Roadha Mihaaru
މޮނިޓަރިންގެ ރަށްރަށުގެ ކީސްޓޭޖް 1އަށް ޓެބްލެޓް ހޯދަނީ

ކޮވިޑް-19: މޮނިޓަރިންގެ ރަށްރަށުގެ ކީ ސްޓޭޖް އެކަކަށް ޓެބްލެޓް ހޯދަނީ

04 ޖޫން 2021

ކޮވިޑު-19 ގެ ސަބަބުން މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގެ ކީ ސްޓޭޖު އެކަކާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން 1،000 އަށް ވުރެ ގިނަ ޓެބްލެޓް ހޯދައިދޭނެ ބަޔަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން ރޭ އިއުލާނުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑު-19 ގެ ސަބަބުން މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގެ ކީ ސްޓޭޖު އެކަކާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން 1،000 އަށް ވުރެ ގިނަ ޓެބްލެޓް ހޯދައިދޭނެ ބަޔަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން ރޭ އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީގެ އިއުލާނުގައި ބުނީ ލާނިން އެޑްވާންސްމަންޓް އެންޑް މިޝަމެންޓް ޕްރޮޖެކްޓަށް ވޯލްޑް ބޭންކުގެ އެހީ ލިބިފައިވާ ކަމަށެވެ. އޭގެ ދަށުން ހަތަރު މަސް ދުވަހުގެ ތެރޭގައި ޓެބްލެޓް ހޯދަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 15 ގެ ކުރިން ބިޑް ހުށަހަޅަން މުއްދަތު ދީފައިވެ އެވެ.

އެ ބުރުގައި މޮނިޓަރިންގައި އޮތް ރަށްރަށުގެ ގްރޭޑު 1 އަދި 2 ގެ ކުދިންނާއި ސެންގައި ކިޔަވާ ދަރިވަރުންނަށް 1،350 ޓެބްލެޓް ހޯދާނެ އެވެ.

ވޯލްޑް ބޭންކުގެ އެހީގައި ޓެބްލެޓް ގަނެދޭނެ ބަޔަކު ހޯދަން އިއުލާނުކުރިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ދަރިވަރުންނަށް ބަހަން 70،000 އަށްވުރެ ގިނަ ޓެބްލެޓް ހޯދި އެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް އެ ޓެބްލެޓުތައް ބެހިއަސް އަދިވެސް އެ ނުލިބޭ ބައެއް ދަރިވަރުން އެބަތިއްބެވެ.

ކޮވިޑުގެ ސަބަބުން މިހާރު ވެސް 65 އަށް ވުރެ ގިނަ ރަށް އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސް ސްކޫލު ބަންދުކޮށްފަ އެވެ. އެހެންވެ، އެ ރަށްރަށުގެ ދަރިވަރުންނަށް ވެސް ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ.

ބަލިން ރައްކާތެރިވުމަށް ރާއްޖޭގެ ހުރިހާ ސްކޫލެއް މިދިޔަ އަހަރުގެ މާޗު މަހު ބަންދުކުރުމަށް ފަހު އެ ތަންތަން ހުޅުވައި އަލުން ކިޔަވައިދޭން ފެށީ ޖުލައިގަ އެވެ. ނަމަވެސް މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ގޯސްވުމުން ސްކޫލު ހުޅުވައިގެން ކިޔަވައިދެވޭ ވަރެއް ނުވި އެވެ. އެހެންވެ ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި ދަށް ގްރޭޑުތަކުގެ ދަރިވަރުންނަށް ސްކޫލުގައި ކިޔަވައިދެވިފައި ވަނީ ވަރަށް މަދު ދުވަސްތަކެއްގަ އެވެ.

އޮންލައިންކޮށް ކިޔަވައިދިނުމުގައި ދިމާވާ މައްސަލަތައް ހައްލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ލޯކަލް ޕްލެޓްފޯމެއް ހަދައިފަ އެވެ. އަންނަ ހަފުތާގައި ބައެއް ސްކޫލުތަކުގައި އެ ފްލެޓުފޯމް ޕައިލެޓްކުރާއިރު، އަންނަ އޮގަސްޓް މަހު ފަށާ ދިރާސީ އާ އަހަރަށްފަހު މިނިސްޓްރީން ނިންމާފައި ވަނީ ހުރިހާ ސްކޫލެއްގައި އެޑިއުކޭޝަން ޕްލެޓްފޯމް ބޭނުންކުރާށެވެ.