Roadha Mihaaru
ނަފްރަތުގެ ބިލަށް ޖޭޕީގެ ވެސް ތާއީދެއް ނެތް!

ނަފްރަތުގެ ބިލަށް ޖޭޕީގެ ވެސް ތާއީދެއް ނެތް!

05 ޖޫން 2021

މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ކާފަރެއް ކަމަށް ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އޮތް ގޮތަށް ފާސްކޮށް، ގާނޫނަކަށް ވެއްޖެ ނަމަ ރާއްޖޭގައި ފިތުނަ ފަސާދަތައް އިތުރަށް ބޮޑުވާނެ ކަމަށާއި މި ސަރުކާރު ދެމިއޮންނަން ތާއީދު ކުރާ އެކަކު ވެސް މިހާރު އެ ބިލް އޮތް މަފްހޫމުގައި އެ ފާސްކުރަން ތާއީދު ނުކުރާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ކާފަރެއް ކަމަށް ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އޮތް ގޮތަށް ފާސްކޮށް، ގާނޫނަކަށް ވެއްޖެ ނަމަ ރާއްޖޭގައި ފިތުނަ ފަސާދަތައް އިތުރަށް ބޮޑުވާނެ ކަމަށާއި މި ސަރުކާރު ދެމިއޮންނަން ތާއީދު ކުރާ އެކަކު ވެސް މިހާރު އެ ބިލް އޮތް މަފްހޫމުގައި އެ ފާސްކުރަން ތާއީދު ނުކުރާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިއަދު ބުނެފި އެވެ.

ސަރުކާރު ފަރާތުން ގާނޫނުލްއުގޫބާތަށް މި އިސްލާހު ހުށަހަޅާފައި ވަނީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން އެވެ. ނަފްރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާ މި ބިލުގައިވާ ގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ މީހެއް ނުވަތަ މުސްލިމަކު، ކާފަރެއް ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖޭޕީން ނެރުނު ބަޔާނެއްގައި ބުނީ މަޖިލީހަށް އެ ބިލު ހުށަހަޅާފައި އޮތް ގަތޮށް ފާސްކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ބިލު ތަސްދީގު ކުރައްވައިފި ނަމަ މަޖިލީހާއި އެ ނޫން ވެސް ތަންތަނުގައި ރަސޫލާ އަށް ފުރައްސާރަކޮށް، އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކާ މީހުންނަށް ގާނޫނީ ދޮރެއް ހުޅުވޭނެ ކަމަށެވެ.

މި ސަރުކާރު ވެރިކަމަށް ގެންނަން އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ޖޭޕީން ބުނިގޮތުގައި އެ ބިލު މިހާރު އޮތް ގޮތަށް ފާސް ކުރަން މެންބަރަކު ވޯޓު ދެއްވުމަކީ އެ މެންބަރުން ކުރައްވާފައިފާ ހުވައާ ވެސް ހިލާފުވުމެވެ. އަދި މި ސަރުކާރު ދެމިއޮތުމަށް ތާއީދު ކުރާ އެކަކު ވެސް އެ ބިލު ގާނޫނަކަށް ހަދަން ތާއީދެއް ނުކުރާނެ ކަމަށް ޖޭޕީން ބުންޏެވެ.

"...ﷲ ތައާލާގެ ހަޒްރަތަށާއި އެކަލާނގެ ރަސޫލާ އަށް ފުރައްސާރަކޮށް، އިސްލާމް ދީނާ ދެކޮޅަށް ވާހަކަ ދައްކާ ހަދާ މީހަކަށް ނުވަތަ ބަޔަކަށް ނިސްބަތްކޮށް، ﷲ ތައާލާގެ ހަޒްރަތަށާއި އެކަލާނގެ ރަސޫލާ އަށް ފުރައްސާރަކޮށް ހަދާ މީހެކޭ ނުވަތަ އެފަދަ ބައެކޭ ނުބުނާނެ އެއްވެސް ގޮތެއް ނުހެދޭނެ،" އެ ބަޔާނުގައި ވެ އެވެ.

އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ މީހުންނަށް އަޅާ ފިޔަވަޅުތައް ގާނޫނުތަކުގައި ބުނެދީފައިވީ ނަމަވެސް އެއްވެސް ސަރުކާރަކުން އެފަދަ މީހަކާ މެދު ތަހުގީގެއް ހިންގާ ފިޔަވަޅު އަޅާފައިވޭތޯ ޖުމްހޫރީ ޕާޓީން ސުވާލު އުފެއްދި އެވެ. އަދި މިފަދަ ގާނޫނެއް ހަދައިފި ނަމަ ދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ދިވެހި މުޖުތަމައު ފިތުނަވެ، ފަސާދަވުން ނޫން ގޮތެއް ނުވާނެ ކަމަށް ޖޭޕީން ބުންޏެވެ.

ގާނޫނުލްއުގޫބާތަށް ގެންނަން ހުށަހަޅާފައިވާ މި އިސްލާހާ ގުޅޭ ގޮތުން ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ގިނަ މެންބަރުން މި އިސްލާހަށް ތާއީދު ކުރެ އެވެ.