Roadha Mihaaru
ގާޒީ ސަމީރު ޑްރަގު ކޯޓަށް

ގާޒީ ސަމީރު އަމިއްލައަށް އެދިގެން ޑްރަގު ކޯޓަށް

14 ޖޫން 2021

ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު ސަމީރު ޑްރަގު ކޯޓަށް ބަދަލުކޮށްދޭން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު ސަމީރު ޑްރަގު ކޯޓަށް ބަދަލުކޮށްދޭން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިޔާމް "މިހާރު"އަށް ވިދާޅުވީ، ގާޒީ ސަމީރު އަމިއްލަ އަށް އެދިވަޑައިިގަތުމުން އޭނާ ޑްރަގް ކޯޓަށް ބަދަލު ކުރަން އެ ކޮމިޝަނުން މި މަހުގެ 6 ވަނަ ދުވަހު ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ޑްރަގު ކޯޓަށް ބަދަލުވާން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރަން ގާޒީ ސަމީރަށް މިހާރު 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ފެމިލީ ކޯޓުގެ ގާޒީ ކަމުގައި ހުންނަވަނިކޮށް، ގާޒީ ސަމީރު ކްރިމިނަލް ކޯޓަށް ބަދަލު ކުރީ 2019 ވަނަ އަހަރު އެވެ. ފެމިލީ ކޯޓުގައި މަސައްކަތް ކުރެއްވުމުގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ ކ. ތުލުސްދޫ ކޯޓުގެ މެޖިސްޓްރޭޓެއްގެ ގޮތުގަ އެވެ.

ފަނޑިޔާރުން އަމިއްލަ އަށް އެދިގެން ކޯޓު ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައިވާ ގޮތުން، މަސައްކަތް ކުރާ ކޯޓު ބަދަލުކުރުމުން، އެ ފަނޑިޔާރަކު ބަދަލުކުރުމަށް ކޮމިޝަނުން ނިންމާ ތާރީހުން ފެށިގެން 15 ދުވަސް ހަމަވެ، ދެން ޖެހިގެން އަންނަ ފުރަތަމަ ރަސްމީ ދުވަހު، އެ ފަނޑިޔާރަކު ބަދަލުވުމަށް އެދުނު ކޯޓުގައި އެ ފަނޑިޔާރު މަސައްކަތް ފަށަން ޖެހޭނެ އެވެ. އެ މުއްދަތުގެ ތެރޭގައި ފަނޑިޔާރު އައްޔަނު ކޮށްފައިވާ ކޯޓުގައި ފަނޑިޔާރު ނިންމަން ހުރި މަސައްކަތް ނިންމަން ޖެހޭނެ އެވެ.

ނަމަވެސް، ކޯޓަށް ބަދަލުވާން ދޭ މުއްދަތު އިތުރު ކުރަން ޖޭއެސްސީގައި ފުރުސަތަކަށް އެދިއްޖެ ނަމަ އެ ފުރުސަތު ދިނުމުގެ އިހްތިޔާރު އެ ކޮމިޝަނަށް ލިބިގެންވެ އެވެ.