Roadha Mihaaru
އީރާނުގެ އެންމެ ބޮޑު މަނަވަރު އަނދައި އަޅިއަށް

އީރާނުގެ އެންމެ ބޮޑު މަނަވަރު އަނދައި އަޅިއަށް

03 ޖޫން 2021

އީރާނުގެ ކަނޑުގެ ސިފައިންގެ ހިދުމަތުގައި ބޭނުންކުރާ އެންމެ ބޮޑު އެއް މަނަވަރު ޚާރިގްގައި ރޯވެ، ހޮރުމުޒް ކަނޑުއޮޅި ކައިރިއަށް ފެތިއްޖެ އެވެ.

އީރާނުގެ ކަނޑުގެ ސިފައިންގެ ހިދުމަތުގައި ބޭނުންކުރާ އެންމެ ބޮޑު އެއް މަނަވަރު ޚާރިގްގައި ރޯވެ، ހޮރުމުޒް ކަނޑުއޮޅި ކައިރިއަށް ފެތިއްޖެ އެވެ.

މިއީ އީރާންގެ ކަނޑުގެ ސިފައިންގެ މުދަ އުފުލުމަށާއި ތަމްރީންތަކުގައި ބޭނުންކުރާ މަނަވަރެކެވެ. އީރާންގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި މަނަވަރުގައި ރޯވި ސަބަބެއް މިހާތަނަކަށް ނުހޯދެ އެވެ. ހޮރްމުޒް ކަނޑުއޮޅިއަށް މަނަވަރު ފެތުނީ، ރޯވި އަލިފާންގަނޑު ނިއްވުމަށް 20 ގަޑިއިރު ވަންދެން ކުރި މަސައްކަތް ނާކާމިޔާބުވުމުންނެވެ.

މި މަނަވަރުގައި ރޯވީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ރޯވި ވަގުތު ނަގާފައި ހުރި ބައެއް ފޮޓޯތަކުން، މަނަވަރުގައި ރޯވި އަލިފާންގަނޑު މަނަވަރު ތެރެއަށް ފެތުރެމުން އައި ވަގުތު، ފުރާނަ ސަލާމަތްކުރުމަށް ފަޅުވެރިން ކޮޅުކޮޅު މައްޗަށް ދުވާ މަންޒަރު ފެނެ އެވެ. ދުވާލުގެ ވަގުތުގައި ނަގާފައި ހުރި ފޮޓޯތަކުން ފެންނަނީ، މަނަވަރުގައި ވަރަށް ގަދައަށް ހުޅުހިފައި އޮލަ ދުން އަރަމުންދާ މަންޒަރެވެ.

އީރާންގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ރޯވި އިރު މަނަވަރު ބޭނުންކުރަމުން ދިޔައީ ތަމްރީނުތަކެއްގަ އެވެ. އަދި އަލިފާނުގެ ހާދިސާ ހިނގި އިރު، ފަޅުވެރިންނާއި ތަމްރީން ހަދާ ސިފައިންނާއެކު މަދުވެގެން 400 ވަރަކަށް މީހުން މަނަވަރުގައި ތިބޭނެ އެވެ. އެ އެންމެންގެ ވެސް ސަލާމަތްކުރެވުނު ކަމަށް އީރާނުގެ އަސްކަރިއްޔާ އިން ބުނެ އެވެ. އީރާންގެ އަސްކަރިއްޔާގެ އޮފިސަރަކާ ހަވާލާދީ އެ ގައުމުގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި މަނަވަރުގައި އެންމެ ފުރަތަމަ ރޯވީ އޭގެ އިންޖީނު ކޮޓަރީގަ އެވެ. އަދި އެ އަލިފާންގަނޑު ނިއްވައިނުލެވިގެން އުޅެނިކޮށް، މަނަވަރުގެ ބަނޑުފިލާގެ ބައެއް ވިރުމުގެ ސަބަބުން، މަނަވަރު އަޑިއަށް ދިޔައީ އެވެ.

ފެތުނު މަނަވަރަކީ، 1979 ވަނަ އަހަރުގެ ތެރޭގައި އިނގިރޭސި ވިލާތުގައި ބަނދެފައިވާ މަނަވަރެކެވެ. އީރާނަށް އެ މަނަވަރު ގަނެފައިވަނީ 1984 ވަނަ އަހަރުގެ ތެރޭގަ އެވެ.

މިއީ އީރާންގެ ކަނޑުގެ ސިފައިންގެ ފަހުގެ ތާރީޚެއްގައި ހިނގި މިފަދަ އެންމެ ބޮޑު ހާދިސާ އެވެ. މިދިޔަ އަހަރުގެ ތެރޭގައި އީރާންގެ މަނަވަރުތަކެއް ކަނޑުމަތީގައި ފަރިތަކުރުންތަކެއް ކުރިއަށް ގެންދަނިކޮށް، އޮޅުމެއްގެ ތެރޭގައި މަނަވަރަކުން މިސައިލެއް ފޮނުވައިލެވުނު ހާދިސާއެއްގައި 19 ސިފައިން މަރުވެ 15 ސިފައިން ޒަހަމްވި އެވެ. އަދި 2018 ވަނަ އަހަރު އީރާންގެ މަނަވަރެއް ކެސްޕިއަން ކަނޑަށް ފެތިފައިވެ އެވެ.