Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

03 އޯގަސްޓް 2021

މި މަހުގެ 19 ގައި އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" ސިނަމާތަކަށް ގެންނާނީ ތްރީޑީކޮށް ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ 19 ގައި އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" ސިނަމާތަކަށް ގެންނާނީ ތްރީޑީކޮށް ކަމަށް ބުނެފި އެވެ.

މިކަން އަކްޝޭ ވަނީ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ބުނެފަ އެވެ. އިނގިރޭސިވިލާތުގައި އެއްކޮށް މަންޒަރުތައް ނެގި "ބެލް ބޮޓަމް" އަކީ ސްްޕައި ތުރިލާއެކެވެ. ރަންޖީތު ތިވާރީ ޑައިރެކްޓްކުރި ފިލްމުގެ ކާސްޓްގައި ވާނީ ކަޕޫރާއި ލާރާ ދައްތާ އާއި ހުމާ ގްރޭޝީ އަދި އާދިލް ހުސައިން ހިމެނެ އެވެ.

މި ފިލްމަކީ ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓާއި ނިކިލް އަދުވާނީގެ އެންމޭ އެންޓަޓައިންމަންޓުން ހަދާފައިވާ އެއްޗެކެވެ.

"ބެލް ބޮޓަމް" އަކީ މި އަހަރު ރިލީޒްކުރާ އަކްޝޭގެ ފުރަތަމަ ފިލްމެވެ.

މީޒާނަށް ޕްރިޔަދަރުޝަންގެ އިތުރު ފިލްމެއް

މިދިޔަ މަހު ރިލީޒްކުރި ކޮމެޑީ ފިލްމު "ހަންގާމާ 2" ގެ ކާސްޓްގައި ހިމެނޭ ޒުވާން އެކްޓަރު މީޒާން ޖެފްރީ އެ ފިލްމުގެ ޑައިރެކްޓަރު ޕްރިޔަދަރްޝަންގެ އާ ފިލްމަކަށް ސޮއިކޮށްފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މި ފިލްމަކީ މި މަހުގެ ތެރޭގައި ޝޫޓިން ވެސް ފަށަން ހަމަޖެހިފައިވާ ސަސްޕެންސް ތުރިލާއެކެވެ. އެކަމަކު ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހާމައެއްނުކުރެ އެވެ.

އެކްޓަރު ޖާވިދު ޖެފްރީގެ ދަރިފުޅު މީޒާނަކީ 2019 ގެ "މަލާލް" އިން ބޮލީވުޑަށް ނުކުތް އެކްޓަރެކެވެ.

ދަލްގޫރާ އެކު މުރްނާލް

ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ޒުވާން ބަތަލާ މުރްނާލް ތާކޫރު ސޮއިކުރި ތެލެގޫ ފިލްމުގައި އޭނާ ފެންނާނެ ގޮތް ދައްކާލައިފި އެވެ.

އާދީއްތަ ދުވަހު ފާހަގަކުރި މުރްނާލްގެ 29 ވަނަ އުދަން ދުވަހާ ދިމާކޮށް ދައްކައިލި ފިލްމުގެ މޯޝަން ޕޯސްޓަރުން ދަލްގީރް ސަލްމާން ވެސް ފެނިގެން ދެ އެވެ. ދަލްގޫރަކީ ސޯނަމް ކަޕޫރްގެ 2019 ގެ ފިލްމު "ދަ ޒޯޔާ ފެކްޓާ" ގެ ބަތަލެވެ. އޭނާ އާއި މުރްނާލް އެކީގައި ކުޅޭ ފިލްމުގެ ނަން އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު މީގައި އެ ދެ ތަރިން ކުޅެނީ ސީތާ އާއި ރާމްގެ ރޯލެވެ.

ފިލްމުގެ ޑައިރެކްޓަރަކީ ހަނޫމަތު ރާއޯ ރަގްވަޕުޅީ އެވެ.

މިދިޔަ މަހު ރިލީޒްކުރި "ތޫފާން" ގެ ބަތަލާ މުރްނާލްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝާހިދު ކަޕޫރާ އެކު ކުޅެފައިވާ "ޖާޒީ" އާއި އޭނާގެ ކޮއްކޮ އިޝާން ޚައްތަރާ އެކު ކުޅޭ "ޕިއްޕާ" އަދި އުމޭޝް ޝުކްލާގެ "އާންކް މިޗޯލީ" ހިމެނެ އެވެ.

"ހަންގާމާ 2" ޔޫއޭއީގެ ސިނަމާތަކަށް

ސާދަ އަހަރު ފަހުން ބަތަލާ ޝިލްޕާ ޝެޓީ ފެނިގެން ދިޔަ ފުރަތަމަ ފިލްމު "ހަންގާމާ 2" މި މަހުގެ 5 އިން ފެށިގެން ޔޫއޭއީގެ ސިނަމާތަކުގައު ދައްކަން ނިންމައިފި އެވެ.

މިދިޔަ މަހުގެ 23 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ފިލްމު ޕްރީމިއާކުރި ދަނޑިވަޅަކީ ޝިލްޕާގެ ފިރިމީހާ ރާޖް ކުންދުރާ ބަރަހަނާ ފިލްމު ހެދި މައްސަލައެއްގައި ހައްޔަރު ވެސް ކުރި ދަނޑިވަޅު ކަމަށްވާތީ ފިލްމުގެ ވިޔަފާރި އަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެ އެވެ.

ޕްރިޔަދަރްޝަން ޑައިރެކްޓްކުރި "ހަންގާމާ 2" ގެ ކާސްޓްގައި މީޒާން، ޕަރޭޝް ރާވަލް އަދި ޕްރަނީތާ ސުބާޝް ހިމެނެ އެވެ.