Roadha Mihaaru
"ސާލިހު ޕާޓީ" ޖެހި  މައްސަލަ ސުލޫކު ކޮމިޓީއަށް

ޖޭޕީ އޮފީހުގެ ބޭރުގައި "ސާލިހު ޕާޓީ" އާއި "އެމްއެމްޕީ" ޖެހި މައްސަލަ ސުލޫކު ކޮމިޓީ އަށް ހުށަހަޅައިފި

13 ޖުލައި 2021

ރަައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުންނަ، ޖުމްހޫރީ ޕާޓީގެ އޮފީހުގެ ބޭރުގައި "ސާލިހު ޕާޓީ" އަދި "އެމްއެމްޕީ" ނުވަތަ މޯލްޑިވްސް މިލިޓަރީ ޕާޓީ ލިޔެފައިވާ ކަރުދާސްގަަނޑެއް ތަތްކުރި މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހަޅައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރަައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުންނަ، ޖުމްހޫރީ ޕާޓީގެ އޮފީހުގެ ބޭރުގައި "ސާލިހު ޕާޓީ" އަދި "އެމްއެމްޕީ" ނުވަތަ މޯލްޑިވްސް މިލިޓަރީ ޕާޓީ ލިޔެފައިވާ ކަރުދާސްގަަނޑެއް ތަތްކުރި މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހަޅައިފި އެވެ.

އެ ކޮމިޓީ އަށް އެ މައްސަލަ ފޮނުވާފައިވާ ކަމަށް ވިދާޅުވުމުގެ އިތުރުން އޭގެ އެއްވެސް ތަފުސީލެއް މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ނުދެއްވި އެވެ.

މަޖިލީހުގެ އިދާރާ އިން ކޮންމެ ސިޔާސީ ޕާޓީއަކަށް އޮފީހެއް ދޫކުރި އިރު، ޖޭޕީއަށްް ދޫކޮށްފައިވާ އޮފީހުގެ ބޭރުގައި "ސާލިހު ޕާޓީ" އަދި "އެމްއެމްޕީ" ލިޔެފައިވާ ކަރުދާސްގަނޑެއް ތަތްކޮށްފައި ހުއްޓާ ފެނުނީ މިދިޔަ ބުދަދުވަހު އެވެ. އިއްތިފާގުން އެ ދުވަސްވީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ދެ ފެކްޝަނުގެ އަރައިރުން ބޮޑުވި ދުވަހެކެވެ.

އެމްޑީޕީގެ 65 މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެސް ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ އިރު އަނެއްބައި މެމްބަރުންގެ ތާއީދު އޮތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެެ. އެ ދެ ފެކްޝަނުގެ ދެމެދު އުފެދުނު ނުތަނަވަސްކަމަކާ ހެދި ބުދަދުވަހު ވޯޓަށް އަހަން ހުރި ބައެއް ކަންތައްތަކަށް ވޯޓަށް ވެސް ނާހައި ލަސްކުރަން ޖެހުނެވެ، އެ ދުވަހު ލަސްކުރަން ޖެހުނީ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި މެމްބަރުން ތިއްބަވައިގެން ނޫނީ ވޯޓަށް ނޭހޭނެ ކަންތައްތަކެކެވެ. އޭގެ ތެރެއިން އެއް ކަމަކީ އާމްދަނީން ޓެކްސްނެގުމުގެ ގާނޫނަށް ގެނައި ބަަދަލެއްގެ ބިލެކެވެ.

ޖޭޕީގެ އޮފީހުގެ ބޭރުގައި ތަތްކުރި ކަރުދާސްގަނޑުގައި ލިޔެފައިވާ ދެ ނަމުގެ ތެރެއިން "އެމްއެމްޕީ" ނުވަތަ މޯލްޑިވްސް މިލިޓަރީ ޕާޓީ ނިސްބަތް ކޮށްފައި ވަނީ ދަނގެތި ދާއިރާގެ މެމްބަރު އަދި ސިފައިންގެ އޮފިސަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ކަމަށް މެމްބަރަކު ވިދާޅުވި އެވެ. "ސާލިހު ޕާޓީ" ނިސްބަތް ކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

އެ ކަރުދާސްގަނޑު ތަތްކުރީ ކޮންބައެއްތޯ ބެލުމަށް ސީސީޓީވީ ފުޓޭޖު ބަލައިދިނުމަށް ޖޭޕީން ވަނީ ހަމަ އެ ދުވަހު މަޖިލީހުގެ އިދާރާގައި އެދިފަ އެވެ.

މަޖިލިސް މިހާރު ޗުއްޓީގައި އޮތް އިރު އަލުން މަސައްކަތްތައް ފަށާނީ އަންނަ މަހުގެ 15 ގަ އެވެ.