިން ރާވާ މަންޒަރު ކަމަށެވެ.

"ފުރަތަމަ އައްޑު އަށް [އިންޑިއާ އިން] ގެނައީ ހެލިކޮޕްޓަރަކާއި ސިފައިން. ދެން ގެނައީ ރާޑާ ސްޓޭޝަން. ދެން އެޅީ މިލިޓަރީ ބޭސްއަކަށް ބޭނުންކުރެވޭ ވަރުގެ ވަރުގަދަ އިމާރާތެއް. ޑިޕްލޮމެޓިކް ކަވަރު ދިނުމަށްޓަކައި މިހާރު މި ގެންނަނީ ކޮންސިއުލޭޓް އޮފީހެއް،" ކަމުގެ ނުރައްކާތެރިކަމާއި ރޭވެރުންތެރިކަން ހާމަކޮށްދެއްވަމުން އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން އައްޑޫ މީހުންގެ ވަޒީފާ ގެއްލިފައިވާ މި އުނދަގޫ ދަނޑިވަޅުގައި އަދި ސަރުކާރުން ވައުދުވި 8،000 އެނދު ވެސް އެ ސިޓީގައި ތަރައްގީ ކުރުމެއް ނެތި "އިންޑިއާގެ މިލިޓަރީބޭސް" ގާއިމުކުރުމުގެ ނަތީޖާއަކީ އިންވެސްޓަރުން ޖެހިލުންވުން ކަމަށެވެ. ޓޫރިޒަމާއި އެހެނިހެން ވިޔަފާރިތަކަށް ވެސް ވާނީ ގެއްލުމެވެ.

އުމަރު ނަސީރު: ރާއްޖެ އަށް އިންޑިއާގެ ބާރުގަދަ ކުރުމުގެ ނަތީޖާ ވަރަށް ގޯސް ކަމަށް ވިދާޅުވޭ.--- މިހާރު ފޮޓޯ

އުމަރު ނަސީރު: ރާއްޖެ އަށް އިންޑިއާގެ ބާރުގަދަ ކުރުމުގެ ނަތީޖާ ވަރަށް ގޯސް ކަމަށް ވިދާޅުވޭ.--- މިހާރު ފޮޓޯ

"އަދި އިންޑިއާއަކީ މުއްސަނދި ގައުމަކަށް ނުވާތީ، މި ބޭސްގެ ސަބަބުން އައްޑޫގެ އިގްތިސާދަށް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ. އިނގިރޭސިން [އައްޑޫގައި] ތިބިއިރު ކުރި ކަހަލަ އެއްވެސް އިގްތިސާދީ ފައިދާއެއް ނުކުރާނެ،" އުމަރު ވިދާޅުވި އެވެ.

"މިއީ މުޅި ގައުމުގެ މިނިވަންކަމަށް އަންނަ ގޮންޖެހުމެއް. މިއީ އައްޑޫގެ އިގްތިސާދަށް ލިބޭ ގެއްލުމެއް. މިއީ ދުރުރާސްތާގެ ޕްލޭނެއްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުގައި އެކި ނަންނަމުގައި އިންޑިއާގެ މިލިޓަރީ ބޭސްތައް ގާއިމުރުމަށް ހިންގާ ފުޅާ ޕްރޮގްރާމެއް."

އުމަރު ވިދާލުވިގޮތުގައި، އުތުރުތިލަފަޅުގައި އިންޑިއާ އިން ހަދާ އިމާރާތްތަކާއި ހދ. ހަނިމާދޫގައި ތިބި އިންޑިއާގެ ސިފައިންނާއި ލ. ގަމުގައި އޮޕަރޭޓްކުރާ ހެލިކޮޕްޓަރާއި ސިފައިންނާއި އައްޑޫގައި އިންޑިއާ އިން ގާއިމުކޮށްފައިވާ ވަސީލަތްތަކަށް ބަލާއިރު "މި ހިނގަނީ ކޮން ކަމެއްކަން ވަރަށް ސާފު" އެވެ.

އޭނާ ވިދާޅުވީ، އެއީ ދިވެހި ދައުލަތުގެ ވެރިންގެ "ތިލަ ވިސްނުމުގެ" ސަބަބުން ކުރިމަތިވާ ކަންތައް ކަމަށެވެ. އޭގެ ނޭދެވޭ އަސަރު ދިވެހިންގެ މިނިވަންކަމަށް ކުރާނެ ކަމަށް ވިދާޅުވި އެވެ.

"މި ގައުމު ދިވެހިންނަށް އަނބުރާ ހޯދައިދިނުމުގެ މަތިވެރި ޒިންމާ 2023 ވަނަ އަހަރު ދިވެހި ރައްޔިތުން ޑީއެންއޭއާ ހަވާލު ކުރައްވައިފި ނަމަ ﷲ ގެ ވާގިފުޅާއެކު އިންޑިއާގެ ސިފައިން ތިބިތިބުމަށް ނިމުމެއް ގެންނާނަން. ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަށް އަޅުގަނޑުމެން ކަށަވަރު ކުރާނަން،" އުމަރު ވިދާޅުވި އެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމާ ދެކޮޅު ޕެޓިޝަނެއް ވެސް އެ ސިޓީގެ ޒުވާނަކު އިސްވެ ދަނީ ހިންގަމުންނެވެ. އަދި މިކަމުގެ ފަހަތުގައިވާ ކަންކަން ސާފުކޮށްދިނުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.