ފާއިތުވި ހައެއްކަ ދުވަހު ސޯޝަލް މީޑިއާ ބަންޑުންކޮށްލީ ޑޮކްޓަރުންނާއި ނަރުހުން ނޫނީ ހޮސްޕިޓަލަކުން ބަލި މީހަކާ މެދު ކަންކުރި ގޮތުގެ ގިނަ ޝަކުވާތަކާއެކުގަ އެވެ. އެފަދަ މައްސަލައެއް ހުށަހަޅައިގެން އާއިލާއަށް އިންސާފު ނުލިބުމުގެ މާޔޫސްކަމާއި ރުޅިވެރިކަމެވެ. އިހުމާލުވި މީހުންނަށް ފިޔަވަޅު ނޭޅި، އެ މައްސަލަތައް އޮއްބާލަން މަސައްކަތްކުރާކަމުގެ ހިތްހަމަނުޖެހުންތަކެވެ.
19 އޮކްޓޯބަރ 2023
ފާއިތުވި ހައެއްކަ ދުވަހު ސޯޝަލް މީޑިއާ ބަންޑުންކޮށްލީ ޑޮކްޓަރުންނާއި ނަރުހުން ނޫނީ ހޮސްޕިޓަލަކުން ބަލި މީހަކާ މެދު ކަންކުރި ގޮތުގެ ގިނަ ޝަކުވާތަކާއެކުގަ އެވެ. އެފަދަ މައްސަލައެއް ހުށަހަޅައިގެން އާއިލާއަށް އިންސާފު ނުލިބުމުގެ މާޔޫސްކަމާއި ރުޅިވެރިކަމެވެ. އިހުމާލުވި މީހުންނަށް ފިޔަވަޅު ނޭޅި، އެ މައްސަލަތައް އޮއްބާލަން މަސައްކަތްކުރާކަމުގެ ހިތްހަމަނުޖެހުންތަކެވެ.
ސިއްހީ ޕްރޮފެޝަނަލެއްގެ ސަބަބުން މައްސަލައެއް ދިމާވެއްޖެ ނަމަ އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ އާއްމު އުސޫލަކީ އެ ހާދިސާއެއް މުރާޖައާކޮށް، އެކަމުގައި މައްސަލައެއް އޮތް ނަމަ އިހުމާލުވި މުވައްޒަފަކަށް ފިޔަވަޅު އެޅުމެވެ. އެ އިހުމާލަށް ބަލައި މާލީ ބަދަލަކީ ބަލި މީހާ ނުވަތަ އާއިލާއަށް ލިބޭ އެއްޗެކެވެ. ބައެއް ގައުމުތަކުގައި ސެޓްލްމަންޓް އެގްރިމެންޓެއް ހަދައި، މާލީ ބަދަލު ދިނުމަށް ފަހު ކޯޓަށް ނުދާ ގޮތަށް އެއްބަސްވެ އެވެ.
ނަމަވެސް، ރާއްޖޭގައި އާއްމުންގެ އެންމެ ބޮޑު ޝަކުވާއަކީ އިހުމާލުގެ މައްސަލަތައް ހުށަހެޅުމަށް ފަހު، ފަހުން ވާނުވާ ނޭނގުނެވެ. އިހުމާލެއްގެ ސަބަބުން ބަލި މީހާއަށް އަދި އާއިލާ އަށް ކިތައްމެ ބުރައެއް އުފުލަން ޖެހުނަސް، އޭގެ ބަދަލު ލިބޭނެ ފަސޭހަ މަގެއް ކޮށައިދީފައެއް ނުވުމެވެ.
ލިބޭ ގެއްލުންތަކަށް ބޭރުގެ ބައެއް ގައުމުތަކުގައި ބަދަލު ލިބުމަކީ އާއްމު ކަމަކަށް ވިޔަސް، ރާއްޖޭގައި މިހާތަނަށް އެންމެ މަތީ ކޯޓުން ނިންމައި، ކާމިޔާބުވެފައި ވަނީ އެންމެ މައްސަލައެކެވެ.
އައިޖީއެމްއެޗުން ހިދުމަތް ހޯދަން ބަޔަކު މަޑުކޮށްލައިގެން.-- ފޮޓޯ: މިހާރު
ކުއްޖެއްގެ ކަންފަތް ބީރުވި މައްސަލައިގައި ދައުލަތުން ވަނީ 2019 ވަނަ އަހަރު 7.1 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ހުކުމް ކޮށްފަ އެވެ.
ކޮލިޓީ އެޝުއަރެންސް ކޮމިޝަނާ ތަސްލީމާ އުސްމާން ވިދާޅުވި ގޮތުގައި ސިއްހީ ފަރުވާ ދިނުމުގައި އިހުމާލުވުމާ ގުޅޭ ވަކި ގާނޫނެއް ހެދުމުގެ ބަދަލުގައި މިނިސްޓްރީން މިހާރު މަސައްކަތް ކުރަނީ 2015 ވަނަ އަހަރު ވުޖޫދުވި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު އިސްލާހުކުރާށެވެ.
އެ ގާނޫނުގައި ހަމައެކަނި ބުނެފައިވަނީ ޑޮކްޓަރުންގެ މައްސަލަ ބެލުމަށް މެޑިކަލް އަދި ނަރުހުންނާ ގުޅޭ ކަންކަމަށް ނާސިން ކައުންސިލް އުފައްދަންޖެހޭނެ ކަމަށެވެ. އެއާ އެއްގޮތަށް އެ ކައުންސިލްތައް އުފައްދައިފި އެވެ. އެކަމަކު، މާލީ ބަދަލާ ގުޅޭ އެއްވެސް ބައެއް ނެތެވެ.
އެހެންވެ، ތަސްލީމާ ވިދާޅުވީ ސިއްހީ ހިދުމަތުގެ ގާނޫނަށް، މެޑިކަލް ނެގްލިޖެންސްގެ ސަބަބުން މާލީ ބަދަލު ދެވޭނެ ގޮތްތައް ބަޔާންކޮށް މާއްދާއެއް އިތުރުކުރަން ނިންމައި، އެކަން ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނުމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް، އެކަން ތަންފީޒުވާނެ މުއްދަތެއް އަދި ނޭނގެ އެވެ.
މިނިސްޓްރީން މިހާރު ނިންމާފައިވަނީ ނޯ ކޯޓު ކޮމްޕެންސޭޝަން ނުވަތަ ކޯޓަށް ނުދާ ގޮތަށް މާލީ ބަދަލު ދޭ ގޮތަށް ގާނޫނު ބަދަލުކުރުމަށެވެ. ހެލްތު ޕްރޮފެޝަނަލެއްގެ ސަބަބުން ނުވަތަ ސިސްޓަމްގެ ސަބަބުން މީހަކަށް ކަމެއް ދިމާވެއްޖެނަމަ ބަދަލު ދޭނެ ގޮތާއި ދޭނެ ގޮތް އަދި މިންވަރު ކަނޑައަޅާނީ އެކަމަށް އުފައްދާ ކޮމިޓީއަކުން ކަމަށް ތަސްލީމާ ވިދާޅުވި އެވެ.
އިހުމާލުގެ ކަމަކުން މީހަކަށް ގެއްލުމެއް ލިބިއްޖެނަމަ އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި ބޮޑެތި އަދަދުތަކުން މާލީ ބަދަލު ނަގައިދެނީ ވެސް ތަސްލީމާ ވިދާޅުވި ގޮތުގައި، އެ ތަންތަނުގައި ރާއްޖޭގައި އޮންނަ ކަހަލަ ޔުނިވާސަލް ހެލްތު ކަވަރޭޖެއް ނޯންނާތީ އެވެ.
ރާއްޖޭގައި ކޮންމެ ދިވެއްސަކަށް ވެސް އާސަންދަ ސްކީމްގެ ދަށުން ހިލޭ ބޭސްފަރުވާ ކުރެވޭތީ، ރާއްޖޭގައި އިހުމާލުގެ މައްސަލަތަކުގައި ބަދަލު ދޭނެ ގޮތްތައް ތަފާތުވާނެ ކަން ފާހަގަކުރެއްވި އެވެ.
ޓްރީޓޮޕް ހޮސްޕިޓަލް. މި ހޮސްޕިޓަލުން އިހުމާލުވި ކަމަށް ބުނާ މައްސަލަތަކެއް ވަނީ ފެންމަތިވެފައި.-- ފޮޓޯ؛ ފަޔާޒު މޫސާ / މިހާރު
ނޯ-ކޯޓު ކޮމްޕެންސޭޝަން ގިނައިން ހުންނާނީ ކެންޑެވޭނިއަން އަދި ނިއުޒިލެންޑު ފަދަ ތަންތަނުގަ އެވެ. އެކަމަކު، އިހުމާލުގެ މައްސަލަތައް ކޯޓުން ނިންމަން އެތައް ދުވަހެއް ނަގާތީ ގިނަ ގައުމުތަކުން މިހާރު ވެސް ނޯ-ކޯޓު ކޮމްޕެންސޭޝަނަށް ބަދަލުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނޯ-ކޯޓު ކޮމްޕެންސޭޝަންގައި ބަލަނީ ސިއްހީ ހިދުމަތުގެ ތެރެއިން އެ މީހަކަށް އިންޖަރީއެއް ވީތޯ ނުވަތަ ހާމެއް ވީތޯ މީހަކާ ހެދި ވީ ކަމެއްގެ ބަދަލުގައި. ނޯ-ކޯޓު ކޮމްޕެންސޭޝަނެއްގައި އިތުރު ދެ ކަމެއް އިންނާނެ. އެއީ އެ މީހާއަށް ކޮމްޕެންސޭޓް ކުރާނީ ވަކި މީހެއްގެ ފަރާތުން އެ މީހާ އިހުމާލުވެގެން ލިބުނު ގެއްލުމަކަށް ވީތީ އެއް ނޫނެވެ. އެ މީހަކަށް ގެއްލުމެއް ލިބުމުން." ހެލްތު ލޯއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ތަސްލީމާ ވިދާޅުވި އެވެ.
"މީހާ އިންޖާވީތާ އެ ހިސާބުން. އެހެންވީމަ، ނޯ-ކޯޓު ކޮމްޕެންސޭޝަންގައި މި ބުނަނީ އެ މީހާއަށް އިންޖަރީވީމަ އޭނާއަށް ކޮމްޕެންސޭޓް ކުރެވޭނެ ގޮތެއް ހޯދަން. އެކަމަކު، ނޯ-ކޯޓު ކޮމްޕެންސޭޝަންގެ ވަން އާމް އެއީ، އެ ކޭސް ރިވިއު ކުރެވިގެންދާއިރު އެ މީހާ ކުރި އެއްވެސް ކަމަކުން، އޭނާ ނުކޮށް ދޫކޮށްލި ކަމަކުން އޭނާ ބަލަންޖެހޭ ވަރަށް ނުބަލައިގެން ކަމަށް ވިއްޔާ ކައުންސިލްތަކުން އެ މީހަކާ ދޭތެރޭ ފިޔަވަޅު އަޅަން މަޖުބޫރު ހަމަ. މިއީ ހެލްތު މިނިސްޓްރީގައި އިންނަ މެކޭނިޒަމް. ހަމަ އެ ގޮތަށް އެއީ އިންސްޓިޓިއުޓެއްގެ މައްސަލައަކަށް ވެއްޖިއްޔާ އެ އިންސްޓިޓިއުޓަކާ ދޭތެރޭ އަޅަންޖެހޭ ފިޔަވަޅެއް ނޫނީ އިންސްޓިޓިއުޓުން ކުރަންޖެހޭ ކަމެއް ނުކުރަންޖެހޭނެ."
ޑޮކްޓަރަކާ ގުޅޭ މައްސަލައެއް ނަމަ މެޑިކަލް ކައުންސިލް އަދި ނަރުހެއްގެ މައްސަލައެއް ބަލަން ބޭނުންވާނަމަ ހުށަހަޅަން ޖެހެނީ ނާސިން ކައުންސިލަށެވެ. އެ ކައުންސިލްތަކަށް މި ފަހުން ހުށަހެޅި މައްސަލަތަކުގެ ތަފްސީލު ނުލިބުނަސް، މިނިސްޓްރީން ނޮވެމްބަރު، 2021 ގައި ބުނީ އެހާތަނަށް 74 ޝަކުވާއެއް ހުށަހެޅިއިރު އޭގެ ތެރެއިން 57 މައްސަލައެއް ބަލާ ނިންމާފައިވާ ކަމަށެވެ.
ތަސްލީމާ ވެސް ވިދާޅުވީ އިހުމާލުގެ މައްސަލައެއް ރިވިއު ކުރާއިރު ވަރަށް ގިނަ ކަންތައްތަކަށް ބަލަންޖެހޭ ކަމަށެވެ. އިންޓަވިއުތަކާއި ޑޮކިއުމަންޓުތައް ބަލައި ތަޖުރިބާކާރެއްގެ ރިވިއު ނިންމާއިރު ގާތްގަނޑަކަށް ދެ މަސް ދުވަސް ނަގާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮލިޓީ އެޝުއަރެންސް ކޮމިޝަނާ ތަސްލީމާ، މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު
ނަމަވެސް، މި ރިޕޯޓަށް ވާހަކަދެއްކި ބައެއް މީހުން ވަނީ މެޑިކަލް ކައުންސިލަށް ހުށަހެޅި ޝަކުވާތަކަށް ދެ އަހަރެއްވާން އުޅޭއިރު ވެސް ޖަވާބު ނުލިބޭ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭޑީކޭގައި ސިޒޭރިއަން ހެދުމުގެ ތެރޭގައި ސަލްމާ، 25، މަރުވި މައްސަލަ އާއިލާގެ ފަރާތުން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅީ 2021 ވަނަ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގަ އެވެ.
އެ އާއިލާއިން ބުނީ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު އެ މައްސަލައިގައި މެޑިކަލް ކައުންސިލުން އެއްވެސް ހަބަރެއް ނުވާ ކަމަށެވެ. ފުލުހުން ވެސް ތިބީ މަޑުންނެވެ.
ތަސްލީމާ ވިދާޅުވީ މިނިސްޓްރީއަށް ހުށަހަޅާ މައްސަލަތަކުގައި ވާނުވާ އަންގާނެ ކަމަށާއި އެ މައްސަލައަކުން ފާހަގާ ކަމެއް އޮތް ނަމަ އެކަމެއް ލިޔުމަކުން އަންގާނެ ކަމަށެވެ. އަދި ހެލްތު ޕްރޮފެޝަނަލްއަކާ ދޭތެރޭ ފިޔަވަޅެއް އަޅަންޖެހޭނަމަ ޕްރެފެޝަނަލް ފިޔަވަޅު އަޅާނީ ކައުންސިލްތަކުން ކަމަށެވެ. އެހެންވެ، ބަލާފައި ފިޔަވަޅު އެޅުމަށް ކައުންސިލްތަކަށް ފޮނުވާ ކަމަށާއި އެޑްމިނިސްޓްރޭވިވްލީ ފިޔަވަޅެއް އަޅަންޖެހޭނަމަ އެ އިދާރާއަކަށް އަންގައި އަދި ފިޔަވަޅެއް އެޅިތޯ ފަހުން ބަލާ ކަމަށް ވެސް ތަސްލީމާ ވިދާޅުވި އެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި މެޑިކަލް އަދި ނާސިން ފަދަ ޕްރޮފެޝަނަލް ކައުންސިލްތަކުގައި ތިބެނީ އެ ދާއިރާގެ މީހުންނެވެ. އެކަމަކު، ރާއްޖޭގައި އެ ކައުންސިލްތަކަށް ނުފޫޒު ފޯރުވާކަމުގެ އިނގިލި ދިއްކުރާނެކަން އެނގޭތީ، ދާއިރާއިން ބޭރުގެ މީހުން ވެސް ކައުންސިލްގައި ހިމަނާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ސިއްހީ ޕްރޮފެޝަނަލުންނަށް ނަސޭހަތް ދިނުމާއި ވަގުތީ ގޮތުން މަސައްކަތުން ދުރުކުރުން ފަދަ ފިޔަވަޅުތައް ވެސް އަޅާފައި އެބަހުރި. އިންސްޓިޓިއުޓުތަކާ ގުޅިގެން މަސައްކަތްކޮށް، ސިސްޓަމްގެ ތެރޭގައި ދެ ވަނަ ފަހަރަށް އެކަން ތަކުރާރުނުވާނެ ގޮތް ހެދުމަށް މަސައްކަތްކުރަން އަދި ބޮޑެތި ކަންކަމުގައި، ވަކި ތަނެއްގެ ނަން ނުބުނެ ހުރިހާ ތަނަކަށް ރިކޮމެންޑޭޝަން ފޮނުވާ ކަމަށް."
ސިވިލް ކޯޓުގެ އެތެރެ:
"އިންޓާނަލީ ކޮންމެ ސިއްހީ ހިދުމަތްދޭ ކޮންމެ ތަނެއްގައި ވެސް، އެ ތަނުގެ ތެރޭގައި ހިނގާ އިންސިޑެންޓުތައް، ކޮންމެ އީޗް އިންޑިވިޖުއަލް އިންސިޑެންޓެއް ބަލައި އެ އިންސިޑެންޓަކާ ދޭތެރޭގައި ރޫޓްކޯސެއް ހަދައި އެކަމަށް ފިޔަވަޅު އެޅޭނެ މެކޭނިޒަމެއް ގާއިމްކުރުން އަޅުގަނޑުމެންގެ މިހާރުގެ ޓާގެޓަކީ. އެއީ ކުރަންޖެހޭނެ ކަމެއް ސިއްހީ ހިދުމަތް ދޭ ކޮންމެ ތަނަކުން ވެސް. މީހަކު ކޮމްޕްލެއިނެއް ލަންދެން ނޫން މަޑުކުރަން ވެސް ޖެހޭނީކީ." ތަސްލީމާ ވިދާޅުވި އެވެ.
އިހުމާލުވުމުގެ މައްސަލަތަކެއް ކޯޓަށް ހުށަހެޅުމަށް އަމަލީގޮތުން ބައިވެރިވި ގާނޫނީ ވަކީލް، މަރިޔަމް ޝުނާނާ ވިދާޅުވީ މަދަނީ އިޖުރާއަތުގެ ދަށުން ކޯޓުން މައްސަލަތަކެއް ސާބިތުކުރަން ލިޔެކިޔުން ބޭނުންވާނެ ކަމަށެވެ. މިފަދަ މައްސަލައެއް ފުރަތަމަ ތަހުގީގުކުރަން ޖެހެނީ މެޑިކަލް ކައުންސިލުން ކަމަށާއި އެކަމަކު، އެ ތަނަށް ލީ މައްސަލަތަކުން މިހާތަނަށް ލިބުނީ އެންމެ މައްސަލައެއްގެ ތަފްސީލު ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ވެސް މީގެ ދެ އަހަރު ކުރިން ފުވައްމުލަކުގައި މަރުވި ކުއްޖެއްގެ ލިޔެކިޔުންތަކެވެ.
އެ ލިޔެކިޔުންތައް މި ފަހުން ހަމަވުމުން ޝުނާނާ ދަނީ ކޯޓަށް މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.
"މެޑިކަލް ނެގްލިޖެންސް ވީމަ އެބަ ބޭނުންވޭ ވަރަށް ގިނަ ލިޔެކިޔުން. އެކްސްޕާޓް އެވިޑެންސް ބޭނުންވޭ، ސައިކޮލޮޖިކަލް/ސައިކޭޓްރިސްޓް އެނަލިސިސް ހަދަންޖެހޭ. އާއްމު މީހަކަށް މި ކަހަލަ ކަމެއް ވީމަ ނުހުންނާނެ އެކްސްޕާޓުން ހަޔަ ކުރުމުގެ ކެޕޭސިޓީއެއް. ދެން ރިލައި ވާންޖެހެނީ މެޑިކަލް ކައުންސިލަށް. މެޑިކަލް ކައުންސިލަކަށް މިހާތަނަކަށް އަސްލު ނެތް މި ކަހަލަ މައްސަލަތަކެއް ބެލިފައެއް." ޝުނާނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަކީލަކަށް ވެސް މައްސަލައެއް ހުށަހަޅާއިރު ރިޕޯޓު ބޭނުންވާނެ ކަމަށާއި އެކަމަކު އެ ލިޔެކިޔުންތައް ނުލިބޭތީ ވަރަށް ގިނަ މައްސަލަތައް ހުށަނޭޅި ދޫކޮށްލާފައިވާ ކަމަށެވެ.
"މި ތަނަށް ވަރަށް މުހިއްމު ވާނެ އިމްޕާޝަލް އިންވެސްޓިގޭޝަނެއް. އެ އިންވެސްޓިގޭޝަން ހަދާފައި ވިކްޓިމަށް ލިބެންޖެހޭ ރިޕޯޓު ލިބުން. އޭރަށް ވަރަށް ފަސޭހަވާނެ ކޭސް ފައިލްކުރަން. ކޯޓެއްގައި ވިއްޔާ ބަލާނީ ހެއްކާއި ގަރީނާއަށް. މެޑިކަލް ނެގްލިޖެންސްގައި ބޭނުންވާ ހަމައެކަނި އެއްޗަކީ އެކްސްޕާޓް އެވިޑެންސް. އެއެއް ނުއެއް ލިބޭ. ޑޮކްޓަރުން އެކަކު އަނެކަކަށް އޮންނަ ގުޅުމާ ހެދި އެކްސްޕާޓް އެވިޑެންސް ދޭން ދެކޮޅު ވެސް ހަދާ."
ނަން ނުޖެހުމަށް އެދި ވާހަކަދެއްކި ޑޮކްޓަރަކު ވިދާޅުވީ ފަރުވާ ދިނުމުގައި އިހުމާލުވަނީ ހަމައެކަނި އެ ޑޮކްޓަރެއްގެ މައްސަލައަކުން ނޫނެވެ. ނިޒާމުގައި ވެސް މައްސަލަތައް ހުރުމުން، ހަމައެކަނި ޑޮކްޓަރުންނަށް އެކަމުގެ ފާޑުކިޔުން އަމާޒުވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑޮކްޓަރުންނަށް ފަރުވާ ކުރެވޭނީ ބޭނުންވާ ބޭސް ވެސް ހުރެގެން. ހާލު ސީރިއަސް ބަލި މީހުންނަށް ބޭނުންވާ ބޭސް ގެންނަން އާއިލާއާ ހަވާލުކޮށްފައި ވެސް އެބަހުރި. ބައެއް ފަހަރު އެ ބޭސް ގަންނަން ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި ވެސް އެބަހުރި."
އޭނާ ވިދާޅުވި ގޮތުގައި ސިއްހީ ދާއިރާއަށް މިހާރު އޮތް އެއް ގޮންޖެހުމަކީ ފެންވަރު ދަށް ބޭރު ޑޮކްޓަރުން ގެނައުމެވެ.
"ޕޭޝަންޓް ކެއާގައި ބޭރު ޑޮކްޓަރުންގެ މައްސަލަ ގިނަ ދިވެހި ޑޮކްޓަރުންނަށް ވުރެ. އެއާ ހިލާފަށް އަލަށް ނުކުންނަ ދިވެހި ޑޮކްޓަރުން ވަރަށް ރަނގަޅު. ބަލި މީހުންނަށް އަޅާލުމަށް އިސްކަންދޭ."
ޓްރީޓޮޕުން އިހުމާލުވާ ކަމަށް ބުނާ މައްސަލަ ބަލަނީ
300 އަށް ވުރެ ގިނަ ދިވެހި ޑޮކްޓަރުން ހޯދަނީ
ގިނަ އަދަދެއްގެ ސްޕެޝަލިސްޓު ޑޮކްޓަރުން ހޯދަނީ
ހޮސްޕިޓަލްގެ އިހުމާލެއްވާކަމަށް ގަބޫލެއް ނުކުރޭ
ދެމައިން މަރުވި މައްސަލާގައި އިހުތިޖާޖުކޮށްފި
ދެމައިން ނިޔާވި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރަނީ
ހުރިހާ ހޮސްޕިޓަލެއްގައި ސައިކޭޓްރީ/ސްޕީޗް ތެރަޕީ ފަށަނީ
ކްލިނިކްތަކުގައި މަސައްކަތްކުރުމާ ބެހޭ ގަވައިދެއް ހަދަން ލަފާދީފި
ޑރ. އިސްނީން: ގޮހޮރުގެ ފުރަތަމަ ދިވެހި ޑޮކްޓަރު
ރީޖަނަލް ހޮސްޕިޓަލްތަކުގެ އޯޕީޑީގެ ވަގުތު އިތުރުކުރަނީ