Roadha Mihaaru
ރިތިކްގެ ވެބް ސީރީޒުން މަނޯޖް ވަކިވެއްޖެ

ރިތިކްގެ ވެބް ސީރީޒުން މަނޯޖް ވަކިވެއްޖެ

04 ޖޫން 2021

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަންގެ އަލަތު ވެބް ސީރީޒް "ދަ ނައިޓް މެނޭޖާ" އިން އެކްޓަރު މަނޯޖް ބަޖްޕާއީ އަށް ދިން ރޯލު އޭނާ ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަންގެ އަލަތު ވެބް ސީރީޒް "ދަ ނައިޓް މެނޭޖާ" އިން އެކްޓަރު މަނޯޖް ބަޖްޕާއީ އަށް ދިން ރޯލު އޭނާ ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ގޮތުގައި ބީބީސީ ވަން އިން އިނގިރޭސި އެކްޓަރު ޓޮމް ހިޑެލްސްޓަނާ އެކު ގެނެސްދިން "ނައިޓް މެނޭޖާ" ގެ ހިންދީ ވާޝަނުން މަނޯޖަށް ދިނީ އެކްޓަރު ހިއު ލޯރީ ކުޅުނު ނުފޫޒު ގަދަ ވިޔަފާވެރިޔާ ރިޗަޑް ރޯޕާގެ ރޯލެވެ. އެ ރޯލަކީ ސީރިޒްގެ މައި ވިލަންގެ ރޯލު ވެސް މެ އެވެ.

ނަމަވެސް މަނޯޖް އެ ފުރުސަތު ދޫކޮށްލީ އޭނާ ކުރިން ސޮއިކޮށްފައި ހުރި އެހެން ޕްރޮޖެކްޓްތަކަކަށް ވަގުތު ހުސްކުރަން ޖެހޭތީ ރިތިކްގެ ސީރީޒަށް ވަގުތު ދެވެން ނެތުމުންނެވެ. އެމެޒޯން ޕްރައިމް ވީޑިއޯ އިން މިހާރު ގެނެސްދޭން ތައްޔާރުވަމުން އަންނަ ސީރީޒް "ދަ ފެމިލީ މޭން" ގެ ދެވަނަ ސީޒަންގެ ލީޑް އެކްޓަރު މި ވަގުތު ވެސް އަންނަނީ އުތުރާކަންދުގައި ފިލްމެއްގެ މަަސައްކަތްކުރަމުންނެވެ.

ބައެއް މީޑިއާތަކުން މި އަހަރުގެ ކުރީކޮޅު ރިޕޯޓްކޮށްފައިވާ ގޮތުން ރިތިކް ވެސް ވަނީ ވަގުތުގެ މައްސަލައާ ހެދި "ދަ ނައިޓް މެނޭޖާ" ދޫކޮށްލައިފަ އެވެ. އެކަމަކު އެއީ ކަށަވަރު ވާހަކައަކަށް ނުވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭގެ މަސައްކަތް އޭނާ ކުރާނެ އެވެ. "ދަ ނައިޓް މެނޭޖާ" ގެ ހިންދީ ވާޝަނުގައި ރިތިކް ކުޅޭނީ އޮރިޖިނަލްގައި ހިޑެލްޓަން ކުޅުނު ޖޮނަތަން ޕައިންގެ ރޯލެވެ.

މި ސީރީޒް ހަދަނީ ޑިޒްނީ ޕްލަސް ހޮޓްސްޓާއަށެވެ. ނަމަވެސް ސީރީޒާ ބެހޭ ގޮތުން މިހާތަނަށް ރަސްމީކޮށް ރިތިކް ވެސް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އޭނާގެ އަތުގައި މި ވަގުތު ރަސްމީކޮށް ސޮއިކޮށް، އިއުލާންކޮށްފައި އޮތް ހަމައެކަނި ޕްރޮޖެކްޓަކީ ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމު "ފައިޓާ" އެވެ. ދީޕިކާ ޕަދްކޯން ބަތަލާގެ ރޯލު ކުޅޭ އެ ފިލްމު އޮތީ އަންނަ އަހަރުގެ ސެޕްޓެމްބަރު 30 ގައި ސިނަމާތަކަށް ގެންނަން ވެސް ތާވަލުކޮށްފަ އެވެ.

ތުރިލާ ޖޯންރާގެ "ނައިޓް މެނޭޖާ" އަކީ ބީބީސީ ވަން އިން 2016 ގައި ގެނެސްދިން ވަރަށް ކާމިޔާބު އެއްޗެކެވެ. ސޫޒަން ބިއާ ޑައިރެކްޓްކުރި ސީރީޒަކީ ހަ އެޕިސޯޑްގެ އެއްޗެކެވެ.