Roadha Mihaaru
ގާނޫނުއަސާސީ ބުނާ އަދަދު ނެތަސް ވޯޓު ނަގަން ނިންމައިފި

ގާނޫނުއަސާސީގައި ބުނާ އަދަދު ނެތަސް ވޯޓަށް އަހަން ފާސްކޮށްފި

04 ޖުލައި 2018

ރައްޔިތުން އެ މައްޗަށް އަމަލުކުރަން ލާޒިމްކުރާ އެއްވެސް ކަމެއް މަޖިލީހުން ފާސްކުރަން ޖެހޭނީ މަޖިލިހުގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން ހާޒިރުވެ ތިބެ ކަމަށް ގާނޫނުއަސާސީގައި ބުނެފައި ވިޔަސް "ޒަރޫރީ ހާލަތްތަކުގައި" އެއަށް ވުރެ މަދުން މެމްބަރުން ތިއްބަސް ވޯޓަށް އެހޭ ގޮތަށް އެންމެ 31 މެމްބަރުންގެ އިއްތިފާގުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުން އެ މައްޗަށް އަމަލުކުރަން ލާޒިމްކުރާ އެއްވެސް ކަމެއް މަޖިލީހުން ފާސްކުރަން ޖެހޭނީ މަޖިލިހުގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން ހާޒިރުވެ ތިބެ ކަމަށް ގާނޫނުއަސާސީގައި ބުނެފައި ވިޔަސް "ޒަރޫރީ ހާލަތްތަކުގައި" އެއަށް ވުރެ މަދުން މެމްބަރުން ތިއްބަސް ވޯޓަށް އެހޭ ގޮތަށް އެންމެ 31 މެމްބަރުންގެ އިއްތިފާގުން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ހުށަހެޅުއްވި ގޮތަށް ޕީޕީއެމް/އެމްޑީއޭ ކޯލިޝަން މެމްބަރުންގެ އިއްތިފާގުން އެގޮތަށް ފާސްކުރީ އިންތިހާބުތަކާ ބެހޭ ގާނޫނުތަކަށް ހުށައަޅާފައިވާ އިސްލާހުތަކަށް ވޯޓަށް އަހަން ބަލާއިރު، މަޖިލިހުގެ ގަވައިދުގައި ވެސް ބުނާ އަދަދަށް މެމްބަރުން ނެތް ކަމަށް ބުނެ އެވެ.

މަސީހުގެ މި ހުށައެޅުއްވުމުގައި ރައްޔިތުން އެ މައްޗަށް އަމަލްކުރުން ލާޒިމްކުރާ ގާނޫނުތައް ފާސްކުރާ އިރު މަޖިލިހުގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން ތިބެން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ މާއްދާގެ އެއްވެސް ވާހަކައެއް ގެންނަވާފައެއް ނުވެ އެވެ.

ރިޔާސަތުގެ ހުށަހެޅުން މި އައީ ހަމަ ކުއްލިއަކަށެވެ. ރިޔާސީ އިންތިހާބާ ބެހޭ ގާނޫނަށާއި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ސަރުކާރު މެމްބަރުން ހުށަހެޅުއްވި އިސްލާހުތަކަށް ވޯޓަށް އަހަން މިދިއަ ދެ ދުވަހު ޖަލްސާ ބޭއްވި އެވެ. އެކަމަކު ގާނޫނުއަސާސީގައި ބުނެފައިވާ އަދަދަށް މެމްބަރުން ހާޒިރުނުވުމުން އެ ދެ ޖަލްސާ ވެސް މަސީހު ނިންމަވާލެއްވީ ވޯޓަށް އަހަން ބޭނުންވާ ވަރަށް މެމްބަރުން ހާޒިރުވެފައި ނެތް ކަމަށް ވިދާޅުވެ އެވެ. އެ ދެ ޖަލްސާގައި ވެސް ގާނޫނުއަސާސީގެ މާއްދާތަކަށް މަސީހު ހަވާލާދެއްވާފައެއް ނުވެ އެވެ. އެމަނިކުފާނު މުޅިން ވެސް ވިދާޅުވީ މަޖިލިހުގެ ގަވާއިދުގެ މާއްދާތަކެކެވެ.

ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބުނަނީ "ރައްޔިތުން އެއަށް އަމަލްކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލިހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ އެ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައި" ކަމަށެވެ.

މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ބ) ގައި ވެސް ހަމަ އެގޮތަށް ވަނީ ކަނޑައަޅާފަ އެވެ. މިހާރުގެ މަޖިލިހުގައި 85 މެމްބަރުން ތިއްބަވާ އިރު ގާނޫނުއަސާސީގައި އެ ބުނާ އަދަދަކީ 43 މެމްބަރުންނެވެ.

މިދިއަ އަހަރުގެ ޖުލައި މަހު ޕީޕީއެމްގެ 12 މެމްބަރުން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ފަހުން މަޖިލިހުގައި ސަރުކާރަށް އެ އަދަދު ހަމަކުރެވިފައެއް ނުވެ އެވެ. އަދި އެ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އުފެދިފައިވާ ދެބަސްވުމަށް މިހާތަނަށް ވެސް ސުޕްރީމް ކޯޓުން ހައްލެއް ގެނެސްދީފައި ނުވާތީ، އެ މެމްބަރުންނަށް މަޖިލިހަށް ވެންނެވޭ ގޮތެއް ނުވެ އެވެ.

މަސީހް ވިދާޅުވީ މިދިޔަ ދެ ދުވަހު ބޭއްވި ޖަލްސާގައި އިންތިހާބުތަކާ ބެހޭ ގާނޫނުތަކަށް ހުށަހެޅި އިސްލާހަށް ވޯޓަށް އަހާތީ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަތުމަށް ހުރިހާ މެމްބަރުންނަށް ތަކުރާރުކޮށް އިލްތިމާސް ކުރެއްވި ކަމަށެވެ. އެކަމަކު ދެ ދުވަހު ވެސް ތަޅުމުގައި ތިއްބީ އެންމެ 35 މެމްބަރުންނެވެ.

މަސީހު ވިދާޅުވި ގޮތުގައި ތަޅުމުގައި 35 މެމްބަރުން ތިއްބެވި ނަމަވެސް އެމްޑީޕީގެ 10 މެމްބަރަކާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ހަތަރު މެމްބަރަކު މަޖިލިހަށް ހާޒިރުވެވަޑައިގެންނެވި ކަމަށް ސޮއިކުރެއްވި އެވެ.

މިދިއަ އަހަރުގެ ޖުލައި މަހުން ފެށިގެން އިދިކޮޅު މެމްބަރުން އެއްވެސް ޖަލްސާއަކަށް ވަޑައެއް ނުގަންނަވަ އެވެ. އެ ބޭފުޅުން ވިދާޅުވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ، މަޖިލިހުގެ އަގުލަބިއްޔަތުން ހުށަހައަޅާފައި އޮއްވާ އެއަށް ވޯޓަށް ނާއްސަވާ، ރިޔާސަތުގައި މަސީހު އިންނަވައިގެން ޖަލްސާތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

މިއަދު މަސީހް ވިދާޅުވީ ޖަލްސާގައި ހާޒިރުވެ ތިއްބެވީ 35 މެމްބަރުން ކަމަށް ވާތީ ވޯޓު ނެގުމުގައި ބަލަން ޖެހޭ އަދަދާ މެދުގައި ވިސްނާލަން ޖެހޭ ކަމަށެެވެ. އެހެންވެ، މިކަމުގައި އަމަލުކުރާނެ ގޮތެއް ނިންމައި ދިނުމަށް އެދި، ވަނީ "ޒަރޫރީ ހާލަތުގައި" 43 މެމްބަރުން ނެތަސް ވޯޓަށް އަހަން ހުށަހަޅައިފަ އެވެ.

އެ ހުށަހެޅުއްވުމުގައި ބުނެފައިވަނީ ގަވައިދުގެ 37 ވަނަ މާއްދާގެ (ބ) ގައި ބުނާ ގާނޫނީ އަދަދު ހަމަނުވުމުގެ ސަބަބުން ތިން ބިލެއް ފާސްކުރުމަށް ވޯޓަށް އެހުމުގެ ކަންކަން ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ. ތިން ބިލަކީ ވެސް ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބާއި ދައުލަތުގެ މަސްލަހަތާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ތިން ބިލު ކަމަށް ވެސް މަސީހްގެ ހުށަހެޅުމުގައިވެ އެވެ.

މި ތިން ބިލު ފާސްކުރުމަށް މިހާރުން މިހާރަށް ވޯޓަށް އަހަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އެ ހުށަހެޅުމުގައިވެ އެވެ. ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްތަކަށް ރިއާޔަތް ކުރުމަށް ފަހު، "ޒަރޫރަތްތެރި ހާލަތުގައި"، ގަވައިދުގައި ބުނާ ގާނޫނީ އަދަދު ހަމަ ނުވި ނަމަވެސް ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލިހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ހ) ގައި ބުނާ ގާނޫނީ އަދަދު (މިހާރުގެ ނިސްބަތުން 21 މެމްބަރުން) ހަމަވާ ނަމަ ވޯޓަށް އަހަން ފެނޭތޯ މަސީހް ހުށަހެޅުއްވި އެވެ. އެ ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 31 މެމްބަރުންގެ އިއްތިފާގުންނެވެ.

މި ހުށަހެޅުން ފާސްކުރުމާ ގުޅިގެން ވިލިމާލެ ދާއިރާގެ މެމްބަރު، އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުށަހެޅުއްވި ރިޔާސީ އިންތިޚާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ހުށަހެޅުއްވި ރިޔާސީ އިންތިޚާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް ވަނީ ފާސް ކޮށްފަ އެވެ.