Roadha Mihaaru
މީޑިއާގެ ފޭކު ފާސްތަކެއް ބޭނުންކުރާ މައްސަލައެއް!

މީޑިއާގެ ފޭކު ފާސްތަކެއް ބަޔަކު ބޭނުންކުރާ މައްސަލައެއް އެމްއެމްސީގެ ސަމާލުކަމަށް!

13 ޖޫން 2021

ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައި ނޫސްވެރިން ބޭނުންކުރަން ދޫކޮށްފައިވާ ޚާއްސަ ފާސްތައް ނަކަލުކޮށްގެން، ބަޔަކު އޭގެ ފޭކު ފާސްތަކެއް ހަދައި ނާޖާއިރު ފައިދާ ނަގަމުންދާ މައްސަލައެއް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައި ނޫސްވެރިން ބޭނުންކުރަން ދޫކޮށްފައިވާ ޚާއްސަ ފާސްތައް ނަކަލުކޮށްގެން، ބަޔަކު އޭގެ ފޭކު ފާސްތަކެއް ހަދައި ނާޖާއިރު ފައިދާ ނަގަމުންދާ މައްސަލައެއް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް މިއަދު ބުނެފި އެވެ.

އެ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ "މިހާރު" އަށް ވިދާޅުވީ އެމްއެމްސީގެ ސަމާލުކަމަށް މިކަން އައުމާ އެކު ފުލުހުންނަށް މައްސަލަ ހުށަހަޅައިފައިވާ ކަމަށެވެ.

ޝަހުބާން ވިދާޅުވީ މީޑިއާތަކަށް އެ ކައުންސިލުން ފާސް ދޫކޮށްފައި ވާނީ އެ މީޑިއާތަކުގެ ވެރިން ނުވަތަ އެޗްއާރުން ސިޓީ ފޮނުވައިގެން އެކަމަށް އެދިގެން ކަމަށާއި ހޯމް މިނިސްޓްރީގައި މީޑިއާ ރަޖިސްޓްރީކޮށްފައި ވީ ނަމަވެސް، އެކްޓީވް ނޫން ނޫސްތަކަށް ފާސްދޫނުކުރާ ކަމަށެވެ.

"ކުރިއަށް ވުރެ ހަރުކަށިކޮށް ނޫސްވެރިންގެ ފާސްތައް ބަލައި ޗެކުކުރުމަށް ފުލުހުންނާއި ސިފައިންގެ ފަރާތުން މިހާރު ވާނީ އެދިފައި،" ޝަހުބާން ވިދާޅުވި އެވެ.

ފާސް ދޫކޮށްފައިވާ ނޫސްވެރިންގެ ނަމާއި އައިޑީ ކާޑު ނަންބަރު ވެސް ހިމެނޭ ގޮތަށް ހުރިހާ ތަފުސީލެއް ފުލުހުންނާ ހިއްސާކޮށްފައި ވާނެ ކަމަށާއި ފާހުގެ ސައްހަކަން ފުލުހުންނަށް ކަށަވަރު ކުރެވޭނެ ކަމަށް ޝަހުބާން ވިދާޅުވި އެވެ.

"ކައުންސިލުން މި ފާސް ދޫކޮށްފައި ވަނީ މި ހާލަތުގައި ނޫސްވެރިންނަށް ވީހާ ވެސް ފަސޭހައިން މަސައްކަތްކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް. ބަޔަކު މީތި އަމިއްލަ އަށް ޕްރިންޓުކޮށްގެން ނާޖާއިރު ފައިދާ ނެގުމަކީ ވަރަށް ދެރަ ކަމެއް، ޝަހުބާން ވިދާޅުވި އެވެ.

މީގެ ދެ ދުވަސް ކުރިން، ކާފިއު ވަގުތުގައި ހުޅުމާލެ ގަރާޖެއްގެ ތެރެއަށް ބަޔަކު ވަދެ، އެތަނުގައި މަސައްކަތްކުރާ މީހަކަށް ހަމަލާދީ މާރާމާރި ހިންގި ކަމަށް ތުހުމަތުވާ މީހުން ތިބީ މީޑިއާތަކަށް އެމްއެމްސީން ދޫކޮށްފައިވާ ޚާއްސަ ފާހުގެ ފޭކު ކޮޕީތަކެއް ހައްދައިގެން އެ އަޅައިގެން ކަމަށް ބުނާ އަޑުތަކެއް ވެސް އެރި އެވެ. ނަމަވެސް ފުލުހުން ވަނީ ފަހުން އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

މީޑިއާ ފާސްތަކުގެ ފޭކު ކޮޕީތަކެއް ހައްދައިގެން ބަޔަކު ބޭނުންކުރާ މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް ލިބޭ ގޮތް އަދި ވަނީ ނުވެފަ އެވެ.