Roadha Mihaaru
ލޯނު ނުދެއްކިގެން 3 ކުންފުންޏަކަށް ސަރުކާރުން އެހީީވަނީ

ތިން ކުންފުންޏަކުން ނެގި ލޯނުތަކަށް ފައިސާ ނުދެއްކިގެން ސަރުކާރުން އެހީވަނީ

07 ޖޫން 2021

ސޮވެރިން ގެރެންޓީ ދީގެން ސަރުކާރުގެ ތިން ކުންފުންޏަކުން ނެގި ލޯނު އަނބުރާ ދެއްކުމުގައި ސަރުކާރުން އެހީވާން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސޮވެރިން ގެރެންޓީ ދީގެން ސަރުކާރުގެ ތިން ކުންފުންޏަކުން ނެގި ލޯނު އަނބުރާ ދެއްކުމުގައި ސަރުކާރުން އެހީވާން ފަށައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ "ފިސްކަލް ރިސްކް ސްޓޭޓްމަންޓް"ގައި ވާ ގޮތުން ލޯނުތަކަށް ގެރެންޓީ ދިނުމުގައި އޮތް އެންމެ ބޮޑު ރިސްކަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލޯނު ނުދެއްކޭ ހާލަތަށް ދިއުމެވެ. އެ މިނިސްޓްރީން ބުނީ މި ވަގުތު ސްޓެލްކޯ އާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނަގާފައިވާ ލޯނުތައް އެ ކުންފުނިތަކަށް ނުދެއްކިގެން، ދައުލަތުން މާލީ އެހީީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އެއީ ކޮންކޮން ލޯނުތަކެއް ކަމެއް ފިނޭންސުން ހާމަައެއް ނުކުރެ އެވެ. އަދި ލޯނު ދެއްކުމަށް ސަރުކާރުން އެ ތިން ކުންފުންޏަށް ދިނީ ކިހާ ފައިސާއެއް ކަމެއް ވެސް ފިނޭންސަކުން ނުބުނެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުން ސްޓެލްކޯ އިން 75 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) ގެ ލޯނެއް 2017 ވަނަ އަހަރު ނަގާފައިވެ އެވެ. އަދި 2018 ވަނަ އަހަރު މާލެ އާއި ހުޅުލެ އާއި ހުޅުމާލެ އެއް ކަރަންޓް ވިއުގައަކުން ގުޅުވައިދޭން "ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް ޕްރޮޖެކްޓް" އަށް 35 މިލިއަން ޑޮލަރު (600 މިލިއަން ރުފިޔާ) ގެ ލޯނެއް ނެގި އެވެ. އެ ދެ ޕްރޮޖެކްޓް ހިންގުމަށް އެ ކުންފުނިން ނެގި ދެ ލޯނަށް ވެސް ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައިވެ އެވެ.

ގަން އިންޓަނެޝަނަލް އެއާޕޯޓު ތަރައްގީ ކުރަަން އޭއައިއޭ އިން 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) ގެ ލޯނެއް 2015 ވަނަ އަހަރު ނަގާފައިވަނީ ވެސް ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެންނެވެ.

އެޗްޑީސީއިން ނަގާފައިވާ 10 ލޯނަކަށް ސަރުކާރުން ގެރެންޓީދީފައިވެ އެވެ. މީގެ ތެރޭގައި ފޭސް ޓޫގެ މަގު ހެދުމާއި 7،000 ފްލެޓް އެޅުމާއި ހުޅުލެ އާއި ހުޅުމާލޭގެ ލިންގް ރޯޑް ހެދުމުގެ މަސައްކަތް ކުރުމަށް ވެސް ލޯނު ނަގާފައިވެ އެވެ. އެ ކުންފުނިން ނެގި ލޯނުގެ އަދަދު 796 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. އެޗްޑީސީއަކީ މިދިޔަ ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން އެންމެ ގިނައިން ލޯނުތައް ނަގާފައިވާ ކުންފުންޏެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނެގި 25 ލޯނަކަށް ދައުލަތުން ސޮވެރިން ގެރެންޓީ ދީފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ސަރުކާރުން ލޯނު ގެރެންޓީ ދޭ އުސޫލަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ލޯނަށް ގެރެންޓީ ދިނުމުގައި ބަލާނެ މިންގަނޑުތަކާއި މާލީ ހާލަތަށް ބެލުމަށް ހަމަޖެހިފައިވެ އެވެ. އަދި އެސެސްކޮށް ކުންފުނީގެ ހާލަތު މޮނީޓާ ކުރުމުގައި އަމަލުކުރާނެ އާ ގޮތްތަކެއް އެކުލަވައިލާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.