ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބޭރު ބަޔަކަށް ފައިސާ ދީގެން "ވައްކަން ކުރެވޭނެ" އިލެކްޓްރޯނިކް ވޯޓިން (އީ-ވޯޓިން) ސިސްޓަމެއް ގާއިމު ކުރަން މަސައްކަތް ކުރި ކަމަށް ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޒާރު މިއަދު ތުހުމަތު ކުރައްވައިފި އެވެ.
22 ނޮވެމްބަރ 2016
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބޭރު ބަޔަކަށް ފައިސާ ދީގެން "ވައްކަން ކުރެވޭނެ" އިލެކްޓްރޯނިކް ވޯޓިން (އީ-ވޯޓިން) ސިސްޓަމެއް ގާއިމު ކުރަން މަސައްކަތް ކުރި ކަމަށް ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޒާރު މިއަދު ތުހުމަތު ކުރައްވައިފި އެވެ.
މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު އައި ފަހުން އިންތިހާބުތަކަށް ނުފޫޒު ފޯރުވަން އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ސިޔާސީ މާހައުލު ނެތިކޮށްލުމަށް ގާނޫނުގެ ތެރެއިންނާއި އެހެނިހެން ގޮތް ގޮތުން މަސައްކަތް ކުރަމުން އެބަދޭ. އަޅުގަނޑުމެން ބޯމަތީގައި އޮތް ކައުންސިލް އިންތިހާބު ފަސްކުރުމަށް ކޯޓު މެދުވެރިކޮށް ކަންކަން ކުރަމުން އެދަނީ،" ނިޒާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އީސީން މަސައްކަތް ކުރަނީ 2018 ގެ ރިޔާސީ އިންތިހާބު މިހާރުގެ ސަރުކާރަށް ކާމިޔާބުކޮށްދެވޭނީ ކޮން ގޮތަކަށްތޯ ބެލުމަށެވެ
ނިޒާރު ވިދާޅުވި ގޮތުގައި ބޭރުގެ ކުންފުނިތަކުގެ މީހުންނަށް ފައިސާ ދީގެން ރާއްޖެ ގެނެސް، ކައުންސިލްތަކުގެ އިންތިހާބުގައި "ވައްކަން" ކުރެވޭނެ ނިޒާމެއް ގާއިމު ކުރެވޭތޯ އީސީން މަސައްކަތް ކުރި އެވެ. އެކަމަކު އެކަން ކާމިޔާބު ނުވި ކަމަށް އޭނާ ވިދާޅުވި އެވެ.
"އުތުރު ކޮރެއާ ވެސް ބަލައިފި. ކުންފުނިތަކުގެ މީހުން ގެނެސްގެން މި ތަނުގައި ވައްކަން ކުރެވޭނެ ސިސްޓަމެއް ގާއިމު ކުރަން ފައިސާ ދީގެން ވެސް މަސައްކަތްކޮށްފި. އެކަމެއް ނުކުރެވުނު،" ނިޒާރު ވިދާޅުވި އެވެ.
ނަމަވެސް އީސީގެ މެމްބަރު އަހުމަދު އަކްރަމް ވަނީ ނިޒާރުގެ އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ. އަކްރަމް "މިހާރު" އަށް ވިދާޅުވީ އީ-ވޯޓިންގެ ނިޒާމު ގާއިމް ކުރުމަށް އީސީން މަސައްކަތް ކުރީ އެއީ ދެމެހެއްޓެނިވި ގޮތެއްގައި، އިތުބާރު ކުރެވޭނެ ނިޒާމަކަށް ވާތީ ކަމަށެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން މެމްބަރަކު އެހެން ވިދާޅުވާނެ ކަމަކަށް. ބޭއިހުތިޔާރުގައި އެހެން ވިދާޅުވެވިދާނެ. އެކަމަކު ގަސްދުގައި އެހެން ވިދާޅުވި ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ނިޒާރުގެ ތުހުމަތުތަކާ ގުޅިގެން އަކްރަމް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ދެ މަސްދުވަހަށް ފަސްކޮށްދިނުމަށް އެދި ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލައިގައި އެދުނީ އިންތިހާބު ބާއްވަން މިހާރު ކަނޑައަޅާފައިވާ ތާރީހު ދެ މަސް ދުވަހަށް ފަސްކުރުމަށް އަންގައި އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ.
ނިޒާރު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން އިންތިހާބެއް ކާމިޔާބު ކުރާނީ ކޯޓަށް ނުފޫޒު ފޯރުވައިގެންނެވެ. އެ ނޫން ގޮތަކަށް އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށާއި ރައީސް ޔާމީނަކީ ރައްޔިތުން ރުހޭ ސިޔާސަތުގެ ތެރެއިން ވެރިކަން ކުރައްވާ ބޭފުޅެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ ޖެނުއަރީ 14 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އީ-ވޯޓިން ތައާރަފް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރި އެވެ. ކޮމިޝަނުން ތިން ސަރަހައްދެއްގައި އީ ވޯޓިން ކުރިއަށް ގެންދަން ނިންމާފައިވަނިކޮށް އެ ސިސްޓަމް ބޭނުން ނުކުރުމަށް ނިންމީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން އެކަމާ ދެކޮޅު ހެދުމުންނެވެ.
އީ-ވޯޓިން އާ މެދު އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދާ ސަބަބުތަކުގެ ތެރޭގައި އިންތިހާބުގެ ނަތީޖާ އޮޅުވައިލުމުގެ ބާރު ކޮމިޝަނަށް ލިބުމުގެ އިތުރުން، އެ ކޮމިޝަން، ސަރުކާރުގެ ނުފޫޒުގެ ތެރޭގައި "ތާށިވުން" ވެސް ހިމެނެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އީ-ވޯޓިން ބޭނުން ނުކުރާ ގޮތަށް ހަމަޖެއްސި ނަމަވެސް 2018 ގެ ރިޔާސީ އިންތިހާބުގައި އެ ނިޒާމް ތައާރަފް ކުރާނެކަން ނުވަތަ ނޫންކަން އީސީއަކުން އަދި ނުނިންމަ އެވެ.
ގާނޫނުއަސާސީ ބުނާ އަދަދު ނެތަސް ވޯޓު ނަގަން ނިންމައިފި
އިންތިޚާބުތަކުގެ ގާނޫނުތައް އިސްލާހުކުރުން މާދަމާ
އިންތިހާބު ބޯމަތިވާއިރު ވެސް ބަދަލުތައް ހާމަނުކުރާތީ ކަންބޮޑުވުން
ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މަޝްވަރާ ކުރަނީ
އިންތިހާބު ލަސްކުރުމަކީ ސިޔާސީ ކަމަކަށް ވެގެން ނުވާނެ
ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާ ގޮތަށް ފާސްކޮށްފި
ނިޒާރު، ނިލަންދޫ ދާއިރާއާ މެދު ހިޔާލު ބަދަލު ވެއްޖެ
ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާންޖެހޭ: މެމްބަރުން
މާލެއަށް ދެ ދާއިރާ އިތުރު ކުރަން ނިންމައިފި
އީސީ ދޮށަށް އެއްވާ މެމްބަރުންނަށް ފިޔަވަޅު އަޅައިދީ!