Roadha Mihaaru
މާހިރާގެ އާ ސިލްސިލާއެއް ހަމް ޓީވީ އަށް

މާހިރާގެ އާ ސިލްސިލާއެއް ހަމް ޓީވީ އަށް

15 ޖުލައި 2021

ކުރިން ވެސް ރީތި އަދި ކާމިޔާބު ސިލްސިލާތަކެއް ކުޅެފައިވާ ޕާކިސްތާންގެ މަޝްހޫރު ބަތަލާ މާހިރާ ޚާންގެ އާ ސިލްސިލާއެއް ހަމް ޓީވިން ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިން ވެސް ރީތި އަދި ކާމިޔާބު ސިލްސިލާތަކެއް ކުޅެފައިވާ ޕާކިސްތާންގެ މަޝްހޫރު ބަތަލާ މާހިރާ ޚާންގެ އާ ސިލްސިލާއެއް ހަމް ޓީވިން ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

މިހާރު ޕްރޮމޯ ދައްކަމުން އަންނަ އެކަމަކު އަދި ދައްކަން ފަށާނެ ތާރީހެއް އިއުލާންނުކުރާ ސިލްސިލާގެ ނަމަކީ "ހަމް ކަހާ ސޭ އައްޗޭ ތޭ" އެވެ. މީގައި މާހިރާގެ ކެރެކްޓާގެ ނަމަކީ މެހެރީން މަންސޫރެވެ.

އުމޭރާ އަހުމަދުގެ ސްކްރީންޕްލޭއަކަށް ގެނެސްދޭ "ހަމް ކަހާ ސޭ އައްޗޭ ތޭ" ގެ ޑައިރެކްޓަރަކީ ފާރޫގް ރިންދު އެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި އުސްމާން މުޚްތާރާއި ކުބްރާ ޚާން ހިމެނެ އެވެ.

ޝާހްރުކް ޚާނާ އެކު ބޮލީވުޑްގެ 2016 ގެ ފިލްމު "ރައީސް" ގެ ބަތަލާގެ ރޯލު ކުޅުނު މާހިރާ ކުރިން ކުޅެފައިވާ މަޝްހޫރު ސިލްސިލާތަކުގެ ތެރޭގައި ޕާކިސްތާންގެ މަޝްހޫރު އެކްޓަރު ފަވާދު ޚާނާ އެކު ކުޅުނު "ހަމްސަފަރު" އާއި "ނީޔަތު" އަދި "ސަގްދޭ ތުމާރޭ" ހިމެނެ އެވެ.

މާހިރާ، 36، ގެ ފިލްމުތަކުގެ ތެރޭގައި "ބޯލް"، "ބިން ރޯޔޭ"، "ހޯ މަން ޖަހާން" އަދި "ސުޕަސްޓާ" ހިމެނެ އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ފަވާދާ އެކު ފެނިގެންދާނެ "ދަ ލެޖެންޑް އޮފް މޯލާ ޖަޓް" އެވެ.

ސިލްސިލާ "ހަމް ކަހާ ސޭ އައްޗޭ ތޭ" ވަރަށް އަވަހަށް ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައިވާ އިރު މި މާހިރާގެ 2019 ގެ ފިލްމު "ސުޕަސްޓާ" ހަމް ޓީވީން މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ޕްރީމިއާކުރަން ވަނީ ނިންމައިފަ އެވެ.