Roadha Mihaaru
ޑޮކްޓަރަކަށް ހެދިގެން އޮޕަރޭޝަންކުރީ ސެކިއުރިޓީ ގާޑް

ޑޮކްޓަރަކަށް ހެދިގެން އޮޕަރޭޝަންކުރީ ހޮޮސްޕިޓަލްގެ ކުރީގެ ސެކިއުރިޓީ ގާޑެއް

13 ޖޫން 2021

ޕާކިސްތާނު ސަރުކާރުގެ ހޮސްޕިޓަލެއްގައި ކުރިން ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތްކުރި މީހަކު ޑޮކްޓަރަކަށް ހެދިގެން ކުރި އޮޕަރޭޝަނެއްގައި ދުވަސްވީ އަންހެނަކު މަރުވި މައްސަލައެއް ބަލަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕާކިސްތާނު ސަރުކާރުގެ ހޮސްޕިޓަލެއްގައި ކުރިން ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތްކުރި މީހަކު ޑޮކްޓަރަކަށް ހެދިގެން ކުރި އޮޕަރޭޝަނެއްގައި ދުވަސްވީ އަންހެނަކު މަރުވި މައްސަލައެއް ބަލަން ފަށައިފި އެވެ.

އެ ގައުމުގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އިރުމަތީ ލާހޯރްގެ މާޔޯ ހޮސްޕިޓަލްގައި މީގެ ހަފުތާއެއް ކުރިން ހިނގި މި ހާދިސާގައި މަރުވީ ޝަމީމާ ބޭގަމް ކިޔާ 80 އަހަރު މީހެކެވެ. ޑޮކްޓަރަކަށް ހެދިގެން ސެކިއުރިޓީ ގާޑް ކުރީ އަންހެން މީހާގެ ބުރަކަށީގެ އޮޕަރޭޝަނެކެވެ.

މި ހާދިސާ ހިނގިކަން މާޔޯ ހޮސްޕިޓަލުން ކަށަވަރުކޮށް ދިން ނަމަވެސް އަންހެން މީހާގެ އޮޕަރޭޝަނާ ގުޅޭ އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ. އެތަނުގެ އޮފިޝަލަކު ނަން ހާމަނުކުރަން އެދިވަޑައިގެން މީޑިއާތަކަށް ވިދާޅުވެފައި ވަނީ މާޔޯ ހޮސްޕިޓަލަކީ ވަރަށް ގިނަ ޑޮކްޓަރުން މަސައްކަތްކުރާ ތަނެއް ކަމުން ކޮންމެ ދުވަހަކު އެތަނުގެ ހުރިހާ ޑޮކްޓަރުންގެ ކަންކަން އެހާ ބޮޑަށް ބެލެމުން ނުދާ ކަމަށެވެ.

"އެކަން އެގޮތަށް އޮތީމަ ޑޮކްޓަރަކަށް ހެދިގެން، ބަލި މީހަކަށް އެޓެންޑްވާން ފުރުސަތު ލިބުނީ،" އޭނާ ވިދާޅުވި އެވެ.

ޕާކިސްތުގެ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި މުހައްމަދު ވަހީދު ބަޓް ކިޔާ ސެކިއުރިޓީ ގާޑް ކުރި އޮޕަރޭޝަނަށް ފަހު އަންހެން މީހާގެ ބުރަކަށީގައި ފެހި ތަނުން ލޭ މަނާނުވާތީ އާއިލާ އިން އެދިގެން ގެއަށް ވެސް ދެ ފަހަރަށް ގޮސް "ފަރުވާ ދީފައިވެ" އެވެ. އަދި މިފަދަ ގޮތަކަށް މިކަން ހިނގަން ދިމާވީ ބަޓް އަކީ ޑޮކްޓަރެއް ކަމަށް ހީކޮށް ޝަމީމާގެ އައިލާ އިން އޭނާ އަށް ބޮޑު އަގެއް ދީގެން އޮޮޕަރޭޝަން އަވަސްކުރުވުމުން ކަމަށް ބުނެފައިވެ އެވެ.

"އަންހެން މީހާ މަރުވީ އޮޕަރޭޝަންކޮށްގެން ގެއަށް ދޫކޮށްލި ފަހުން ވެސް، ފެހި ތަނުން ލޭމަނާ ނުވެ ހާލު ސީރިއަސްވެ، ހޮސްޕިޓަލަށް އަލުން ގެންގޮސް ފަރުވާ ދެނިކޮށް. މިކަމުގެ ތެރޭގައި އެނގުނީ އޮޕަރޭޝަން ކުރި މީހާ އަކީ ޑޮކްޓަރެއް ނޫން ކަން ވެސް،" ޝަމީމާގެ އާއިލާ ދަންނަ މީހަކު ބުނެފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން ލާހޯރު ފުލުހުންގެ ތަރުޖަމާނު އަލީ ސަފުދާރު އޭއެޕްޕީ އަށް ވިދާޅުވީ ބަޓް މިހާރު ހައްޔަރުކޮށް، އޭނާގެ މައްޗަށް ދައުވާ ވެސް ކޮށްފައިވާ ކަމަށެވެ.

"އޭނާގެ ތަހުގީގުގެ ތެރެއިން އެނގިފައި އެބަހުރި ކުރިން ވެސް ޑޮކްޓަރަކަށް ހެދިގެން ބަލި މީހުންނާ މުއާމަލާތްކޮށްފައިވާކަން،" އޭނާ ވިދާޅުވި އެވެ.

މާޔޯ ހޮސްޕިޓަލުން ބުނި ގޮތުގައި ބަޓަކީ މީގެ ދެ އަހަރު ކުރިން ޑޮކްޓަރަކަށް ހެދިގެން ބަލިމީހުންތަކެއްގެ އަތުން ފައިސާތަކެއް ނަގަން އުޅުނު މައްސަލައެއް ފަޅާއަރައި ވަޒީފާ އިން ވަކިކޮށްފައިވާ މީހެކެވެ.