Roadha Mihaaru
އަލީ ޝަރީއަތުގައި ބައިވެރިވަނީ އޮންލައިންކޮށް ޔޫކޭއިން

އަލީ ވަހީދު ޝަރީއަތުގައި ބައިވެރިވަނީ ޔޫކޭ ހައި ކޮމިޝަނުގައި ހުންނަވައިގެން

21 ޖޫން 2021

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާއިރު، އެ ޝަރީއަތުގައި އޭނާ އޮންލައިންކޮށް ބައިވެރިވެވަޑައިގަންނަވާނީ އިނގިރޭސި ވިލާތުގެ ލަންޑަނުގައި ހުންނަ ދިވެހި ހައި ކޮމިޝަނުގައި ހުންނަވައިގެން ކަން އެނގިއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާއިރު، އެ ޝަރީއަތުގައި އޭނާ އޮންލައިންކޮށް ބައިވެރިވެވަޑައިގަންނަވާނީ އިނގިރޭސި ވިލާތުގެ ލަންޑަނުގައި ހުންނަ ދިވެހި ހައި ކޮމިޝަނުގައި ހުންނަވައިގެން ކަން އެނގިއްޖެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންގޮސްދިނުމަށް އަލީ ވަހީދު އެދިވަޑައިގަތުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާ އަށް އެ ހުއްދަ ދީ، އެކަމަށް އެދި ހުށަހަޅުއްވަން އަންގައިފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވިއިރު، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ އަލީ ވަހީދުގެ ފަރާތުން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވުމުގެ ފުރުސަތަކަށް އެދިވަޑައިގަތުމުން، ކްރިމިނަލް ކޯޓުން އެ އިންތިޒާމުތައް ހަމަޖައްސައިދިނީ އެވެ.

މިއަދުގެ މެންދުރުފަހު ތިނެއް ޖަހާއިރު ބާއްވާ މި ޝަރީއަތުގައި އަލީ ވަހީދު އޮންލައިންކޮށް ބައިވެރިވެވަޑައިގަތުމުގެ ކަންކަން ފުރިހަަކުރީ ރާއްޖޭގެ ފޮރިން މިނިސްޓްރީ މެދުވެރި ކޮށެވެ.

އެނގިފައިވާ ގޮތުގައި އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދަން އަލީ ވަހީދު ކޯޓަށް ހުށަހެޅުއްވި އިރު އޭނާ ވަނީ މިހާރު ދިރިއުޅުއްވާ އެޑްރެހާއި ފޯނު ނަމްބަރު ވެސް ކޯޓާ ހިއްސާ ކުރައްވައިފަ އެވެ.

އޭނާ ކްރިމިނަލް ކޯޓަށް ހުށަހެޅުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެނބުރި ރާއްޖެ ވަޑައިނުގެންނެވެނީ ބޭސްފަރުވާގެ ކަންކަން އަދިވެސް ނުނިމޭތީ އެވެ.

ޖިންސީ ގޯނާގެ މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ދައުވާ ކޮށްފައިވަނިކޮށް، އޭނާ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފުރުމުގެ ހުއްދަ ދިނީ ކްރިމިނަލް ކޯޓުންނެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނީ، އެނބުރި ވަޑައިގަންނަވާނެ ކަމުގެ ޔަގީން ކަމެއްގެ ގޮތުން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނު ކުރުމަށް ފަހު އެވެ.

ނަމަވެސް، އަނބުރާ ރާއްޖެ ވަޑައިގަތުމުގެ ހަތަރު މަހުގެ މުއްދަތު ހަމަވިއިރު ވެސް އޭނާ އަނބުރާ ނުގެނެވޭ މައްސަލައިގައި ސަރުކާރަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އިއްޔެ ބޭއްވި މީޑިއާ ބްރީފިންގައި އަލީ ވަހީދުގެ މައްސަލައާ ގުޅުވައިގެން ނޫސްވެރިއަކު ސުވާލު ކުރުމުން ވިދާޅުވީ، ރާއްޖޭގެ ބާރު ނުފޯރުވޭ ތަނެއްގައި ދައުވާ ލިބޭ މީހާ ހުރެ ޝަރީއަތް ކުރިއަށް ގެންދިއުމަކީ ޖޯކެއް ކަމަށެވެ. އޭނާ ވިދާޅުވީ، އެ ހާލަތުގައި ޝަރީއަތް ބާއްވާ ނަމަ ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ.

މިކަމުގައި މިސާލެއް ނަންގަވަމުން ޝަމީމް ވިދާޅުވީ، އޮންލައިން އަޑުއެހުމެއްގައި ޝަރީއަތުގެ ހުރުމަތް ކަނޑައިފި ހާލަތެއްގައި، ދައުވާ ލިބޭ މީހާ ރާއްޖޭގެ ޖުރިސްޑިކްޝަނުން ބޭރުގައި ހުރުމުން އޭނާއާ މެދު ފިޔަވަޅު އެޅޭނެ ގޮތެއް ނެތުން ހިމެނޭ ކަމަށެވެ.