Roadha Mihaaru
ރާއްޖެ އިޝްތިހާރު ކުރަން އެމެރިކާގެ ނޫސްވެރިން

ރާއްޖެ އިޝްތިހާރު ކުރަން އެމެރިކާގެ ނޫސްވެރިން

11 ޖޫން 2021

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން އެމެރިކާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ ގެނެސްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން އެމެރިކާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ ގެނެސްފި އެވެ.

މި ޓީމު ރާއްޖެ ގެނައީ އެމްއެމްޕީއާރުސީން ދުނިޔޭގެ އެކި ގައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ހިންގާ ފެމިލިއަރައިޒޭޝަން ޓްރިޕުތަކުގެ ދަށުންނެވެ. މި ޓްރިޕްތަކުގައި އެކި ގައުމުތަކުގެ މަޝްހޫރު ނޫސްތަކާއި މަޖައްލާތަކުގެ ނޫސްވެރިން ރާއްޖެ ގެނެސް އެ މީހުން ލައްވައި އެ ގައުމުތަކުގައި ރާއްޖެ ޕްރޮމޯޓު ކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދެ އެވެ.

އެމެރިކާގެ ނޫސްވެރިންގެ ޓީމު ރާއްޖެ އައީ މިދިޔަ ބުދަ ދުވަހު އެވެ. އެ ޓީމު މި މަހުގެ 16 އާ ހަމައަށް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރާނެ އެވެ. މި މުއްދަތުގައި އެ ޓީމު ޗުއްޓީ ހޭދަކުރާނީ ރޮބިންސަން ކްލަބުގަ އާއި ލަކްސް ނޯތު މާލެ އެޓޯލް އަދި ކުރަމަތީގަ އެވެ.

އެމްއެމްޕީއާރުސީން މި ޓީމު ގެނައީ އެމެރިކާގެ ސްޓޭޓްތަކުގައި ރާއްޖެއަކީ މި ދުވަސްވަރު ޗުއްޓީ ހޭދަކުރަން ރައްކާތެރި މަންޒިކލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށެވެ. މި ދަތުރުގައި ނޫސްވެރިން ރާއްޖެ އިޝްތިހާރު ކުރާނީ އެމެރިކާގެ މަތީ ފަންތީގެ ޓޫރިސްޓުންނަށް ހާއްސަކޮށްގެންނެވެ.

އެމެރިކާއިން އައި ޓީމުގެ ބައެއް ނޫސްވެރިން--- ފޮޓޯ: އެމްއެމްޕީއާރުސީ

އެމެރިކާއިން އައި ޓީމުގެ ބައެއް ނޫސްވެރިން--- ފޮޓޯ: އެމްއެމްޕީއާރުސީ

އެމެރިކާގެ މި ޓީމުގައި އެ ގައުމުގެ ވިޔަފާރި އަދި ދަތުރުފަތުރާ ބެހޭ ނޫސްތަކާއި މަޖައްލާތަކުގެ ނޫސްވެރިން ހިމެނެ އެވެ. މީގެ ތެރޭގައި "ޓްރެވަލް އެންޑް ލެޝާ" އާއި "ޓްރިޕް ސޭވީ" އާއި ސިޓިޒެން ފޭމް" އާއި "ޓްރެވަލް އޭޖް ވެސްޓް" އާއި "ޓްރެވަލް ޕަލްސް"ގެ އިތުރުން އެ ގައުމުގެ އެންމެ މަޝްހޫރު ދެ ވިޔަފާރި މަޖައްލާ "އެލްއޭ ސްޓައިލް" އަދި "ފޯބްސް"ގެ ނޫސްވެރިން ހިމެނެ އެވެ. މި ނޫސްތަކާއި މަޖައްލާތައް އެއްކޮށްގެން ޖުމްލަ 78 މިލިއަން އެމެރިކާ ރައްޔިތުންނަށް ރާއްޖެ އިޝްތިހާރު ކުރެވޭނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެ އެވެ.

ކޮވިޑް-19އާ އެކު ވެސް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް 469،942 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ. މީގެ ތެރޭގައި 15،624 ޓޫރިސްޓުންނަކީ އެމެރިކާއިން ރާއްޖެ އައި ޓޫރިސްޓުންނެވެ.