Roadha Mihaaru
ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވާން އަލީ އެދިއްޖެ

ފަރުވާ ނުނިމޭތީ ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވެވޭނެ ގޮތް ހަދައިދޭން އަލީ ވަހީދު އެދިއްޖެ

09 ޖޫން 2021

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާ އާއި ރޭޕްގެ ތުހުމަތުގެ ޝަރިއާއަތުގައި އޮންލައިންކޮށް ބައިވެރިވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އޭނާ ކްރިމިނަލް ކޯޓުގައި މިއަދު އެދިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާ އާއި ރޭޕްގެ ތުހުމަތުގެ ޝަރިއާއަތުގައި އޮންލައިންކޮށް ބައިވެރިވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އޭނާ ކްރިމިނަލް ކޯޓުގައި މިއަދު އެދިއްޖެ އެވެ.

ކްރިމިނަލް ކޯޓުން ބުނީ ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި އަލީ ވަހީދު ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މި ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އަލީ ވަހީދު އެދިފައި ވަނީ އޭނާގެ ފަރުވާ ނުނިމި ލަސްވަމުން ދިއުމާ އެކު އެކަމަށް އިތުރު މުއްދަތު ބޭނުން ވާތީ އެވެ. އޭނާގެ މައްޗަށް ބޮޑެތި ދައުވާތަކެއް އުފުލާފައި ވަނިކޮށް ބޭސް ފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ދިން ހަތަރު މަހުގެ މުއްދަތު ހަމަވީ މިއަދަށެވެ.

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލައި، އޭނާ ފުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަަހު ދިނީ އޭނާ ބޭސްފަރުވާ އަށް ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަށް އެދިވަޑައިގަތުމުންނެވެ. އެ މުއްދަތުގައި އެނބުރި ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަމެއްގެ ގޮތުން އަލީ ވަހީދަށް ޖާމިނުވީ އޭނާގެ އެކުވެރިއެއް ކަމަށްވާ އަސްހަދު އަލީ (އަޑުބަރޭ) އެވެ.

ޖާމިނުވުމަށް އަސްހަދު ސޮއިކުރެއްވި އިގުރާރުގައި ވަނީ ޕާސްޕޯޓް ދޫކުރާ ހަތަރު މަސް ދުވަހުގެ ތެރޭގައި އަލީ ވަހީދު ނުފިއްލަވާނެ ކަމަށާއި ކަނޑައަޅާފައިވާ މުއްދަތަށް އޭނާ އަނބުރާ ރާއްޖެ އަށް ގެންނާނެ ކަމަށެވެ. އެކަމަކު މިއަދަށް ހަތަރު މަސް ހަމަވިއިރު ވެސް އަލީ ވަހީދު ވަޑައެއްނުގަންނަވަ އެވެ.

މުއްދަތު ހަމަވުމާ އެކު އަލީ ވަހީދުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން އިބްތިދާއީ އަޑުއެހުމެއް މާދަމާ އަށް ވަނީ ތާވަލްކޮށްފަ އެވެ. ޕީޖީން ކުރިން ވަނީ އަލީ ވަހީދު ހާޒިރުކޮށްދީފައި ނުވާތީ އަސްހަދަށް ފިޔަވަޅު އަޅައިދޭން ވެސް އެދިފަ އެވެ.

ޖިނާއީ އިޖުރައާތުގެ ގާނޫނުގައިވާ ގޮތުން މީހަކު ޖާމިނުކޮށްފައި ދޫކުރާ ހާލަތުގައި ކޯޓުން ކުރާ ޝަރުތުތަކާ ޚިލާފްވެއްޖެ ނަމަ، ޖާމިނުވި މީހާއާ ދެކޮޅަށް ފިޔަވަޅު އެޅޭނެ އެވެ. އެގޮތުން އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގިނަވެގެން ދެ އަހަރަށް ގޭގައި ބަންދު ކުރުން ނުވަތަ 15،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށް އޮވެ އެވެ.

ނަމަވެސް އެ ގާނޫނުގައި ޖާމިނުވި މީހާ އަށް ފިޔަވަޅު އެޅޭނެ ކަމަށް ބުނަނީ ބަންދުގައި ހުރި މީހަކު ބަންދުން ދޫކޮށްލައި ހާލަތުގަ އެވެ. އެކަމަކު އަލީ ވަހީދަކީ އެ މައްސަލައިގައި އެއްވެސް އިރަކު ބަންދުގައި ހުރި ބޭފުޅެއް ނޫނެވެ.