Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ޗައިނާގެ ބްރިޖެއްގައި 200 އުޅަނދު އެކްސިޑެންޓްވެއްޖެ

ޗައިނާގެ ބްރިޖެއްގައި 200 އުޅަނދު އެކްސިޑެންޓްވެއްޖެ

29 ޑިސެމްބަރ 2022

ޗައިނާގެ ބްރިޖެއްގެ މަތިން ދަތުރުކުރި 200 އަށް ވުރެ ގިނަ އެއްގަމު އުޅަނދު އެކްސިޑެންޓްވެ، މަދުވެގެން އެކަކު މަރުވެ ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެ، ބްރިޖް މަތީގައި ތާށިވެއްޖެ އެވެ.

ޗައިނާގެ ބްރިޖެއްގެ މަތިން ދަތުރުކުރި 200 އަށް ވުރެ ގިނަ އެއްގަމު އުޅަނދު އެކްސިޑެންޓްވެ، މަދުވެގެން އެކަކު މަރުވެ ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެ، ބްރިޖް މަތީގައި ތާށިވެއްޖެ އެވެ.

އިއްޔެ މެންދުރު ފަހު ހިނގި މި ހާދިސާގައި ބްރިޖްގެ އެއް ފަޅި އެކުގައި ބަންދުވެ، އެ ސަރަހައްދުގެ ދަތުރުފަތުރަށް ހުރަސްއެޅިފައިވާ ކަމަށް ނޫސްތަކުން ބުނެ އެވެ. މިހާ ގިނަ އަދަދެއްގެ އުޅަނދުތައް އެއްފަހަރާ އެކްސިޑެންޓްވާން މެދުވެރިވީ، އެ ސަރަހައްދުގައި ދުންފިނީގެ އަސަރު މާ ބޮޑަށް ގަދަވެ، ދުރު ފެންނަ ނިސްބަތް ދަށްވުމުގެ ސަބަބުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ހެނާން ޕްރޮވިންސްގެ ޒެންގްޒޫ ސަހަރުގައި އޮންނަ ޒެންގްޒިން ހުއާންގޭ ބްރިޖްގެ މަތީގަ އެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި ބްރިޖްމަތީގައި އެކްސިޑެންޓްވި ބައެއް އުޅަނދުތައް ހުރީ އެހެން އުޅަނދުތަކުގެ މަތީގަ އެވެ.

ބްރިޖް މަތީގައި އެކްސިޑެންޓްވި އުޅަނދުތައް އެތައް ސަތޭކަ މީޓަރުގެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ އިރު، އެ އުޅަނދުތަކުގެ އެތެރޭގައި ތިބި އަނިޔާވެފައިވާ އެތައް ބަޔަކާއި ޒަޚަމްވެފައިވާ އެތައް ބަޔަކު އެ އުޅަނދުތަކުން ނެރެ އެ ސަރަހައްދުން ދުރަށް ގެންދިއުންވީ ވަރަށް ގޮންޖެހުން ބޮޑު މަސައްކަތަކަށެވެ. އަލިފާން ނިއްވާ މީހުންނާއި، ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ އިދާރާތަކުގެ މީހުން ބްރިޖްމަތީގައި އެމަސައްކަތުގައި އުޅެމުން އަންނަތާ އެތައް ގަޑިއިރެއްވީ އިރު ވެސް، އެ އުޅަނދުތަކުގައި ތާށިވެފައި ތިބި އެންމެން ސަލާމަތްކުރެވޭ ގޮތެއް ނުވެ އެވެ.

ނަމަވެސް އުޅަނދުތަކުން މީހުން ނެރެ ސަލާމަތް ކުރެވޭ ވަރަކަށް، ފަރުވާ ދިނުމަށްޓަކައި އެމްބިއުލާންސްތަކުގައި އެމީހުން ހޮސްޕިޓަލުތަކަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޗައިނާގެ މޫސުމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި ބައެއް ސަރަހައްދުތަކުގައި ދުރު ފެންނަ މިންވަރު އިއްޔެ ހުރީ 500 މީޓަރުގަ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި އެ މިންވަރު 200 މީޓަރަށް ވުރެ ވެސް ކުޑަ ކަމަށް، މޫސުމާ ބެހޭ އިދާރާތަކުން ބުނެ އެވެ.

ޒެންގްޒޫގެ ޓްރެފިކް ފުލުހުން ބުނި ގޮތުގައި ދުރު ފެންނަ ނިސްބަތް ދަށް ވުމުގެ ސަބަބުން، އެ ބްރިޖް މަތިން ދަތުރުކުރުން މަނާކޮށް ފުލުހުން ވަނީ، އެ ހާދިސާ ހިނގުމުގެ ދެ ގަޑިއިރު ކުރިން، އިންޒާރުގެ ނޯޓިސް ވެސް ނެރެފަ އެވެ. ނަމަވެސް އެ ނޯޓިސް އަށް ބެލުމެއް ނެތި ބައެއް މީހުން ބްރިޖް މައްޗަށް އުޅަނދުތަކުގައި އެރުމުން، މި ހާދިސާ ހިނގީ ކަމަށް ފުލުހުން ބުނެ އެވެ.

ޒެންގްޒިން ހުއާންގޭ ބްރިޖަކީ އެ ގައުމުގައި އޮންނަ ޔެލޯ ކޯރުގެ ހުރަސް ކުރުމަށް އެ ކޯރުގެ މަތިން ވަރަށް ދުރަށް އަޅާފައި އޮންނަ ބްރިޖެކެވެ.