Roadha Mihaaru
ސިފައިންގެ އިސްވެރިން 241 ކޮމިޓީއަށް ހާޒިރުކުރަނީ

ސިފައިންގެ އިސްވެރިން 241 ކޮމިޓީ އަށް ހާޒިރުކުރަނީ

06 ޖޫން 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދެވޭ ގޮތަށް އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން ސިފައިންގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރުކުރަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދެވޭ ގޮތަށް އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން ސިފައިންގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރުކުރަން ނިންމައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، މިދިޔަ މަހުގެ ހަ ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެން ޗީފް އޮފް ޑިފެންސް ފޯޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު މެންދުރު ފަހު އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް މިއަދު ހަވީރު 241 ކޮމިޓީއަށް ހާޒިރުކުރާނެ އެވެ. އޭގެ ފަހުން، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ކޮމިޓީއަށް ހާޒިރުކުރާނެ ކަމަށް އެނގިފައި ވެ އެވެ.

ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން ޕާލަމެންޓްރީ އިންކުއަރީއެއް ހަދަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިިދިޔަ މަހުގެ 17 ގަ އެވެ. އެ އިންކުއަރީ އަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ފުލުހުންގެ އެހެން އިސް ދެ އޮފިސަރަކު ވެސް އިއްޔެ ވަނީ ވަކިންވަކިން 241 ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންކިއުއަރީ އަށް ވަކިވަކި ސިފައިން ހާޒިރުނުކޮށް، ސީދާ އެ މުއައްސަސާ އިން ޖަވާބުދާރީވާން ގައުމީ ދިފާއީބާރުން ވަނީ ނިންމައިފަ އެވެ.

އެ އިދާރާއިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ 241 ކޮމިޓީން ހިންގާ އިންކުއަރީއަށް ފުރިހަމަ އަށް އެއްބާރުލުން ދޭނެ ކަމަށެވެ. ނަމަވެސް ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާ ގޮތް ބެލުމަށް ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ހައިރާކީ އާއި "ޗެއިން އޮފް ކޮމާންޑު" އަދި "ކޮމާންޑު އެންޑް ކޮންޓްރޯލް" އަދި އެ މުއައްސަސާގެ ތެރޭގައި ޒަމާނުއްސުރެ ގާއިމްވެފައިވާ އުސޫލުތަކާ ހިލާފުކަމެއް ކަމަށް ބުންޏެވެ.

"މި ކަމުގެ ސަބަބުން މުޅި ގައުމީ ދިފާއީ ބާރާއި އެ ބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންޗަކުގެ މައްޗަށް އޮންނަ ކޮމާންޑު އެންޑް ކޮންޓްރޯލް ގެއްލި، ސިފައިންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ އަދި މި ކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ފޫނުބެދޭވަރުގެ ނުރައްކާތަކެއް ކުރިމަތިވާނެ ކަމަކަށްވާނެ އެވެ،" ބަޔާނުގައި ބުންޏެވެ.

އެމްއެންޑީއެފްގެ އެ ނިންމުމާއެކު، އިތުރު ފަރުވާއަށް މި ވަގުތު ޖަރުމަނުގައި ހުންނެވި ނަޝީދު ވަނީ ނުރުހުން ފާޅުކުރައްވައިފަ އެވެ. އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ބޮން ގޮއްވާލި ވަގުތު ކައިރީގައި ތިބި މޮޅު ކުދިންގެ ބަސް ނުބުނެވޭ ގޮތަށް ކަންކަން ނިންމުމަކީ ވަރަށް ބޮޑު ބޭއިންސާފެއް" ކަމަށެވެ.

"ރޭންކް އެންޑް ފައިލް ނުވަތަ އާއްމު ސޯލްޑާ ކަންކުރި ފުރިހަމަ ގޮތް ގެއްލުވައިލުމަށް ޓޮޕް ބްރާސްގެ އެއްވެސް ނިންމުމެއް ނިންމައިގެން ނުވާނެ،" މިދިޔަ ހުކުރު ދުވަހު ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.