Roadha Mihaaru
ފެތުނު ބޯޓަކުން ލަންކާގެ 21 މީހަކު ސަލާމަތްކޮށްފި

ބަންޑުންޖަހާލި ބޯޓަކުން ލަންކާގެ 21 ފަޅުވެރިޔަކު ސަލާމަތްކޮށްފި

18 އެޕްރީލް 2024

މޫސުން ގޯސްވެ ބަންޑުންޖަހާލި ބޯޓަކުން ސްރީ ލަންކާގެ 21 ފަޅުވެރިޔަކު އީރާންގެ އިމަޖެންސީ ސާވިސް އިން ސަލާމަތްކޮށްފައިވާ ކަމަށް އިއްޔެ ބުނެފި އެވެ.

މޫސުން ގޯސްވެ ބަންޑުންޖަހާލި ބޯޓަކުން ސްރީ ލަންކާގެ 21 ފަޅުވެރިޔަކު އީރާންގެ އިމަޖެންސީ ސާވިސް އިން ސަލާމަތްކޮށްފައިވާ ކަމަށް އިއްޔެ ބުނެފި އެވެ.

އީރާންގެ ރަސްމީ ނިއުސް އެޖެންސީން ބުނީ ލަންކާގެ ފަޅުވެރިން ތިބީ ކޫކް އައިލެންޑްސްގެ ދިދައިގައި ދަތުރުކުރި، ތެޔޮ އުފުލާ ބޯޓެއްގައި ކަމަށެވެ. އެއީ އީރާންގެ ޖާސިކް ބަނދަރާ 50 މޭލު ދުރުންނެވެ.

"މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ އުޅަނދެއް، ހާދިސާ ހިނގި ސަރަހައްދަށް ފޮނުވައި 21 ފަޅުވެރިން ވަނީ ސަލާމަތްކޮށްފައި،" ޖާސިކް ޕޯޓްސް އެންޑް މެރިޓައިމް އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރު މުހައްމަދު އަމީން އަމާނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިއްހީ ފަރުވާ ބޭނުންވި ފަސް މީހަކަށް ފަރުވާ ދީފައިވާ ކަމަށާއި އެކަމަކު އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

މި ދުވަސްވަރު އީރާންގެ ހޮރްމޫޒް ކަނޑުއޮޅި ސަރަހައްދާއި އޮމާން އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސް އަށް ވެސް މޫސުން ވަރަށް ގޯހެވެ. ގަދަ ވިއްސާރާގައި މި ހަފްތާގައި އޮމާނުން 18 އަދި އީރާނުން ތިން މީހަކު ވަނީ މަރުވެފަ އެވެ. -- އޭއެފްޕީ