Roadha Mihaaru
މިޝްކާގެ މަރުގެ މައްސަލައިގެ ތަހުގީގު މިރޭ ނިމޭނެ

މިޝްކާގެ މަރުގެ މައްސަލައިގެ ތަހުގީގު މިރޭ ނިމޭނެ: މިނިސްޓަރު

02 ޖޫން 2021

ކޮވިޑް-19 ގައި ރޭ ނިޔާވި ފާތިމަތު މިޝްކާ މުހައްމަދަށް ފަރުވާ ދިނުން ލަސްވި މައްސަލައިގެ ތަހުގީގު މިރޭ ނިމޭނެ ކަމަށާއި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވީ ނަމަވެސް މަގާމުން އިސްތިއުފާ ދެއްވާނީ އެ ކަން ބެއްލެވުމަށް ފަހު ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑް-19 ގައި ރޭ ނިޔާވި ފާތިމަތު މިޝްކާ މުހައްމަދަށް ފަރުވާ ދިނުން ލަސްވި މައްސަލައިގެ ތަހުގީގު މިރޭ ނިމޭނެ ކަމަށާއި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވީ ނަމަވެސް މަގާމުން އިސްތިއުފާ ދެއްވާނީ އެ ކަން ބެއްލެވުމަށް ފަހު ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، އުމުރުން 10 އަހަރުގެ މިޝްކާގެ މަރުގެ މައްސަލަ ބަލަމުން އަންނަ ކަމަށާއި އެ ހާދިސާ ހިނގާދިޔަ ގޮތް މިރޭގެ ނިޔަލަށް ސާފުވާނެ ކަމަށެވެ. އެ މައްސަލައިގައި އިހުމާލުވާ ބަޔަކު އެ ތަހުގީގުން ސާފުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މި ކަންތައްތައް ބަލަމުން މިދަނީ. ރިޕޯޓްތަކަށް ބަލާފައި ސީދާ އަޅުގަނޑުގެ އިހުމާލެއް އުޅޭތޯ ވެސް ބަލާނަން. އެ ކަންކަމަށް ބަލާފައި ތި ސުވާލަށް އަޅުގަނޑު ޖަވާބު ދޭނަން،" މިޝްކާ މަރުވުމުގައި އިހުމާލު އޮތް ކަމަށް ދެކެވަޑައިގެން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ގަބޫލު ކުރައްވަންތޯ ސުވާލު ކުރުމުން މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މިޝްކާގެ ފަރުވާ ލަސްވުމުގައި އިހުމާލު އެބައޮތެވެ. އެކަމަކު އެއީ ކޮން ބައެއްގެ އިހުމާލެއްކަން ސާފުވާނީ ތަހުގީގަށް ފަހު ކަމަށް ވިދާޅުވި އެވެެ.

"10 އަހަރުގެ މިޝްކާ [ހޮސްޕިޓަލަށް] ގެންދަން ލަސްވުމުގެ އިހުމާލު އެބައޮތް އިނގޭތޯ. އެކަމަށް އެޓެންޑް ކުރެވުނު މީހުންގެ ފަރާތުން އިހުމާލު އޮތް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އެ ތަހުގީގު އަޅުގަނޑުމެން ކުރަމުން މި ގެންދަނީ. އިރާދަކުރެއްވިއްޔާ މިރޭގެ ނިޔަލަށް އެ ތަހުގީގު ނިމޭނެ،" މީގެ އަށެއްކަ މަސް ކުރިން މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ނޫސްވެރިންނާ ބައްދަލުކުރެއްވި ދެވަނަ ފަހަރު ނަސީމް މިރޭ ވިދާޅުވި އެވެ.

ހދ. ކުޅުދުއްފުށި، ލާޖަހާގޭ މިޝްކާއަކީ ކޮވިޑް ބަލީގައި ރާއްޖެ އިން މަރުވި ފުރަތަމަ ކުޑަކުއްޖާ އެވެ.

އެމްބިއުލާންސަށް ގުޅީ ރޭ ނުވައެއް ޖަހާކަން ހާއިރު ކަމަށާއި އެކަމަކު އެމްބިއުލާންސް ދިޔައީ ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުން 11:40 ހާއިރު ކަމަށް މިޝްކާގެ އާއިލާ އިން ބުނެ އެވެ. އެޗްޕީއޭގެ ހޮޓްލައިން 1676 އަށް ތަކުރާރުކޮށް ގުޅުމުން ވެސް، "އެމްބިއުލާންސް މިހާރު ހިނގައްޖެ" ކަމަށް ބުނި ކަމަށާއި އަދި ދިއުން ލަސްވާތީ އައިޖީއެމްއެޗްގެ އެމްބިއުލާންސަށް ވެސް ގުޅި ކަމަށް އޭނާ ބުންޏެވެ. މިޝްކާ ބަލާ އެމްބިއުލާންސް ދިޔައިރު އޭނާ އޮތީ ހޭނެތި، ހާލު ވަރަށް ބޮޑަށް ސީރިއަސް ވެފައި ކަމަށް އާއިލާ އިން ބުނެ އެވެ. މިޝްކާ ރޭ ނިޔާވީ، އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެންދިޔަ ފަހުންނެވެ.