Roadha Mihaaru
ޗައިނާގައި ގޭސް ހޮޅިއެއް ގޮވައި، 12 މީހުން މަރުވެ

ޗައިނާގައި ގޭސް ހޮޅިއެއް ގޮވައި، 12 މީހުން މަރުވެއްޖެ

13 ޖޫން 2021

ޗައިނާގެ މެދުތެރޭ ސަރަހައްދެއްގައި، މީހުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތްތަކަށް ގޭސް ގުޅާފައި އޮތް ހޮޅިއެއް، މިއަދު ހެނދުނު ގޮވުމުގެ ސަބަބުން މަދުވެގެން 12 މީހަކު މަރުވެއްޖެ އެވެ.

ޗައިނާގެ މެދުތެރޭ ސަރަހައްދެއްގައި، މީހުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތްތަކަށް ގޭސް ގުޅާފައި އޮތް ހޮޅިއެއް، މިއަދު ހެނދުނު ގޮވުމުގެ ސަބަބުން މަދުވެގެން 12 މީހަކު މަރުވެއްޖެ އެވެ.

ޗައިނާ ސަރުކާރުގެ ހަބަރު ފަތުރާ ވަސީލަތްތަކުން ބުނި ގޮތުގައި މިހާދިސާ ހިނގާފައިވަނީ ހުބެއި ޕްރޮވިންސްގެ ޝިޔާން ސިޓީގެ ޒަންގްވާން އަވަށުގައި މިއަދު ހެނދުނު 6:30 ހާއިރެވެ. ޗައިނާގެ ސީސީޓީވީން ބުނި ގޮތުގައި ގޭސް ހޮޅި ގޮވުމުގެ ސަބަބުން އެކި ވަރަށް ޒަޚަމްވެފައިވާ 140 މީހަކު ވަނީ ސަލާމަތް ކުރެވިފަ އެވެ. އޭގެ ތެރޭގައި ސީރިއަސް ހާލަތުގައި އޮތް 37 މީހަކަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ގޭސް ހޮޅި ގޮވުމާ ގުޅިގެން، ބައެއް އިމާރާތްތައް ވެއްޓުނެވެ. އަދި ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ތާށިވި ގިނަ އަދަދެއްގެ ބަޔަކު މިހާރު ވަނީ ސަލާމަތްކޮށްފަ އެވެ. އޭގެ އިތުރުން އެ ސަރަހައްދުގެ ވަރަށް ގިނަ އިމާރާތްތަކުގެ ކުޑަދޮރުތަކުގެ ބިއްލޫރިތައް ކުނޑިކުނޑިވެގެން ބިމަށް ފޭބި އެވެ. އަދި ބައެއް އިމާރާތްތަކުގެ ފާރުތަކުގެ ބައެއް ބައިތަކާއި ބައެއް ބެލްކަނިތައްވެސް ވެއްޓުނެވެ.

ޝިޔާން ސިޓީގެ މުނިސިޕަލް އޮފިޝަލުން ބުނި ގޮތުގައި، މިހާދިސާ ހިނގުމުގެ ސަބަބުން ކަރަންޓު ކެނޑުމާ ގުޅިގެން، އިމާރާތްތަކުގެ ތެރޭގައި ވަރަށް ގިނަ ބަޔަކު ނުނުކުމެވި ތާށިވެ ތިއްބައި މިހާރު ވަނީ ސަލާމަތް ކޮށްފަ އެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް، މީޑިއާ ރިޕޯޓްތައް ބުނެ އެވެ.