Roadha Mihaaru
"ހަކުރު ބަލީގެ ގިނަ ބަޔަކު ދެނެނުގަނެވި އެބަތިބި"

ހަކުރު ބަލީގެ ދެ ބައި ކުޅަ އެއްބައި މީހުން ބަލި ދެނެނުގަނެވި އެބަތިބި: ނަސީމް

10 އޮކްޓޯބަރ 2022

ރާއްޖޭގައި ހަކުރުބަލީގެ ދެ ބައި ކުޅަ އެއްބައި މީހުން އަދިވެސް ދެނެނުގަނެވި އެބަތިބި ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ހަކުރުބަލީގެ ދެ ބައި ކުޅަ އެއްބައި މީހުން އަދިވެސް ދެނެނުގަނެވި އެބަތިބި ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ސިއްހީ ދާއިރާއާ ގުޅޭގޮތުން ހަދާފައިވާ ދިރާސާތައް އެއްތަނަކުން ފެންނާނެ ފޮތެއް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، ޕަބްލިކް ހެލްތު ނުވަތަ އާއްމު ސިއްހަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

ހަކުރުބަލި ޖެހިފައި ތިބި މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން އެ ބައްޔަށް ޑައިގްނޯޒް ނުކުރެވި ތިބިއިރު، ހަކުރު ބަލި ޖެހިފައިވާކަން ވެސް އެނގެނީ ނަސީމް ވިދާޅުވި ގޮތުގައި ހާލު ސީރިއަސްވެ، މީހާ ވެއްޓޭ ހިސާބުންނެވެ.

"ރާއްޖޭގައި ޑައިބެޓިކްސް މީހުން ޑައިގްނޮޒް ނުކުރެވި އެބަތިބި ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން އަސްލު ޑައިބެޓިކް. އެ މީހުންނަކަށް ނޭނގޭ އެ މީހުންނަކީ ޑައިބެޓިކް މީހުން ކަމެއް. ވެއްޓުނީމާ މި އެނގެނީ. އެ ހިސާބަށް ދިއުމުގެ ކުރިން ކަންތައްތައް ރާވަންޖެހޭ ސިއްހީ ވުޒާރާ އިން ހުރިހާ ރަށެއްގައި، ހުރިހާ އަތޮޅެއްގައި އާއްމު ސިއްހަތު ރަނގަޅު ކުރުމަށް އާއްމު ސިއްހަތާ ގުޅޭ ނަސޭހަތް ދިނުމަށް،" ވަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކައިބޮއެ އުޅެންވީ ރަނގަޅު އެއްޗެހި މީހުންނަށް ނޭނގޭ ކަމަށެވެ. އަދި ރޭގަނޑު ލަހުން ކައިގެން ނިދުން މަދުކުރުމާއި ހަކުރާއި ލޮނު ބޭނުންކުރާ ވަރު މަދުކުރަންޖެހޭ ކަން ފާހަގަކުރެއްވި އެވެ.

އުސްފަސްގަނޑުގައި ބަޔަކު ކަސްރަތުކުރަނީ: ހަކުރު ބަލީގެ ގިނަ ބަޔަކު ދެނެނުގަނެވި އެބަތިބި ކަމަށް މިނިސްޓަރު ވިދާޅުވި..--ފައިލް ފޮޓޯ: މިހާރު

އުސްފަސްގަނޑުގައި ބަޔަކު ކަސްރަތުކުރަނީ: ހަކުރު ބަލީގެ ގިނަ ބަޔަކު ދެނެނުގަނެވި އެބަތިބި ކަމަށް މިނިސްޓަރު ވިދާޅުވި..--ފައިލް ފޮޓޯ: މިހާރު

ހެލްތު މިނިސްޓްރީން ވަނީ އާއްމު ސިއްހަތު ރަނގަޅުކުރުމަށް މި އަހަރު ޕްރޮގްރާމެއް ފަށަން ނިންމައިފަ އެވެ. އޭރުން ގޭގެ އަށް ޒިޔާރަތްކޮށް، މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތް ބަލައި ނަސޭހަތްދޭނެ ކަމަށް ނަސީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އޯގާތެރިކަމާއެކު މީހުންގެ ހާލަތު ބެލުމަށް ބޭނުންވެ އެވެ. އެކަން، ކަރުދާހުގައި ލިޔެ، ހުރިހާ ރަށެއްގައި އެއްފަހަރާ އެ މަސައްކަތް ފެށުމުން އަންނަ އަހަރު އޭގެ ނަތީޖާ ފެންނާނެ ކަމަށް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވިގޮތުގައި، ޕަބްލިކް ހެލްތު ޕްރޮގްރާމް ހިންގައިގެން ދޭން މީހުން ރާއްޖޭގައި އެބަތިއްބެވެ. ބޭނުންވަނީ ހިތްވަރު ކަމަށާއި ދިރާސާކުރަން ބޭނުންވާ ފަންޑެއް ވެސް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް، އެކަށީގެންވާ ގޮތުގައި އެ ފަންޑު ބޭނުން ނުކުރެވުނަސް، މި އަހަރު އެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.

"...ދިރާސާކުރާ މީހުންނާއި ދިރާސާ ކުރަން މަސައްކަތް ކުރުމަށް މަގުފަހިކޮށްދޭ މީހުންނަށް އަޅުގަނޑުމެން އެހީ ވެސް ފޯރުކޮށްދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

"ކޮމްޕޮންޑިއަމް އޮފް ހެލްތު ރިސާޗް އިން މޯލްޑިވްސް" ގެ ނަމުގައި ނެރުނު ފޮތުގައި ވަނީ 2018-2021 ވަނަ އަހަރާ ދެމެދު ހަދާފައިވާ އެކި ދިރާސާތަކެވެ.

އެ ފޮތުގައި 30 އަށް ވުރެ ގިނަ ދިރާސާ ހިމެނެ އެވެ. އޭގެ ތެރޭގައި ބަލިތަކަށް ފަރުވާ ދިނުމާއި ރައްކާތެރިވުމުގެ އިތުރުން ކޮވިޑާ ގުޅޭ ގޮތުން ފާއިތުވި ދެ އަހަރުގެ ތެރޭގައި ހެދި ދިރާސާތައް ވެސް ހިމެނެ އެވެ.

މިނިސްޓަރު ނަސީމް ވަނީ ދިރާސާތަކުން ސިއްހީ ދާއިރާ ބައްޓަން ކުރުމަށް އެދިވަޑައިގެންފަ އެވެ.