Roadha Mihaaru
ހަނިމާދޫ އެއާޕޯޓަށް ރަށުން ބިން ނުނަގަން އެދި ރައީސަށް

ހަނިމާދޫ އެއާޕޯޓަށް ރަށުން އިތުރު ބިން ނުނަގަން އެދި ރައީސަށް

08 ޖޫން 2021

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ރަށުގެ ބިމުން ބޮޑު ސަރަހައްދެއް ކަނޑައަޅައިދިނުމަށް ޕްލޭނިން މިނިސްޓްރީން އެދިފައިވާ ނިންމުން ބާތިލްކޮށްދިނުމަށް އެ ރަށުގެ ޖަމިއްޔާތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން މިއަދު އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ރަށުގެ ބިމުން ބޮޑު ސަރަހައްދެއް ކަނޑައަޅައިދިނުމަށް ޕްލޭނިން މިނިސްޓްރީން އެދިފައިވާ ނިންމުން ބާތިލްކޮށްދިނުމަށް އެ ރަށުގެ ޖަމިއްޔާތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން މިއަދު އެދިއްޖެ އެވެ.

ރާއްޖެ އާއި އިންޑިއާއިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީކުރާ ބިމުގެ ސަރަހައްދަށް 853،937 އަކަފޫޓު އިތުރުކުރަން އެ މިނިސްޓްރީން ވަނީ މިދިޔަ މާޗު މަހު ހުށަހަޅައިފަ އެވެ. އެހެންވެ، އެ ލޭންޑް ޔޫސް ޕްލޭނާ މެދު ހަނިމާދޫ ކައުންސިލަށް ފެންނަ ގޮތެއް އަންގައި ދިނުމަށް އެދިފައިވެ އެވެ.

ކައުންސިލްގެ ރައީސްކަމާ މިދިޔަ މަހުގެ 17 ގައި ހަވާލުވެވަޑައިގެންނެވި އަބްދުއްސައްތާރު ހަސަން އިއްޔެ ވިދާޅުވީ މަސައްކަތަށް ހުރަސް އެޅޭތީ އެއާޕޯޓު ބިމާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކުރެވެން ނެތް ކަމަށެވެ. ނަމަވެސް، އެއާޕޯޓު ބިން އިތުރުކުރުމާ ގުޅޭގޮތުން ގޮތެއް ނިންމަން ކައުންސިލުން މިދިޔަ ބުދަ ދުވަހު ބައްދަލުވުމެއް ބާއްވާފައި ވެ އެވެ. އެ ބައްދަލުވުމުގައި ނިންމީ، ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ފަހު ޕްލޭނިން މިނިސްޓްރީގެ ސިޓީ އަށް ޖަވާބު ދިނުމަށެވެ.

އެކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށް، ހަނިމާދޫގައި ހިންގާ ތިން ޖަމިއްޔާގެ ރައީސުން ސޮއިކޮށް ފޮނުވި ސިޓީގައި ބުނީ، ފުރިހަމަ އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރުމަކީ ހަނިމާދޫގެ ކުދި ބޮޑު އެންމެން އަބަދު ވެސް ކުރާ ފޮނި އުއްމީދެއް ކަމަށާއި އެކަމުން މުޅި ބޮޑު ތިލަދުންމައްޗަށް ފައިދާތަކެއް ކުރާނެ ކަމަށެވެ.

އެ މަޝްރޫއު ގެންދިއުމަށް ސަރުކާރަށް ހުރިހާ އެއްބާރުލުމެއް ދީ އެކަމުގައި ދެމިތިބޭނެކަން ފާހަގަކޮށް ސިޓީގައި ވަނީ އެއާޕޯޓުގެ ތަރައްގީއަށް ރަށުގެ ބިމުން ބޮޑު ބައެއް ނެގުމަކީ ކަންބޮޑުވާ ކަމެއްކަން ހާމަކޮށްފަ އެވެ.

"މަނިކުފާނުގެ ރިޔާސީ ވައުދާ އެއްގޮތަށް ހަނިމާދޫގައި އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ކުރެހުންތަކާ އެ ތަނުގައި އެޅުމަށް ހަމަޖެހިފައިވާ އިމާރާތްތަކާއި އެއާޕޯޓުތައި ހިމެނޭނެ މުހިއްމު ބައިތަކާއެކު އެއާޕޯޓު ތަރައްގީކުރުމަށް ސަރުކާރުން ނިންމަވާފައިވާ ޕްލޭންތަކާ އެއްގޮތަށް އެ މަޝްރޫއު ހިންގާނެ ފަރާތެއް ހޯދުމަށް މިހާރު ބިޑަށް ހުޅުވާލާފައިވާއިރު މި އުފާވެރި ޚަބަރާއެކު ހަނިމާދޫގެ ރައްޔިތުންނަށް ދެން ލިބިގެންދިޔަ ޚަބަރަކީ އެ ރައްޔިތުން ކުރަމުން އައި ފޮނި އުއްމީދުތަކާ ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށްވެ ލިބިދާނެ ފައިދާއަކަށްވުރެ ނުހަނު ގެއްލުންބޮޑު، އެހާމެ ހިތާމަވެރި، ރައްޔިތުން މާޔޫސް ކުރުވަނިވި ޚަބަރުތަކެކެވެ،" ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި ސާއްބަ އެކުވެރި ކްލަބާއި ކެތިއަރާ ޖަމިއްޔާގެ ރައީސުން ސޮއިކޮށް ފޮނުވި ސިޓީގައި ވެ އެވެ.

އެ ރަށުން އިތުރު ބިން ނުދިނަސް އެއާޕޯޓަށް މިހާރު ހަމަޖައްސާފައިވާ ސަރަހައްދުގައި ޕްލޭނާ އެއްގޮތަށް ކިތަންމެ ބޮޑު އެއާޕޯޓެއް ވެސް ތަރައްގީކުރެވިދާނެ ކަމަށް ސިޓީގައި ބުނެފައިވެ އެވެ. އަދި ހަނިމާދޫގައި ބޮޑު ފަޅެއް އޮވެފައި މީހުން ދިރިއުޅޭ ބިމުން ބައެއް އެއާޕޯޓު ތަރައްގީކުރަން ދިނުމަކީ ރަށުގެ އެންމެން ހިތާމަކުރާ ކަމެއްކަން ވެސް ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

"މި ސަރަހައްދުގެ ގޮނޑުދޮށަކީ މިހާރު ވެސް ހަނިމާދޫގެ ރައްޔިތުން މޫދަށް އެރި އާއިލާތަކާ އެކު ހިތްއުފާ ކޮށްލުމަށް ހަމައެކަނި އޮތް ސަރަހައްދު ކަމަށްވާތީ މި ބިން ހަނިމާދޫ އެއާޕޯޓުގެ ސަރަހައްދެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމަކީ ނުހަނު ހިތާމަވެރި ކަމެއްގެ ގޮތުގައި ފާހަގަކުރަމެވެ،" ސިޓީގައި ވެ އެވެ.

"ހަމައެއާއެކު، މަނިކުފާނުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ރައްޔިތުންގެ ބޯހިޔާވަހިކަމަށް ގޯތި ދިނުމަށް ވެފައިވާ ވައުދާ ގުޅިގެން މި ރަށުން މިހާރު ވެސް ގޯތި ހޯދުމަށް އެދި އެދި ތިބި 300 އެއްހާ އާއިލާއަށް މި ކަމުގެ ސަބަބުން ވަނީ ނުހަނު ބޮޑު މާޔޫސްކަމަކާ ކުރިމަތިލާން ޖެހިފަ އެވެ،"

އެހެންވެ، ރަނގަޅު ޕްލޭނަކާ އެކު އެއާޕޯޓުގެ އެކްސްޓެންޝަނަށް އެދިފައިވާ ބިން ބޭނުންކޮށްގެން ރަށުގެ މާލިއްޔަތަށާއި ރައްޔިތުންނަށް ފައިދާކުރާނެ އެތައްކަމެއް ކުރުމަކީ އެންމެ ފައިދާ ހުރި ގޮތް ކަމަށް ބުންޏެވެ.

"މިހާރު ވެސް ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރެއްވުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ހަނިމާދޫގެ އެއާޕޯޓަށް ކަނޑައެޅިފައިވާ އިމުގެ ތެރެއިން އެ އެއާޕޯޓު ތަރައްގީވެގެން ދިއުމަކީ އެންމެ އެދެވޭ އަދި އެންމެ ފައިދާ ކުރުވަނިވި ގޮތްކަމަށް ފެންނާތީ، ޕްލޭނިން މިނިސްޓްރީން އެދިފައިވާ ބިން ހަނިމާދޫ އެއާޕޯޓު ސަރަހައްދުގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައި ދެއްވުމަށް ނިންމަވާފައިވާ ނިންމުން ބާތިލްކޮށް ހަނިމާދޫ އެއާޕޯޓަށް ކަނޑައަޅާފައިވާ ބިމުގައި އެއާޕޯޓު ތަރައްގީ ކޮށްދެއްވުމަށް މަނިކުފާނުގެ އަރިހުގައި އާދޭހާއެކު ދެންނެވީމެވެ،" ސިޓީގައި ވެ އެވެ.

މީގެ 31 އަހަރު ކުރިން ހަނިމާދޫގައި ހުޅުވި ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމަށް އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފައި ވެ އެވެ. އެ ކޮމިޝަނުން މިދިޔަ މަހު އާންމުކުރު ލިޔުމުގައި ބުނީ މި ޕްރޮޖެކްޓްގެ މިހާރު ކުރިއަށް ގެންދަނީ ޕްރީ-ކޮލިފިކޭޝަން މަރުހަލާގެ މަސައްކަތެވެ. އެ މަރުހަލާގައި މި ފަދަ މަޝްރޫއުއެއް ފުރިހަމަކުރުމުގެ ތަޖުރިބާ އާއި ޓެކްނިކަލް ގާބިލްކަމާއި މާލީ ތަނަވަސްކަން ލިބިފައިވާ އިންޑިއާގެ ކުންފުނިތަކުން ބައިވެރިވާ ކަމަށް ބުންޏެވެ.